logo

ޕީޕީއެމް ވިލުފުށި ދާއިރާގެ ރައީސާއި، ސްޓިއަރިންގ ކޮމެޓީގެ ރައީސްއާ ދެކޮޅަށް "ވަރުގަދަ" ޕެޓިޝަނެއް!

profile

އަހުމަދު ޒަލީފު - 14 ޑިސެމްބަރު 2023 - 09:40

—

ޕީޕީއެމް ވިލުފުށި ދާއިރާގެ ރައީސާއި ސްޓިއަރިންގ ކޮމެޓީގެ ރައީސަށް ލިބިގެންވާ ބާރުގެ ބޭނުން ނާޖައިޒްގޮތުގައި ހިފައި، ޕާޓީގެ އާއްމު މެމްބަރުންގެ މަސްލަޙަތު ގެއްލޭ ގޮތަށް ސިއްރިޔާތުގައި ޢަމަލުކުރަމުންދާކަމަށް ބުނެ 200 މީހުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ތ.ވިލުފުށި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ހުށަހެޅި މި ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބު ނިމުމާއެކު ވަޒީފާ ބޭނުންވާ ފަރާތްތަކަށް ވަޒީފާ ހޯދައި ދިނުމުގެ ނަމުގައި ސްޓިއަރިން ކޮމެޓީގެ އެއްވެސް މަޝްވަރާއެއް ކުރުމަކާއި ނުލައި، ދާއިރާގެ ރައީސް (ހަސަން ފައުޒީ) ސްޓިއަރިން ކޮމެޓީގެ ރައީސް (އަޙުމަދު ސާދީ) ސިއްރިޔާރުގައި މަޝްވަރާކޮށް ފެނަކަ ވިލކުފުށީ ބްރާންޗްގެ މެނޭޖަރުކަމުގެ މަޤާމަށް ދާއިރާގެ ނަިއބު ރައީސް (އިބްރާޙިމް ޝާނބީޒް) ޝައުޤުވެރިކަން ފާޅުކޮށްފައި ވަނިކޮށް ސްޓިއަރިންގ ކޮމެޓީގެ ރައީސް އަމިއްލަފުޅަށް ފެނަކައިގައި ތިބި ބައެއް މުވައްޒަފުންނަށް ގުޅައި އެ މަޤާމު ހަވާލުކުރުމަށް ތަކުރާރުކޮށް އާދޭސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ވެރިކަން ލިބުމަށްފަހު މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ދާއިރާގެ ރައީސް އާއި ސްޓިއަރިން ކޮމެޓީގެ ރައީސް އެއްވެސް ކަމަކާއި، ކެމްޕެއިންގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި އެއްވެސް ފަރާތަކާ މަޝްވަރާކުރުމެއް ނެތި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކަންކަން ނިންމަމުންދާތީ މިކަމާއި އާއްމު މެމްބަރުން ހިތާމަފާޅުކުރަމުންދާ ކަމަށެވެ.

މި ޕެޓިޝަންގެ ކޮޕީއެއް މި ނޫހަށް ލިބިފައިވާއިރު، ނަން ހާމަކުރުމަށް ނޭދޭ ފަރާތަކުން މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ވެރިކަން ބަދަލުކުރުމުގެ މަސައްކަތް އެންމެން ނިކުމެ ކޮށްފައިވަނީ ވަރަށް އިޚްލާޞްތެރިކޮށް ކަމަށާއި، ނަމަވެސް ބައެއްގެ ނުފޫޒުގެ ތެރޭގައި އެއްވެސް އިންސާފެއް ނެތި ރަށޫގެ ވަޒީފާތައް ބަހާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ވިލުފުށީ ދާއިރާގައި ހިމެނޭ އެހެން ރަށްރަށުންވެސް ދާއިރާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ބުނެ ޕެޓިޝަންގައި ސޮއި ކުރުމުގެ މަަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.


tel:+9607331319