ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ހިޔާނަތް، އެމްއެމްޕީއާރުސީ
ހިޔާނާތުގެ ތަހުގީގުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަނު
ހުންނެވި ކަމަށް ދައުލަތުން ބުނަމުންދާތީ، ފުލުހުންގެ ތަހުގީގަށް ދެއްވި އިންޓަވިއުތަކުގެ
ރެކޯޑިން ހުރި ސީޑީތައް އެމަނިކުފާނުގެ ވަކީލުންނަށް ފޯރުކޮށްދިނުމަށް ކްރިމިނަލް
ކޯޓުން ދައުލަތަށް އަންގައިފި އެވެ.
އާރަށް ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަން ފެށީ އެ މައްސަލައިގައި އެ ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ހުކުމް ކުރުމުން ނެވެ. އެ މައްސަލަ އަލުން ބަލަން ޖެހޭނީ ކްރިމިނަލް ކޯޓުގައި ކުރިން ހިންގި ޝަރީއަތުގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް އެއް ފަރާތްކޮށްގެން ކަމަށް ހައި ކޯޓުން އަންގާފައިވާ ބައި، ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް މިދިޔަ މަހުގެ 20 ވަނަ ދުވަހު ބަލައިގަނެފައިވީނަމަވެސް،، އެ މައްސަލައިގެ އަޑުއެހުމެއް އަދި ބާއްވާފަ އެއް ނުވެ އެވެ.
ހައިކޯޓުގެ އެންގުމާ އެއްގޮތަށް ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ، ސުޕްރީމް ކޯޓުން ވަކި ގޮތެއް ނުނިންމަނީސް އެ ކޯޓުގެ ޝަރީއަތްތައް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށެވެ. އެގޮތަށް ގާޒީ ނިންމެވީ، ޔާމީންގެ ދިފާއީ ވަކީލުންގެ ފަރާތުން އެ އަޑުއެހުން ކުރިއަށްގެންދިއުމަށް އިއުތިރާޒް ކުރުމުން ނެވެ.
އަޑުއެހުން ކުރިއަށްގެންދަން ދިފާއުން އިއުތިރާޒްކުރީ، ސުޕްރީމް ކޯޓުގައި އާއި، ދަށު ކޯޓުގައި ހިނގަމުންދާ މައްސަލައިގައި ފުށުއަރާ ކަންކަން ހުރުމާއި، ތަހުގީގީ މަރުހަލާގައި ޔާމީން ދެއްވި އިންޓަވިއުތަކުގެ ރެކޯޑިންތައް ލިބިފައިނުވާތީ އެވެ.
އެކަމާ ގުޅިގެން ވާހަކަދައްކަވަމުން ޔާމީންގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ މައްސަލައިގެ ތަހުގީގުގައި ޔާމީން ހަނުހުންނެވި ކަމަށް ދައުލަތުން ތަކުރާރުކޮށް ބުނަމުންދާއިރު އިންޓަވިއުތަކުގެ ރެކޯޑިން ހުރި ސީޑީތައް ދިފާއާ ހިއްސާކުރަން ދައުލަތުން ވެސް ކޯޓަށް ހުށަހަޅާފައިވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމަޔަށް އައިރު، އެ ރެކޯޑިން ހުރި ސީޑީތައް ދިފާއަށް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
" މި ފެކްޗުއަލް އިޝޫއަކީ، އަޅުގަނޑުގެ މުވައްކިލު ހަނު ހުރީތޯ ނުވަތަ ނޫންތޯ. ފެކްޗުއަލް އިޝޫއަކީ ދައުލަތުގެ ޕީޓީއެމްއާ ސީދާ ގުޅުމެއް އޮތް އިޝޫއަކަށް ވާތީވެ އަޅުގަނޑުމެން ވާނެ ސިޓީއަކުންނާއި އަދި ފޯމުން ވެސް އެ ސީޑީތަކުގެ ކޮޕީ ހެއްދުމަށް ނޫނިއްޔާ ހައްދަވާފައި ދެއްވުމަށް އެދިފަ." ހަމްޒާ ވިދާޅުވި އެވެ.
