logo

އެއް ދުވަހުގެ ދަތުރުތަކަށް ރާއްޖެ އައިސް ގިނަ އަދަދެއްގެ ޑޮލަރު ނެރޭ ބިދޭސީއެއް ބަންދުކޮށްފި

profile

ޝުރުފާ މުހަންމަދު - 05 ސެޕްޓެމްބަރު 2024 - 10:47

ވަރަށް އާންމުކޮށް ރާއްޖެ އައިސް، ގޮސް އުޅޭ ބިދޭސީއެއް މަނީ ލޯންޑަރިންގެ ތުހުމަތުގައި ބަންދުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އޭނާގެ މައްޗަަށް 5 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވާއިރު، އެ ކޯޓު އަމުރުގައިވާގޮތުން އެމީހާ އަތުލައިގަތީ ކަސްޓަމްސް އިންނެވެ. އަދި އޭނާ އަތުލައިގެންފައި ވަނީ ގިނަ އަދަދެއްގެ ޑޮލަރު ހިފައިގެން ރާއްޖެއިން ބޭރުވާން އުޅެނިކޮށްކަން ކޯޓު އަމުރުން އެނގެ އެވެ.

ނިސްތާރު ހަލީމް ރަހުމާން ނަމަކަށް ކިޔާ އެމީހާ އަކީ އިންޑިއާއަށް ނިސްބަތްވާ މީހެކެވެ. ކޯޓު އަމުރުގައި ފުލުހުން ދީފައިވާ މައުލޫމާތު ހިމަނާފައިވާއިރު، އޭގައިވާގޮތުން އެމީހާ އަކީ ވަރަށް ގިނައިން ރާއްޖެ އައުމަށް ފަހު ޖެހިގެން އަންނަ ދުވަހު ފުރައިގެންދާ މީހެކެވެ. އަދި މިފަހަރު އޭނާ ހައްޔަރުކުރި އިރު އޭނާގެ އަތުން ގިނަ އަދަދެއްގެ ޑޮލަރު ފެނިފައިވާއިރު، އެ ޑޮލަރަކީ އެހެން މީހަކު އޭނާ އަށް ދިން ޑޮލަރުކަން ހާމަވާ ފަދަ ލިޔެކިޔުން ވެސް ފެންނަން ހުރި ކަމަށެވެ.

މީގެ އިތުރަށް ޕާސްޕޯޓުގައި އޭނާގެ ނަން ވެސް ބަދަލުކޮށްފައިވާކަން، ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

ކޯޓު އަމުރުގައި ބުނި ގޮތުގައި، އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައި ވަނީ 24 ގަޑިއިރު ފަހަނައަޅައި ދިޔަ ފަހުން ކަމަށް ބުނެ އޭނާގެ ދިފާއީ ވަކީލުން ވަނީ ހައްޔަރު އިޖުރާއަތުތައް ރަނގަޅު ނޫން ކަމަށް ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްފަ އެވެ. އެކަމަކު އެމީހާ އަކީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ފުރަތަމަ ހުރި މީހެއް ކަމާއި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކުރީ ޖިނާއީ ތުހުމަތުތަކެއް ކުރެވުމުންކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔަތާ 24 ގަޑި އިރު ތެރޭގައި ކޯޓަށް ހާޒިރުކޮށްފަިއިވާކަން ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

ކޯޓު އަމުރުގައިވާގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ޖިނާއީ ބޮޑު ކުށަކަށެވެ. އަދި ބަންދުގައި ބަހައްޓަން ނިންމާފައި ވަނީ އޭނާގެ ޓްރެވެލް ހިސްޓްރީ އަށް ބަލައި، ޝައްކުވާފަދަ ކަންކަން ފާހަގަވާން ހުރުމުން، އިތުރަށް ތަހުގީގުކޮށް އޭނާގެ އަތުން ފެނުނު ފައިސާގެ އަސްލު ހޯދުމަށެވެ.

ކޯޓުން މިގޮތަށް އަމުރުކުރި ނަމަވެސް، އޭނާގެ އަތުން ފެނިފައިވަނީ ސައްހަ ފައިސާއެއް ކަމަށް ބުނެ ދިފާއީ ވަކީލުން އޭނާ ދޫކޮށްލުމަށް އެދިފައި ވެއެވެ.


tel:+9607331319