logo

ބުޅައި ހިފައި ކަތިލައިގެން ކެއްކި މީހާ އިމިގްރޭޝަނުން އަތުލައިގެންފި

profile

ޒިދާން މުޙައްމަދު - 20 އޯގަސްޓު 2024 - 11:50

މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ހިފައި ކަތިލައިގެން ކައްކައި، ކާތަކެތި ތައްޔާރުކޮށްގެން ވިއްކާކަމުގެ ތުހުމަތުކުރެވޭ މީހާ އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

މަގުމަތީގައި އުޅޭ ބުލާތައް ހިފާ މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ މީހަކާބެހޭ މަޢުލޫމާތު، ގުޅިގެން އެ މައްސަލަ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިިފައެވެ. އަދި ފުލުހުން އަންނަނީ މިމައްސަލަ ތަހުގީގުކުރަމުންނެވެ.

މީގެ އިތުރުން، މޯލްޑިވްސް އިމިގްރޭޝަނުން ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ހޯދުމަށް ނޯޓިސްއެއް ނެރެފައެވެ. އެ ނޯޓިސް ނެރެފައިވަނިކޮށް، ލިބުނު އިންޓެލިޖިއަންސް މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ޚިދުމަތާއި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެ މީހާ ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންގެ އެހީގައި އެ މީހާ ހައްޔަރުކުރީ ބޯކޮށާ ތަނެއްގެ ތެރެއިންނެވެ.

މިމައްސަލަ ފެންމަތިކޮށްފައިވަނީ ދަރުމައަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމުގައިވާ "ފެލިން" ޖަމްޢިއްޔާއިންނެވެ.

ފެލިން ވެލްފެއަރއަކީ ޖަނަވާރުން، ހާއްސަ ގޮތެއްގައި ބުޅަލުގެ ހައްގުގައި ހަރަކާތްތެރިވަމުން އަންނަ ދިވެހި ޖަމްއިއްޔާއެކެވެ.

އެޖަމްއިއްޔާއިން އާންމުކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި، މާލެ ތެރޭގައި އުޅޭ ބުޅާތައް ހިފައި، އޭގެ މަސް ކައްކައި ވިއްކާކަމުގެ ތުހުމަތު ކުރެވޭ ބިދޭސީ މީހާގެ ވަނަވަރު ހާމަކޮށްފައި ވެއެވެ.

އެމްޑީ އަރަފާތު ނަމަކަށް ކިޔާ އެ ފިރިހެން މީހާއަކީ އަވަށްޓެރި ބަންގްލަދޭޝްގެ ރައްޔިތެކެވެ.

ގ. ރަނައުރާގެ އާގޭގައި ދިރިއުޅޭ މި ބިދޭސީ މީހާ ބުޅާ މަސް ކައްކައި ޕާރުސަލުކުރަނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި ކަމަށް ތުހުމަތު ކުރެއެވެ.

އޭނާގެ ފޮޓޯވެސް ވަނަވަރާއެކު ހިމަނާފައިވާއިރު އޭނާ މަސައްކަތްކުރަނީ ވަޅޯމަސް "ބޮންދު" މާރުކޭޓުގައި ކަމަށް ފެލިންއިން ވަނީ ބުނެފައެވެ.

މާލޭގައި އުޅޭ ބުޅާތަކަށް ފްލީ ޓްރީޓްމެންޓް ދިނުމަށްފަހު, ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަނީ ފެލިން ޖަމްެއިއްޔާއިންނެވެ.

"ފީލައިން ވެލްފެއާ އޯގަނައިޒޭޝަން" އިން ބުޅާތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ފައްޓަވައިދެއްވީ އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. ޢާއިޝަތު ރަމީލާއެވެ. އެ ޖަމިއްޔާއިން ފުރަތަމަ ރަޖިސްޓްރީކުރީ މޭރީބްރައުން ރެސްޓޯރެންޓް ކުރިމަތީގައި އޮންނަ ޕާކިން ސަރަހައްދަށް އެއްވާ ބުޅާތަކެވެ. އެއީ މާލޭގައި އެއްތަނަކަށް އެންމެ ގިނައިން ބުޅާ އެއްވާ އެއް ސަރަހައްދެވެ.

ރަޖިސްޓްރީ ކުރި ބުޅާތައް ފާހަގަ ވާނެހެން ސީރިއަލް ނަމްބަރުގެ އިތުރުން އެ ބުޅަލެއްގެ ޚާއްސަ ނަމުން ޓެގެއް އަޅުވާފައިވެއެވެ.

މާލެ ސަރަހައްދުގައި ގިނަވެގެން އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި ޕެޓް ކެއާ ފެސިލިޓީ ހެދުމުގެ އަމަލީ މަސައްކަތް ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ފެލްފެއާއިން މި މަހު 19ގައި ވަނީ ފަށައިފަ އެވެ. މި ތަން ހަދާ ނިމުމުން މަގުމަތީގައި އުޅޭ ބުޅާތައް އެތަނަށް ގެންގޮސް އެއަށް ބޭނުންވާ އެކި ފަރުވާތައް ދޭނެ އެވެ.

https://wamco.com.mv/
tel:+9607331319