logo

ސަލާމަތަށް ނުރައްކާވާ ގޮތަށް ހުރި ތާކު އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަނަށް

profile

ޒިދާން މުޙައްމަދު - 21 ސެޕްޓެމްބަރު 2024 - 11:10

ހެންވޭރުގެ ގެއެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިމިގްރޭޝަންގެ ޓާސްކް ފޯހަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ހ. ކަޅުހުރާގެ ބަލައި ފާސްކުރުމަށް ފަހުއެވެ.

އިމިގްރޭޝަނުން ބުނީ، އެ ގެއަކީ އާންމު ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވާ ގޮތަށް ބިދޭސީން ދިރިއުޅެމުން ދިޔަ ތަނެއް ކަމަށެވެ.

އެ ގޭގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 9 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 6 ބިދޭސީއަކު ހިމެނޭކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ބިދޭސީންނާ ގުޅޭ މައްސަލަތައް "އިމިގްރޭޝަން ވޮޗް" އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ހުށައެޅޭނެއެވެ. މި ޕްލެޓްފޯމުގައި ކާކުކަން ނޭނގޭގޮތަށް މައްސަލަ ހުށައެޅޭނެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައިތިބި 30 ބިދޭސީއަކުމިދިޔަ ހަފުތާގައި ވަނީ ރާއްޖެ ނާދެވޭ ގޮތަށް އެ މީހުންގެ ގައުމުތަކަށް ފޮނުވާލާފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ވަކިކުރުމުގެ މަރުހަލާގެ ތެރެއިން އިމިގްރޭޝަނުން ބަންދުކޮށްފައިވާ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 30 އަށް ވުރެ ގިނަ މީހުން ޑީޕޯޓުކުރިކަން ހާމަކޮށް އިމިގްރޭޝަނުން ބުނީ، މިފިޔަވަޅަކީ އިމިގްރޭޝަންގެ ގާނޫނުތަކަށް އަމަލުކުރާކަން ކަށަވަރު ކުރުމަށް މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ އަލިގަދަ ހެއްކެއް ކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީން މި ގަވާއިދުތަކަށް ތަބާވުމަށް އިމިގްރޭޝަނުންވަނީ އިލްތިމާސް ކޮށްފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތާއި 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރިކޮގްނިޝަން ނަގައި އެ ބިދޭސީ މީހާ ދެނެގަތުމާއި، ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ހިންގުން ހިމެނެއެވެ.

އަދި އަމިއްލައަށް އެނބުރި ޤައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެސިސްޓެޑް ވޮލަންޓަރީ ރިޓާން (އޭވީއާރު) ޕްރޮގްރާމް ހިންގުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓް އެކުލަވައިލައި އާންމުކުރުމާއި، ވަޒީފާދޭ ފަރާތުން އިހުމާލުވާނަމަ ޖޫރިމަނާ ކުރުމާއި އަދި އެފަދަ ޢަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅުތައް އެޅުމަށް ސަރުކާރުން މިހާރު ވަނީ ނިންމަވާފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް އެޅެމުންދާ ހުރަސްތައް ނައްތާލުމަށްޓަކައި އެފަދަ ބިދޭސީން ކުރާ ވިޔަފާރިތައް އޮޑިޓްކޮށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ މުއްދަތަކައް ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް، ކުރިއަށްގެންދިއުމެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ހައްލުކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

https://int.etukuri.mv/
tel:+9607331319