
ބީއެމްއެލްއިން ނޮޓިފިކޭޝަން ފޮނުވުމަށް ވަނީ ނިންމާފައި
ސްކޭމްތަކުގައި ބޭންކް އޮފް މޯލްޑިވްސްގެ މައްސަލައެއް ތަހުގީގަކަށް ނުފެނޭ: ފުލުހުން

އައިޝަތު ޝާނީ - 20 މާރިޗު 2023 - 08:01
ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކުން އެކި ސްކޭމްތަކުގައި ފައިސާ ގެއްލޭ އެއްވެސް މައްސަލައެއްގައި މިހާތަނަށް ބޭންކު ތެރެއިން އެފަދަ ކަމަކާ ގުޅުން ހުރި ކަމެއް ފާހަގަވެފައި ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަހުގީގުން އެ ބޭންކަށް އާންމުން ތުހުމަތުކުރި ނަމަވެސް މިހާތަނަށް އެފަދަ މައްސަލައެއް ފާހަގަކުރެވިފައިނުވާ ކަމަށް ބުނެފައިވެއެވެ.
އަދި ބޭންކުގެ މައްސަލަތަކަށްވުރެ ބޮޑަށް ސްކޭމްގެ މައްސަލަތަކުގައި ފެންނަނީ ކަސްޓަމަރުންނާއި ގުޅުން ހުރި ކަންތައްތަކެއް ކަމަށްވެސް ފުލުހުން ބުނެފައިވާކަމަށް "މިހާރު" ނޫހާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ފާހަގަކުރެއްވިގޮތުގައި ސްކޭމްތައް ހުއްޓުވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން އަޅަމުންގެންދާ ފިޔަވަޅުތަކާއިއެކު ދުވަސްކޮޅަކަށް އެފަދަ މައްސަލަތައް މަދުވާކަމަށެވެ. އެހެންނަމަވެސް އަނެއްކާވެސް އެފަދަ ސްކޭމްގެ މައްސަލަތައް އިތުރުވާ ކަމަށާއި އެއީ ބޭންކުން އަޅާ ފިޔަވަޅުތަކާ އެކު، ސްކޭމް ހިންގަން ބޭނުންކުރާ އުކުޅުތަކަށް ވެސް ބަދަލު ގެންނާތީ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
"މިހާރު" ނޫހާއި ހަވާލާދީ ސަބް-އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ހަފީލް ވިދާޅުވެފައިވާގޮތުން މިހާތަނަށް ފުލުހުން ބެލި ބެލުމުންނާއި އަދި ކުރި ތަހުގީގުތަކުންވެސް ބޭންކުގެ ތެރެއިން ސްކޭމްތަކުގައި ބައިވެރިވާ ކަމަށް ފާހަގަވެފައިވާ ނުވާ ކަމަށާއި ސްކޭމްގެ ކޮންމެ މައްސަލައެއް ތަހުގީގު ކުރުމުގައި ވެސް ބޭންކުގެ ފުރިހަމަ އެއްބާރުން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ. އެގޮތުން ކޯލް ރެކޯޑިންތަކާއި ބޭންކުގެ ލޮގުތައް ބަލަން ޖެހޭ ނަމަ އެ ފުރުސަތު ވެސް ފަހިކޮށްދޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އިތުރަށް ހަފީލް ވިދާޅުވީ ބީއެމްއެލްއިން ގިނަ މަސައްކަތްތަކެއް ސްކޭމްތަކާއި ގުޅިގެން ކޮށްފިކަމަށާއި އެހެންނަމަވެސް ބައެއް ފިޔަވަޅުތައް އަޅަން މިހާރުވެސް މާ ލަސްވެއްޖެކަމަށް ފާހަގަކުރެއްވިއެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓް، އިންސްޕެކްޓާ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވެފައިވާގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ހީކުރާ ވަރުގެ ބޮޑު ބަދަލެއް ނައި ކަމުގައިވިޔަސް ސްކޭމްގެ މައްސަލަތަކަށް ކޮންމެ ވެސް ބަދަލެއް އައިސްފައިވާކަމަށްށެވެ. އިތުރަށް ލޫތު ފާހަގަކުރެއްވިގޮތުގައި ސްކޭމްގެ މައްސަލަތައް މަދުވި ނަމަވެސް މިހާރު ގެއްލިގެން ރިޕޯޓުކުރާ ފައިސާގެ އަދަދު ގިނަ ކަމަށާއި މިހާތަނަށް 23 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލަ ހުށަހެޅިފައިވާކަމަށެވެ.
އެގޮތުން 2021 ވަނަ އަހަރު 601 މައްސަލައަކާއި 2022 ވަނަ އަހަރު 1087 މައްސަލައެއްގެ އިތުރުން މިއަހަރުގެ މިދިޔަ މަހުގެ ނިޔަލަށް 157 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ.
ފުލުހުން ބުނީ ޕަބްލިކް ވައި-ފައި ޒޯންތަކަކީ ވެސް ބޭނުންކުރުން އެހާ ރައްކާތެރި އެއްޗެއް ނޫން ކަމަށާއި އެ ނެޓްވޯކުތަކުން ވެސް މައުލޫމާތު ހޯދުމުގެ ފުރުސަތު އެބައޮތްކަމަށް. އަދި ފައިސާގެ މުއާމަލާތްތައް ކުރުމުގައި އިތުބާރު ކުރެވޭ، ޔަގީންކަން އޮންނަ އިންޓަނެޓް ކަނެކްޝަނަކުން ކުރުމަށް އިރުޝާދު ދެއްވައިފައިވެއެވެ.
ބީއެމްއެލް ގެންގުޅޭ ފަރާތްތަކަށް ދިމާވާ ސްކޭމްތަކުގެ މައްސަލަވަނީ ވަރަށް ބޮޑުވެފައިކަން ފާހަގަކޮށްލެވެއެވެ. މި ސްކޭމްތަކުގައި ގިނަ ބަޔަކަށް ބޮޑަތި ގެއްލުންތައް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި މިކަން މިހާ އާންމުވެފައިވާއިރުވެސް އަދިވެސް އާންމުންގެ ތެރޭގައި މިކަމަށް ހޭލުންތެރިކަން ކުޑަ، ގިނަ ބަޔަކު އުޅޭކަންވެސް ފާހަގަކޮށްލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން