logo

އަލުން ބަލަން ފެށި ޔާމީންގެ ޝަރީއަތް މަޑުޖައްސާލައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 16 ސެޕްޓެމްބަރު 2024 - 12:02

ރައީސް ޔާމީންގެ ޝަރީއަތް

ރައީސް ޔާމީންގެ ޝަރީއަތް

ވ. އާރަށު މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގެ ބައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައި ވާތީ، އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޝަރީއަތް މަޑުޖައްސާލައިފި އެވެ.

އާރަށް ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަން ފެށީ އެ މައްސަލައިގައި އެ ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ހުކުމް ކުރުމުން ނެވެ. އެ މައްސަލަ އަލުން ބަލަން ޖެހޭނީ ކްރިމިނަލް ކޯޓުގައި ކުރިން ހިންގި ޝަރީއަތުގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް އެއް ފަރާތްކޮށްގެން ކަމަށް ހައި ކޯޓުން އަންގާފައިވާ ބައި ސުޕްރީމް ކޯޓުގައި ދައުލަތުން ވަނީ އިސްތިއުނާފްކޮށްފަ އެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހު ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަނެފައިވީ ނަމަވެސް އެ މައްސަލައިގެ އަޑުއެހުމެއް އަދި ބާއްވާފަ އެއް ނުވެ އެވެ.

ހައިކޯޓުން އެ މައްސަލަ އަލުން ބަލަން އެންގި އެންގުމާ އެއްގޮތަށް ކްރިމިނަލް ކޯޓުގައި މިއަދު އަޑުއެހުމެއް ބޭއްވި އެވެ. ގާތްގަނޑަކަށް 20 މިނެޓަށް ކުރިއަށްދިޔަ އެ އަޑުއެހުމުގައި މިއަދު އޮތީ ޝަރީއަތުގެ ކުރިން ދެ ފަރާތުގެ ހުށަހެޅުންތައް ހުށަހެޅުމެވެ. އެގޮތުން ޔާމީންގެ ދިފާއީ ވަކީލު، އަދި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވަނީ އެ އަޑުއެހުން ކުރިއަށް ގެންދިއުމަށް އިއުތިރާޒް ކުރައްވާފަ އެވެ.

އެގޮތުން އޭނާ ދެ ކަމެއް ފާހަގަކުރެއްވި އެވެ. ފުރަތަމަ ކަމަކަށް އޭނާ ފާހަގަކުރެއްވީ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވުމެވެ. ޖަމީލް ވިދާޅުވީ މަތީ ކޯޓުގައި ވެސް އާރަށު މައްސަލަ ކުރިއަށްދާއިރު ދަށު ކޯޓުން އެ މައްސަލަ ކުރިއަށްގެންދިއުމަކީ އަދުލުވެރި ޝަރީއަތެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު ގެއްލޭ ކަމެއް ކަމަށެވެ.

އެ މައްސަލަ ކުރިއަށް ގެންދަން އިއުތިރާޒް ކުރެއްވި ދެވަނަ ސަބަބަކީ މައްސަލައިގެ ތަހުގީގީ މަރުހަލާގައި ޔާމީން ދެއްކެވި ވާހަކަތަކުގެ ލިޔެކިޔުމާއި ސީޑީތައް ދިފާއަށް ލިބިފައިނުވުމެވެ.

ދައުލަތުން ވެސް ޔާމީންގެ ވަކީލުން ދެއްކެވި ވާހަކަތަކުގައި ބުރަދަނެއް ހުރި ކަމަށް ގަބޫލުކުރެ އެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކުރުމަށްފަހު މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ ސުޕްރީމް ކޯޓުގައި އާއި، ދަށު ކޯޓުގައި ހިނގަމުންދާ މައްސަލައިގައި ފުށުއަރާ ކަންކަން ހުރުމާއެކު ދެން، އެ ކޯޓުގައި މައްސަލަ ކުރިއަށްގެންދާނީ މަތީ ކޯޓުން މައްސަލައާ މެދު ގޮތެއް ނިންމުމުން ކަމަށެވެ.

" އާދެ ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު އަޅުގަނޑަށް ފާހަގަކުރެވެނީ މި މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ މައުލޫއުއާއި ސުޕްރީމް ކޯޓުގެ އިސްތިއުނާފްކުރެވިފައިވާ މައްސަލައިގެ މައުލޫއުއާއި ކުޑަ އަރާރުމެއް އޫޅޭކަމަށް އިނގޭތޯ؟. އެހެންވީމާ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރެވިފައިވާ މައްސަލައާ މެދު ގޮތެއް ނިންމުމުން މި ހުށަހެޅުންތަކާ މެދު ވާހަކަދެއްކުމުގެ ކުރިއަށް ގެންދާނީ." ގާޒީ ވިދާޅުވި އެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތްތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުރީ ރިޝްވަތުގެ ކުށަށް ހަތަރު އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށަށް 5 މިލިއަން ރުފިޔާގެ ޖޫރިމަނާ އާ އެކު 7 އަހަރުގެ ޖަލު ހުކުމެކެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން، މިދިޔަ އޭޕްރިލް މަހު ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ހުކުމް ކުރި އެވެ. އެއާއެކު ޖަލު ހުކުމުން ސަލާމަތްވެވަޑައިގެން އެމަނިކުފާނު މިހާރު ހުންނެވީ މިނިވަނެއްގެ ގޮތުގަ އެވެ.

https://wamco.com.mv/
tel:+9607331319