logo

އެމްޕޮކްސް ކަމަށް ތުހުމަތުކުރެވޭ ކޭސްއެއް އިންޑިއާއިން ފެނިއްޖެ

profile

ސައިފް އަޒުހަރު - 09 ސެޕްޓެމްބަރު 2024 - 13:35

އެމްޕޮކްސް ކަމަށް ތުހުމަތުކުރެވޭ ކޭސްއެއް ފެނިއްޖެކަމަށް އިންޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އިންޑިއާގެ މައި ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހާއަކީ، އެބަލި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ގައުމަކަށް ދަތުރުކޮށްފައިވާ މީހެއް ކަމަށެވެ.

އެމްޕޮކްސްއަށް ޝައްކުކުރެވޭ މީހާ މިހާރުވަނީ ހުރީ ހޮސްޕިޓަލެއްގައި އެކަހެރި ކުރެވިފައި ކަމަށާއި، އޭނާގެ ހާލަތު ރަނގަޅު ކަމަށްވެސް ބުނެފައި ވެއެވެ. އެއީ ޒުވާން ފިރިހެނެއް ކަމަށް ވެއެވެ.

އެމީހާއަށް ބަލިޖެހުނު ކަމަށް ޝައްކުކުރެވެނީ އެމްޕޮކްސްގެ ކޮން ވޭރިއެންޓަކުން ކަމެއް ހެލްތު މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އެކަން ދެނެގަތުމަށް ބޭނުންވާ ޓެސްޓުތައް މިހާރު ހަދަމުންދާ ކަމަށް ބުނެފައި ވެއެވެ.

އިންޑިއާ ސަރުކާރުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތުހުމަތުކުރެވޭ ބަލިމީހާއާ މެދު އަމަލު ކުރަމުންގެންދަނީ އެކަމަށް ގާއިމްކޮށްފައި ހުރި އުސޫލުތަކާ އެއްގޮތަށް ކަމަށާއި، އަދި ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްވެސް ކުރަމުންގެންދާ ކަމަށެވެ.

އެމްޕޮކްސްގެ އައު ވޭރިއެންޓެއް އެފްރިކާގައި ހަލުވިކަމާއެކު ފެތުރޭން ފެށުމާއި އަދި އެމްޕޮކްސްއަކީ ދުނިޔޭގެ އާންމު ސިއްހަތުގެ އިމަޖެންސީއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން ކަނޑައެޅެމާ އެކު އިންޑިއާ އޮތީ ތައްޔާރީ ހާލަތުގައެވެ.

އެމްޕޮކްސް އައު ވޭރިއެންޓުގެ ކޭސްއެއް އިންޑިއާއިން އަދި ފެނިފައިވާކަން ކަށަވަރު ނުވާއިރު، 2022 ވަނަ އަހަރާއި، މިއަހަރުގެ މާޗްމަހާ ދެމެދު، އެމްޕޮކްސް ބަލިޖައްސާ އަސްލު ވައިރަސްގެ 30 ކޭސް ފެނިފައިވާ ކަމަށް އިންޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

އެމްޕޮކްސްގެ އައު ވޭރިއެންޓެއް، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއާއި، އަވަށްޓެރި 12 ގައުމެއްގައި ވަރަށް ހަލުވިކަމާއެކު ފެތުރެން ފެށުމުން، މިއީ ބައިނަލއަގްވާމީގޮތުން ކަންބޮޑުވާންޖެހޭ، ދުނިޔޭގެ އާންމު ސިއްހަތުގެ އިމަޖެންސީއެއް ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައެޅީ އޮގަސްޓްމަހުގެ 15 ވަނަ ދުވަހުއެވެ.

އެމްޕޮކްސްއަކީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ފެތުރޭ، ޚާއްސަކޮށް ގިނަމީހުންނާ ގުޅުންހިންގާ މީހުންނަށް ޖެހޭ ބައްޔެކެވެ.

މިބަލި ޖެހުމުން ރޯގާގެ އަލާމާތްތައް ފެނުމުގެ އިތުރުން، އެމްޕޮކްސްކަން ފާހަގަކުރެވޭނެ އެއްކަމަކީ ގައިގާ ނަގާ ދޮހާއެކު ހުންނަ ބިހިތަކެވެ. ބޭސްފަރުވާނުކޮށް ދޫކޮށްލުމުން ފުރާނައަށް ނުރައްކާވާ ހާލަތުވެސް ދިމާވެއެވެ.

އެމްޕޮކްސްގެ އައު ވޭރިއެންޓް މިހާތަނަށް ފެނިފައިވާ އެފްރިކާގެ ގައުމުތަކަކީ ބުރުންޑީ، ކެމަރޫން، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ، ގާނާ، އައިވަރީ ކޯސްޓް، ކެންޔާ، ލައިބީރިއާ، މޮޒަމްބީކް، ނައިޖީރިއާ، ރުވާންޑާ، ރިޕަބްލިކް އޮފް ކޮންގޯ، ދެކުނު އެފްރިކާ އަދި އުގަންޑާއެވެ.

އެފްރިކާއިން ބޭރުން އެމްޕޮކްސްގެ އައު ވޭރިއެންޓް ފެނިއްޖެކަން މިހާތަނަށް ރިޕޯޓްކޮށްފައިވަނީ، ސްވިޑަން، ޕާކިސްތާން، ތައިލެންޑް އަދި ފިލިޕީންސެވެ.

tel:+9607331319