logo

މާސް އިންސްޕެކްޝަން: 200 އަށްވުރެން ގިނަ އޮފިސަރުން ބައިވެރިވި

profile

އައިޝަތު އިނާޝާ - 29 ސެޕްޓެމްބަރު 2024 - 23:35

ފޮޓޯ: އިމިގްރޭޝަން

ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހުޅުމާލޭގައި މިއަދު ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަންގައި 200 އަށްވުރެން ގިނަ އޮފިސަރުން ބައިވެރިވި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މި އިންޕެކްޝަންގައި އިމިގްރޭޝަންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އުތޯރިޓީން ވެސް ބައިވެރިވި ކަމަށެވެ.

އިމިގްރޭޝަނުން ބުނީ، މި އިންސްޕެކްޝަންގައި ހުޅުމާލޭގެ ފޭސް 1 އަދި 2 ހިމެނޭހެން 27 ޒޯނެއް ބަލައި ފާސްކުރެވުނު ކަމަށެވެ.

މި ހަރަކާތުގެ މަޤްސަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި މިފަދަ ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން މިހާތަނަށް 4،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ބިދޭސީންނާ ގުޅޭ މައްސަލަތައް "އިމިގްރޭޝަން ވޮޗް" އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ހުށައެޅޭނެއެވެ. މި ޕްލެޓްފޯމުގައި ކާކުކަން ނޭނގޭގޮތަށް މައްސަލަ ހުށައެޅޭނެއެވެ.

ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ މުއްދަތަކައް ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް، ކުރިއަށް ގެންދިއުމެވެ.

ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ހައްލުކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.


https://wamco.com.mv/
tel:+9607331319