އެ ރެކޯޑިންތައް ލިބިފައިނުވާތީ ތަހުގީގީ މަރުހަލާގައި ޔާމީން އަމަލުކުރެއްވި ގޮތާ މެދު ކަށަވަރުކަމާ އެކު ބަހުސްކުރަން ދިފާއަށް ދަތިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. ސަބަބަކީ، ހަމްޒާ ވިދާޅުވި ގޮތުގައި ތަހުގީގުގައި ހަނު ނުހުންނަވާ ކަމަށް ޔާމީން ވިދާޅުވަމުންދިޔުމެވެ.
"ތަފާތު އެކި މަޖިލީސްތަކަށް ތަހުގީގުގެ ސުވާލުތައް ކުރުމަށްޓަކައި ގެނައިމަ އަޅުގަނޑުގެ މުވައްކިލަށް ޖިސްމާނީ ގޮތުންނާއި އަދި ނަފްސާނީ ގޮތުން ދިމާވި އުނދަގޫތަކާއި އަދި އަޅުގަނޑުގެ މުވައްކިލުގެ ހައްގުތައް ހޯދުމަށްޓަކައި އެޅުނު ހުރަސްތަކުގެ ސަބަބުން އެ ނޫން އިތުރު ގޮތެއް ނެތިގެން ޝަރީއަތުގެ މަޖިލީހުގައި ދެން ހުރި ވާހަކަތައް ފާހަގަކުރާނެ ވާހަކަ ވިދާޅުވީއޭ. އެހެންމަ މިއީ ފެކްޗުއަލީ ޑިސްޕިއުޓެޑް އިޝޫއަކަށް ވާތީ އަޅުގަނޑުމެން އެދިފައިވާނެ އެ ސީޑީތައް ހޯދަން" އޭނާ ވިދާޅުވި އެވެ.
ހަމްޒާ އެހެން ވިދާޅުވުމާ އެކު ގާޒީ އަލީ ނަދީމް ވިދާޅުވީ އެ ސީޑީތައް ހޯދުމަށް ދިފާއުން ކޯޓަށް ސިޓީ ހުށަހަޅާފައިވީނަމަވެސް، އެ ރެކޯޑިންތައް ލިބޭނީ އެކަމަށްޓަކައި އޮންނަ ފޯމު ހުށަހެޅުމުން ކަމަށެވެ. އަދި އެ ފޯމު ދިފާއުން ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށްވާތީ ރެކޯޑިންތައް ރައްދު ކޮށްދިނުމަށް ކޯޓަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާ ކަމަށެވެ.
އިންޓަވިއުތަކުގެ ރެކޯޑިންތައް ލިބިފައިނުވާތީ، ޝަރީއަތަށް އަސަރުކޮށްފާނެ ކަމަށް ދިފާއުން ފާހަގަކުރި ނުކުތާއަށް ދައުލަތުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. އެކަމުގައި ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ ތަހުގީގުގައި ޔާމީން ހަނު ހުންނެވި ވާހަކައަކީ ތަކުރާރުކޮށް ދައުލަތުން ދައްކަމުންދިޔަ ވާހަކައެއް ނަމަވެސް މީގެކުރިން ދިފާއުން އެކަން ފާހަގަކޮށްފައިނުވާ ކަމަށެވެ. އެހެންނަމަވެސް އެ ރެކޯޑިންތަކާއި ލިޔެކިޔުންތައް ދިރާސާކުރުމުގެ ފުރުސަތު ދިފާއަށް އޮންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައާ މެދު ވަކި ގޮތެއް ނުނިންމަނީސް ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ކުރިއަށް ނުގެންދަން ނިންމަވައި މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ދިފާއުން އެދުނު ގޮތަށް އެ ސީޑީތައް ހަވާލުކުރުމަށް ދައުލަތަށް އަންގަވާފަ އެވެ.