logo

ޓްރަމްޕް އަވަހާރަކޮށްލަން އުޅުނުމީހާ ފިލާއޮތީ ގަސްތަކުގެތެރޭގައި

profile

ސައިފް އަޒުހަރު - 16 ސެޕްޓެމްބަރު 2024 - 12:48

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އަމިއްލަފުޅު ގޮލްފް  ކޯސްގައި:

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އަމިއްލަފުޅު ގޮލްފް ކޯސްގައި:

އެމެރިކާގެ ކުރީގެ ރައީސް އަދި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާދޭން އުޅުނުމީހާ ފިލާއޮތީ ގަސްތަކުގެ ތެރޭގައި ކަމަށް، އެފްބީއައި އިން ބުނެފިއެވެ.

ޑޮނަލްޑް ޓްރަމްޕަށް މީހަކު ހަމަލާދޭން އުޅުނީ، ފްލޮރިޑާގެ ވެސްޓް ޕާމް ބީޗްގައި ގާއިމްކޮށްފައިވާ ޓްރަމްޕްގެ އަމިއްލަފުޅު ގޮލްފް ކޯސްގައި ގޮލްފް ކުޅުއްވަން ހުންނަވަނިކޮށެވެ.

ގޮލްފް ކޯސްއާ އިންގެން ހުރި ގަސްތަކެއްގެ ތެރޭގައި މީހަކު ފިލާ އޮއްވާ ފެނުނީ ޓްރަމްޕަށްވުރެ ކުރީގައި ހުރެގެން ސަލާމަތީގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދިޔަ ސީކްރެޓް ސަރވިސް އޭޖެންޓަކަށެވެ. އެއާއެކު، ސެކިއުރިޓީން ބަޑިޖަހަން ފެށުމުން އެމީހާވަނީ އޭނާ ގެންގުޅުނު ހަތިޔާރުތައް އެތަނަށް ދޫކޮށްލާފައި ފިލައިގެން ގޮސްފައެވެ.

އެމީހާ އެތަނަށް ދޫކޮށްފައިދިޔަ ތަކެތީގެ ތެރޭގައި އޭކޭ – 47 ސްޓައިލްގެ ރައިފަލްއަކާއި، ދެ ދަބަހާއި، ގޯ ޕްރޯއެއްގެ އިތުރުން، އިތުރު ސާމާނުވެސް ހުއްޓެވެ.

އެމީހާ ފިލަން ދިޔައީ ކަޅުކުލައިގެ ނިސާން ކާރެއްގައެވެ.

ފުލުހުންނަށް އެމީހާ ފަސޭހައިން އަތުލައިގަނެވުނީ، އޭނާ އަރައިގެން ނައްޓާލި ކާރާއި އަދި ކާރުގެ ނަމްބަރު ޕްލޭޓް ފެންނަގޮތަށް އާންމު މީހަކު ނަގައި ފުލުހުންނާ ހިއްސާކުރި ފޮޓޯތަކެއްގެ ސަބަބުންނެވެ.

ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާދޭން އުޅުނު މީހާގެ ނަމެއް އެފްބީއައި އިން ހާމައެއް ނުކުރެއެވެ.

ނަމަވެސް، އެމެރިކާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ، އެއީ ހަވާއީއަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ ރަޔާން ވެސްލީ ރައުތް ނަމަކަށްކިޔާ މީހެއް ކަމަށެވެ.

ޓްރަމްޕަށް ހަމަލާދޭން އުޅުނު ކަމަށްބުނާ ރަޔާން ވެސްލީ ރައުތް:

މިއީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން މަސައްކަތް ކުރެވުނު ދެވަނަ ފަހަރެވެ.

މީގެ ދެމަހެއްހާ ދުވަސްކުރިން ޖުލައިމަހުގެ 3 ވަނަ ދުވަހު ޕެންސިލްވޭނިއާގައި ބޭއްވި ކެމްޕެއިން އެއްވުމެއްގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށް މީހަކު ޖެހި ބަޑީގެ ވަޒަނެއް ޓްރަމްޕްގެ އެއް ކަންފަތްޕުޅަށް އަރައި ޒަޚަމްވެވަޑައި ގެންނެވިއިރު، ދެން ފޮނުވާލި ވަޒަންތަކުން ޓްރަޕްގެ ސަޕޯޓަރަކު މަރުވެ އިތުރު ހައެއްކަމީހުން ޒަޚަމްވިއެވެ.

tel:+9607331319