logo

ހުސްވި މަހު މީރާއަށް 3.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

profile

މުޙައްމަދު ފަޟްލޫން - 11 އޭޕްރީލު 2025 - 12:20

ހުސްވި މާޗް މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

https://wamco.com.mv/

މީރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ މާޗްމަހުގައި މީރާއަށް ވަނީ 3.3 ބިލިއަން ރުފިޔާ ލިބިފައެވެ. މިއަދަދަކީ ހުސްވި އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 15.1 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ މާޗް މަހުގެ އާމްދަނީ ހުސްވި އަހަރުގެ މާޗް މަހާއި އަޅާބަލާއިރު އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް މީރާއިން ވަނީ ބުނެފައެވެ.

ހުސްވި މަހު ޓެކްސް އާމްދަނީ އިތުރުވެފައިވަނީ ފެބްރުއަރީ މަހުގައި ދައްކަންޖެހޭ ޓެކްސްގެ ސުންގަޑި މާޗް މަހުގެ 3 ވަނަ ދުވަހަށް ފަސްކުރުން ކަމަށް މީރާއިން ބުނެފައިވެއެވެ. މިގޮތަށް ފަސްކުރެވިފައިވަނީ ފައިސާ ދައްކަންޖެހޭ އަސްލު ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުންނެވެ.

މީގެ އިތުރުން ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގެ އިތުރުކުރުމުގެ ފީ ލިބުމަކީވެސް ހުސްވި މަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވެފައިވާ އެއް ސަބަބު ކަމަށް މީރާއިން ބުނެއެވެ.

ހުސްވި މާޗް މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ މިންވަރާ އަޅާ ބަލާއިރު އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި މާޗްމަހު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ.

ޓީޖީއެސްޓީ އިތުރުވެފައިވަނީ ފެބްރުއަރީ މަހު ދައްކަންޖެހޭ ޓީޖީއެސްޓީގެ ސުންގަޑި މާޗް މަހަށް ބަދަލުކުރުމާއެކު ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމުގެ ފީ (އެލްޕީޢީއެފް) ލިބުމުގެ ސަބަބުންނެވެ.

އެލްޕީއީއެފް ދައްކަނީ ޓެކްސް ދައްކާ ފަރާތްތަކުގެ އަމިއްލަ އިހްތިޔާރުގައި ކަމަށްވާތީ އެއީ ވަކި ޝެޑިއުލްއަކާ އެއްގޮތަށް ދައްކާ އެއްޗެއް ނޫނެވެ. އަދި މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 6.9 އިންސައްތަ އަކީ ކުރީގެ ޓެކްސް ސުންގަޑިތަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ލިބިފައިވާ އަދަދެވެ. މިކަމުގެ ސަބަބުން ލަފާކުރި މިންވަރަށް ވުރެ މަހެއްގެ މައްޗަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑުބައި ހިއްސާކުރަނީ ޖީއެސްޓީއެވެ. ޖީއެސްޓީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ހުސްވި މަހު ވަނީ ލިބިފައެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ހުސްވި މަހު މީރާއަށް 384.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި ހުސްވި މަހު މީރާއަށް 270 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ހުސްވި މަހު މީރާއަށް އާމްދަނީ އިން ނަގާ ޓެކްސްގެ ގޮތުގައި 186 މިލިއަން ރުފިޔާ ލިބިފައިވާ އިރު ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 162.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެއަރޕޯޓް ޑިވޮލަވްމަންޓް ފީގެ ގޮތުގައި 157 މިލިއަން ރުފިޔާ މިދިޔަ މަހު މީރާއަށް ވަނީ ލިބިފައެވެ. އަދި ހުސްވި މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 174.23 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay