logo

ހަމަނުޖެހުންތައް ބޮޑުވެ އިންޑިއާގެ މަނީޕޫރު ސްޓޭޓްކައި ކާފިއު ހިންގައިފި

profile

ސައިފް އަޒުހަރު - 10 ސެޕްޓެމްބަރު 2024 - 15:11

މަނީޕޫރުގައި ކިޔަވާކުދިން  ބޭއްވި އެއްވުމުގެ ތެރެއިން:

މަނީޕޫރުގައި ކިޔަވާކުދިން ބޭއްވި އެއްވުމުގެ ތެރެއިން:

ހަމަނުޖެހުންތައް ބޮޑުވެ އިންޑިއާގެ މަނީޕޫރު ސްޓޭޓްކައި ކާފިއު ހިންގައިފިއެވެ.

އިންޑިއާގެ އުތުރުއިރުމަތީ ސްޓޭޓެއް ކަމަށްވާ މަނީޕޫރުގައި ހަމަނުޖެހުން ހިންގަމުން އަންނަތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ.

ދުވަސްކޮޅެއް ވަންދެން ހަމަނުޖެހުންތައް މައިތިރިވެފައި އޮތުމަށްފަހު އަނެއްކާވެސް ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް ފެށި މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި 11 މީހުން މަރުވެ، އެތައްބަޔަކު ޒަޚަމްވެފައި ވެއެވެ.

މަނީޕޫރުގައި ހަމަނުޖެހުންތައް ހިނގަމުންދަނީ، އެ ސްޓޭޓްގައި އަޣުލަބިއްޔަތު އޮންނަ ހިންދޫ މެތީ ދަރިކޮޅުގެ މީހުންނާއި، ކްރިސްޓިއަން ކޫކީ ދަރިކޮޅުގެ މީހުންނާ ދެމެދުގައެވެ. އެ ދެ ދަރިކޮޅުގެ މީހުންގެ މެދުގައި މަނީޕޫރު ސްޓޭޓް އޮންނަނީ ދެބައިވެފައެވެ.

ހަމަނުޖެހުންތަކުގެ މައިގަނޑު ސަބަބަކީ، ސްޓޭޓުން ބިން މިލްކުރުމާއި، ސަރުކާރުގެ ވަޒީފާތަކުގެ ކޯޓާގެ މައްސަލައިގައެވެ. ދެ ދަރިކޮޅުގެ މީހުންވެސް ދައުވާރަނީ އިސްކަން ދޭންޖެހޭނީ އެމީހުންނަށް ކަމަށެވެ.

މަނީޕޫރުގައި ކާފިއު ހިންގަންޖެހުނީ، ކިޔަވާކުދިން އިންތިޒާމުކޮށްގެން ބޭއްވި އެއްވުމެއް ހޫނުވެ، އެއްވުމުގެ ބައިވެރިންނާއި، ފުލުހުންނާ ދެމެދު ހިނގި ތަޅާފޮޅުންތައް ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެންނެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކިޔަވާކުދިން އިންތިޒާމުކުރި އެއްވުމުގެ ބައިވެރިން، ސްޓޭޓް ގަވަރްނަރގެ ގެކޮޅުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ސަލާމަތީ އޮފިސަރުންނާ ދިމާއަށް އޮށްގަލާއި ޕްލާސްޓިކް ފުޅިތައް އުކައި "ރުޅިއެރުވީ" ކަމަށެވެ.

އަދި އެހެން ހިސާބެއްގައި މުޒާހަރާކުރި މީހުން ފުލުހުންގެ އަތުން ހަތިޔާރު ފޭރިގަނެ، އެ ހަތިޔާރު ބޭނުންކޮށްގެން ފުލުހުންނާ ދިމާއަށް ބަޑިޖެހީ ކަމަށްވެސް ބުނެފައި ވެއެވެ

ކާފިއު ހިންގާފައިވަނީ މަނީޕޫރުގެ ވެރިރަށް އިމްފާލްއާއި، ވަށައިގެންވާ ސަރަހައްދުތަކުގައެވެ. ކާފިއު ނޯޓިސްގައި ބުނެފައިވަނީ ކާފިއު ހިންގީ މުއްދަތެއް ނެތްގޮތަށް ކަމަށެވެ. ކާފިއު ހިންގުމަކީ ބޭރަށް ނުކުތުން މަނާވުމެވެ.

ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަނީ، ދެ ދަރިކޮޅުގެ މެދުގައި ހަމަނުޖެހުންތައް ހިންގަން، މައްސަލަ އިތުރަށް ގޯސްކުރަމުންދަނީ ސިޔާސީ މީހުން ކަމަށެވެ.

މަނީޕޫރުގައި ވެރިކަން ކުރަމުންދަނީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީންނެވެ.

tel:+9607331319