logo

ކުރިއަށް އޮތްތާގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ: ރައީސް މުއިއްޒު

profile

އާމިނަތު ޝަފާ - 15 އޯގަސްޓު 2024 - 10:38

ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރާއެކު

ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރާއެކު

ކުރިއަށް އޮތްތާގައި އަވަށްޓެރި އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިއާގެ ރައީސްއަށާއި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށާއި އެ ގައުމުގެ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

އިންޑިއާއާއި ރާއްޖޭގެ ގުޅުމުގެ ސަބަބުން ތަރައްގީގެ ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތްތާގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެ ތަރައްގީއާއި ދިމާލަށް ދަތުރުކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށެވެ.

އިންޑިއާއާއެކު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން ވަރުގަދަކޮށް ދެމެއްހެއްޓުމަށް މަސައްކަތްކުރައްވާނެކަމަށާއި އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އަގުނުކުރެވޭނެހާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަދި ރާއްޖޭގެ އެންމެ ގާތް އެކުވެރި އެއް ޤައުމުކަމުގައި ރައީސް މިފަހުންވެސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިފަހުން ރާއްޖެ ވަޑައިގެންނެވި އެ ގައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރާއެކު އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި 28 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ޙަވާލުކުރުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންޑިއާއާއެކު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ އެއް ޤައުމުން އަނެއް ޤައުމަށް ކަމޭހިތުމުގެ މައްޗަށް ބިނާވެފައިއޮތް ބަދަހިވަމުންދާ އެކުވެރި ގުޅުމެއްކަން އެމަނިކުފާނު އޭރުވެސް ފާހަގަކުރެއްވިއެވެ.

tel:+9607331319