logo

މިފްކޯގެ އައު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

profile

މުޙައްމަދު ފަޟްލޫން - 11 ސެޕްޓެމްބަރު 2026 - 11:19

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިފްކޯގެ އައު މަސްފިހާރައެއް ހުޅުމާލޭ ފޭސް 2 ގައި ރޭ ހުޅުވައިފިއެވެ.

ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓުތަކުގެ 2 ނަންބަރު ޓަވަރުގެ ތިރީބައިގައި ހުޅުވި މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ ޗެއަރމަން ޢަބްދުﷲ ފާއިޒެވެ.

https://wamco.com.mv/

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސް އާއި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޒީމް އާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ރޭ ހުޅުވި މި ފިހާރައަކީ ހުޅުމާލޭ ފޭސް 2 ގައި ހުޅުވި މިފްކޯގެ ދެވަނަ މަސްފިހާރައެވެ. އަދި މުޅި ރާއްޖެއަށް ބަލާއިރު މިފްކޯގެ ހަވަނަ މަސްފިހާރައެވެ.

ރޭ ވިނަރެސްގައި ހުޅުވި މަސްފިހާރައިގެ އިތުރުން، މިފްކޯގެ މަސްފިހާރަތައް ހުޅުމާލޭގައި ހިންގަމުން އަންނަނީ ފޭސް 2 ގެ ހިޔާ 2 ނަންބަރު ޓަވަރުގައާއި، ފޭސް 1 ގެ ހުޅުމާލޭ ހޮސްޕިޓަލް ކައިރީގައެވެ.

މާލޭގައި ހިންގަނީ ހިލާލީމަގުގައި ހުންނަ މަސްފިހާރައާއި ނޯތު ހާބަރުގައި ހުންނަ މަސްފިހާރައެވެ.

މީގެ އިތުރުން މިއަހަރު ތެރޭގައި އައްޑޫ ސިޓީ ހިތަދޫގައި ވެސް ވަނީ މިފްކޯގެ މަސްފިހާރައެއް ހުޅުވާފައެވެ. އެއީ މާލެ ސަރަހައްދުން ބޭރުގައި ހުޅުވުނު މިފްކޯގެ ފުރަތަމަ މަސްފިހާރައެވެ.

ވިނަރެސްގައި ރޭ މަސްފިހާރަ ހުޅުވުމަށްފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މިފްކޯގެ އެމްޑީ އަދި ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވީ ކަސްޓަމަރުންގެ ބޭނުންތަކާ ފައިހަމަކުރުމަށް މިފްކޯގެ ވިޔަފާރި ފުޅާކުރުމަށް ވަރަށް އިސްކަންދެއްވާ ކަމަށެވެ. އެގޮތުން ރޭ ވިނަރެސްގައި ހުޅުވުނު މަސްފިހާރައިގެ ސަބަބުން މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

ސީއީއޯ ވިދާޅުވީ މިފްކޯގެ ވިޔަފާރި ފުޅާކޮށް، ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް މެދުނުކެނޑި ލިބޭނެ ގޮތް ހެދުމުގެ ސިޔާސަތުގެ ދަށުން، ސިޓީތަކުގައި މިފްކޯގެ މަސްފިހާރަތައް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށާއި މުސްތަގުބަލުގައި ރާއްޖޭގެ ސިޓީތަކުން މިފްކޯގެ މަސްފިހާރަ ފެނިގެން ދިއުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ ކަމަށެވެ.

"ދާދި ފަހުން، ޖުލައި މަހުގެ ތެރޭގައި އަޅުގަނޑުމެން މިވަނީ ކަނޑުއޮތްގިރީގައި ހިކިމަސް ފެކްޓަރީއެއް ވެސް ހުޅުވާފައި. އޭގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް މިފްކޯގެ އުފެއްދުންތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންނަށް ދިމާވަމުންދިޔަ ގޮންޖެހުންތައް ވަނީ ވަރަށް ބޮޑަށް ހައްލުކުރެވިފައި." ސީއީއޯ އަނަސް ވިދާޅުވިއެވެ.

ރޭ ހުޅުމާލެ ފޭސް 2 ގެ ވިނަރެސްގައި ހުޅުވުނު މަސްފިހާރައިން މިފްކޯގެ ހުރިހާ އުފެއްދުންތަކެއް ވެސް ލިބެން ހުންނާނެ ކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ.

1 އޮގަސްޓް 2026 އިން ފެށިގެން މިފްކޯގެ މަސްފިހާރަތައް ހަފުތާގެ ހަތް ދުވަހު ހުޅުވަން ހަމަޖައްސާފައި ވާއިރު، ވިނަރެސް ފިހާރައިންވެސް ހުކުރު ދުވަހުވެސް ހިދުމަތް ލިބޭނެއެވެ. ހުކުރު ދުވަހު މިފްކޯގެ މަސްފިހާރަތައް ހުޅުވަން ފެށުމާއެކު، ކޮންމެ ހުކުރަކަށް ހާއްސަކޮށްގެން ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރެމުންދާއިރު، މިކަމަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

މިފްކޯގެ ފިހާރަތައް އިތުރުކޮށް ވިޔަފާރި ފުޅާކުރަމުންދާއިރު، ކުންފުނީގެ އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް، ފެންވަރު ރަނގަޅު އުފެއްދުންތަކެއް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތުގެމަތީން މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދިވެހި މަސްވެރިންނަށް ނަފާ އިތުރުކޮށްދިނުމެވެ.

https://wamco.com.mv/
tel:+9607331319