logo

ސިފާހުގެ މައްޗަށް ޑައިމޯފިން ޓްރެފިކްުރިކަން ސާބިތުވެ އުމުރަށް ޖަލަށް

profile

ޒިދާން މުޙައްމަދު - 08 ސެޕްޓެމްބަރު 2024 - 15:44

ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

މަސްތުވާތެކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ހަސަން ސިފާހުގެ މައްޗަށް ޑައިމޯފިން ޓްރެފިކްުރިކަން ސާބިތުވެ އުމުރަށް ޖަލަށް ހުކުމްކޮށްފިއެވެ.

މަގުމައްޗަށް އެއްލާލި ސިގިރޭޓު ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި ގިނަ އަދަދެއްގެ ރަބަރު ޕެކެޓުތަކެއް ފެނުނު މައްސަލައާ ގުޅިގެން ސިފާހު ހައްޔަރުކުރީ 2022 ވަނަ އަހަރުއެވެ.

ސިފާހުގެ މައްޗަށް ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލީ، 7 ފެބްރުއަރީ 2022 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާއަކާ ގުޅިގެންނެވެ.

އެރޭ އޭނާއާ އިތުރު މީހަކު ސައިކަލުގައި ދުއްވަމުން ދަނިކޮށް، ސައިކަލުގެ ލޯގަނޑު ރަނގަޅު ކުރަން ފުލުހުން ސައިކަލު ހުއްޓުވުމުން ސައިކަލުން ސިފާހު ފައިބައިގެން އެތަނުން ދާން ފެށުމުން ފުލުހުން އޭނާއަށް ގޮވުމުން އޭނާ މަގުމައްޗަށް ސިގިރޭޓު ފޮއްޓެއް އެއްލާލާފައި ދުއްވައިގަތީ ކަމަށް އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައިވެއެވެ.

ސިގިރޭޓު ފޮށިތެރެއިން މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ގިނަ އަދަދެއްގެ ކުދި ރަބަރު ޕެކެޓު ފެނިފައިވެއެވެ. އެ މަސްތުވާތަކެތީގެ ބަރުދަނުގައި ގާތްގަނޑަކަށް ނުވަ ގްރާމް ހުއްޓެވެ.

އޭނާ ކުށަށް އިންކާރުކޮށް، ކްރިމިނަލް ކޯޓުގައި ބުނެފައިވަނީ ދައުވާގައި ބުނާ ފަދަ ކުށުގެ އެއްވެސް އަމަލެއް ނުކުރާ ކަމަށާއި މަގުމައްޗަށް ސިގިރޭޓު ފޮއްޓެއް ނޭއްލާ ކަމަށާއި ފުލުހުން ބުނާ ފޮއްޓަކީ އޭނާއާ ގުޅުންހުރި އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް، އޭނާގެ ފަރާތުން ދިފާއީ ހެކި ހުށަހަޅާފައި ނުވެއެވެ.

ދައުލަތުން ވަނީ ސީނަށް ދިޔަ ފުލުހުން ހެކީންގެ ގޮތުގައި ހުށަހަޅައިފައެވެ. ފުލުހުންގެ ހެކިބަހުންނާއި ދައުލަތުން ހުށަހަޅާފައިވާ އެހެނިހެން ހެކިތަކުން މައްސަލަ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ކުށުގެ މާއްދީ އަދި މައުނަވީ ރުކުން ސާބިތުވާތީއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ތަހުގީގު މަރުހަލާގައި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ބަންދުގައި ހޭދަކުރަން ޖެހެނީ 24 އަހަރާއި 11 މަހެވެ.

މީހެއްގެ އަތުން ހަތަރު ގްރާމަށް ވުރެ ގިނައިން ޑައިމޯފިންގެ ބާވަތެއް ފެނިއްޖެ ނަމަ ގާނޫނީ ގޮތުން ބެލެވޭނީ އެއީ ޓްރެފިކް ކުރުމަށް ގެންގުޅުނު ތަކެތި ކަމަށެވެ. އެ ކުށަށް އޮންނަ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

tel:+9607331319