logo

ޕީޕީއެމްގެ ރިޔާސީ ޓިކެޓާއި ގުޅޭ ތުހުމަތުތައް މުއިއްޒު އަނެއްކާވެސް ދޮގުކޮށްފި

profile

ޔޫޝައު ހަސަން - 05 މޭ 2023 - 16:14

މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެވިއްޖެނަމަ ޕީޕީއެމްގެ ފަރާތުން ވާދަކުރާނީ މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކަމަށާއި އަދި އެކަމަށް ޕާޓީގެ އެތެރޭގައި ތާއީދު ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ބުނާ ޚަބަރުތަކަށް މުއިއްޒު އަނެއްކާވެސް ދޮގު ކުރައްވައިފިއެވެ.

އެތުހުމަތުތައް ދޮގު ކުރައްވާ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ "އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން" ކަމަށެވެ.

އަދި މުއިއްޒާއި ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ޚަބަރަކީ ހަގީގަތެއްވާ ހަބަރުތަކެއް ނޫންކަމަށާއި، ޚަބަރެއް އިވުމުން އެޚަބަރެއްގެ ތެދުދޮގު ނުބަލާ ފެތުރުމަކީ ފިތުނަވެރިކަމެއްކަމަށާއި އެކަން ނުކުރެއްވުމަށް އެފަދަ ހަބަރުތައް ފަތުރާ ފަރާތްތަކުގެ ކިބައިގައި މުއިއްޒު ވަނީ އެދިފައެވެ.

މުއިއްޒު މިއަދު ވެސް ވިދާޅުވީ ޔާމީން މިނިވަންވެ ވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކާމިޔާބު ހޯއްދަވާ ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ރާއްޖެ ނަންގަވާ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދެއްވާނެ ކަމަށެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އޮތުމުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު މިވަގުތު ހަމައެއް ނުވެއެވެ. ރިޔާސީ އިންތިހާބަށް ހަތަރު މަސް ދުވަހަށް ވެފައި އޮތްއިރު އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމުގެ ކުރިން ޔާމީންގެ ޖަލު ހުކުމް މަތީ ކޯޓަކުން ބާތިލް ނުކޮށްފިނަމަ ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ.


tel:+9607331319