logo

ބުރާސްފަތި ދުވަހު އެކަނިވެސް ގަވާއިދާ ހިލާފަށް އުޅޭ 30 ބިދޭސީއަކު ޑީޕޯޓުކޮށްލި

profile

އާމިނަތު ޝަފާ - 21 ސެޕްޓެމްބަރު 2024 - 09:15

އިއްޔެ ޑީޕޯޓްކޮށްލި ބިދޭސީން

އިއްޔެ ޑީޕޯޓްކޮށްލި ބިދޭސީން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައިތިބި އިތުރު 30 ބިދޭސީއަކު ޑީޕޯޓު ކޮށްލައިފިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވަކިކުރުމުގެ މަރުހަލާގެ ތެރެއިން އިމިގްރޭޝަނުން ބަންދުކޮށްފައިވާ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 30 އަށް ވުރެ ގިނަ މީހުން ޑީޕޯޓުކުރިކަން ހާމަކޮށް އިމިގްރޭޝަނުން ބުނީ މި ފިޔަވަޅަކީ އިމިގްރޭޝަންގެ ގާނޫނުތަކަށް އަމަލުކުރާކަން ކަށަވަރު ކުރުމަށް މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ އަލިގަދަ ހެއްކެއް ކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީން މި ގަވާއިދުތަކަށް ތަބާވުމަށް އިމިގްރޭޝަނުންވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ޓާސްކު ފޯސްއަށް ލިބިފައިވާ މަޢުލޫމާތަކާއި ގުޅިގެން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުންދިޔަ ހެންވޭރު ގެއެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތާއި 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރިކޮގްނިޝަން ނަގައި އެ ބިދޭސީ މީހާ ދެނެގަތުމާއި، ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ހިންގުން ހިމެނެއެވެ.

އަދި އަމިއްލައަށް އެނބުރި ޤައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެސިސްޓެޑް ވޮލަންޓަރީ ރިޓާން (އޭވީއާރު) ޕްރޮގްރާމް ހިންގުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓް އެކުލަވައިލައި އާންމުކުރުމާއި، ވަޒީފާދޭ ފަރާތުން އިހުމާލުވާނަމަ ޖޫރިމަނާ ކުރުމާއި އަދި އެފަދަ ޢަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅުތައް އެޅުމަށް ސަރުކާރުން މިހާރު ވަނީ ނިންމަވާފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް އެޅެމުންދާ ހުރަސްތައް ނައްތާލުމަށްޓަކައި އެފަދަ ބިދޭސީން ކުރާ ވިޔަފާރިތައް އޮޑިޓްކޮށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ މުއްދަތަކައް ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް، ކުރިއަށްގެންދިއުމެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ހައްލުކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

tel:+9607331319