
މިފްކޯއިން ވިއްކާ މަސްދަޅު---
މިފްކޯއިން ރީޓެއިލްކޮށް މަސްދަޅު ވިއްކާ މިންވަރު ކޮންޓްރޯލްކޮށްފި

ޖިނާން ޙުސައިން ޖަބީން - 23 ނޮވެމްބަރު 2026 - 09:13
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފިހާރަތަކުން ރީޓެއިލްކޮށް މަސްދަޅު ވިއްކާ މިންވަރު ވަގުތީ ގޮތުން ލިމިޓްކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ނިންމުމާއެކު މިފްކޯގެ ފިހާރަތަކުން ކޮންމެ ކަސްޓަމަރަކަށް ވެސް މިހާރު ވިއްކަމުން ދަނީ އެންމެ މަސްދަޅު ކޭހެކެވެ. މިގޮތަށް ވިއްކަން ފެށިތާ މިހާރު ހަފުތާއެއްހާ ދުވަސް ވެފައިވާއިރު، މިކަމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިފްކޯއިން މަސްދަޅު ވިއްކުން ކޮންޓްރޯލްކޮށްފައި މިވަނީ، ރަމަޟާން މަސް ކުރިއަށް އޮތުމާއެކު މަސްދަޅަށް އޮތް ޑިމާންޑް ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައެވެ. މި ބަދަލާ ގުޅޭގޮތުން އެ ކުންފުނިން ބުނެފައިވަނީ، މިއީ ސްޓޮކް ހުސްނުވެ، ވީހާވެސް ގިނަ ރައްޔިތުންނަށް ހަމަހަމަކަމާއެކު މަސްދަޅު ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އެޅި ވަގުތީ ފިޔަވަޅެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ލިމިޓް އުވާލައި، ކުރިންވެސް ވިއްކަމުން ދިޔަ އުސޫލަށް ރުޖޫޢަވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.
ރީޓެއިލްކޮށް ވިއްކާ މިންވަރު ކޮންޓްރޯލް ކުރި ނަމަވެސް، ހޯލްސޭލްކޮށް ވިޔަފާރިތަކަށް މަސްދަޅު ދޫކުރުމުގައި އެއްވެސް ހިފެހެއްޓުމެއް ނެތް ކަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.
ރަމަޟާން މަސް ފެށެން ގާތްވެފައިވާއިރު، ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކޮށްފައެވެ. އެގޮތުން މި އަހަރު އެކަނިވެސް 80،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ރައްޔިތުންނަށް ބަހާފައިވެއެވެ. ނަމަވެސް، ކުރިއަށް އޮތް ރޯދަމަހު ވެސް އެފަދަ ހަދިޔާއެއް ދިނުމަށް ހަމަޖެހިފައިވޭތޯ ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްވެރިކަން ރަނގަޅުވެ، އޮކްޓޫބަރު މަހު އެކަނިވެސް މަސްވެރިންނަށް 30 މިލިއަން ރުފިޔާ ދޫކޮށްފި
21 ދުވަސް ކުރިން

މިފްކޯގެ 7 ވަނަ މަސްފިހާރަ ފުވައްމުލައް ސިޓީގައި ހުޅުވައިފި
މަހެއް ކުރިން

ފެލިވަރުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ދަނީ ބާރު ސްޕީޑުގައި ކުރިއަށް: މިފްކޯ
2 މަސް ކުރިން

މިފްކޯގެ އައު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
2 މަސް ކުރިން


