logo

ބޭނުމީ ފާޙިޝް އަމަލުތަކާއި މަސްތުގެ ވަބާއިން މިންޖުވެފައިވާ މުޖުތަމައެއް!

profile

ޒިދާން މުޙައްމަދު - 16 މޭ 2025 - 11:08

ﷲ ސުބުޙާނަހޫ ވަތަޢާލާ މިދުނިޔެ މައްޗަށް ފޮނުއްވި ހުރިހާ ރަސޫލުންނާއި ނަބިއްޔުން ގޮވާލެއްވީ އެއްކަމަކަށެވެ. އެބޭކަލުންގެ ރިސާލަތުގެ މަޤްޞަދަކީ އެއް މަޤްޞަދެކެވެ. އެއީ އެއްކައުވަންތަ ﷲ އަށް އެކަނި އަޅުކަންކުރުމާއި އެއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންކުރަންޖެހޭ އެހެން އިލާހެއް ނުވާކަން ޘާބިތުކޮށްދިނުމެވެ.

https://wamco.com.mv/

މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ.

(وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولاً أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ فَمِنْهُمْ مَنْ هَدَى اللَّهُ وَمِنْهُمْ مَنْ حَقَّتْ عَلَيْهِ الضَّلالَةُ فَسِيرُوا فِي الْأَرْضِ فَانْظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ) [النحل ٣٦]

“ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، ހަމައެކަނި ﷲ އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ. ފަހެ، ﷲ ތެދުމަގު ދެއްކެވި މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި މަގުފުރެދުން އެބަޔެއްގެ މައްޗަށް ޙައްޤުވެގެންވީ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ. ފަހެ، ދޮގުކުޅަމީހުންގެ ނަތީޖާއޮތީ ކޮންފަދައަކުންކަން ތިޔަބައިމީހުން ދެކޭށެވެ!”

އިބްނު ޢައްބާސްގެ ރިވާޔަތުގައިވާ ގޮތުން، އާދަމް ޢަލައިހިއްސަލާމްއިން ފެށިގެން ދިހަ ޤަރުނު ވަންދެން މިބިންމަތީގައި ޚާލިޞް ތައުޙީދު އޮތެވެ. އޭގެފަހުގައި ޝިރުކުގެ އަނދިރިކަން މިދުނިޔެއަށް ވެރިވާންފެށިއެވެ. ނޫޙު ޢަލައިހިއްސަލާމް ފޮނުއްވުނީ މި ޝިރުކުގެ އަނދިރިކަމުން ތައުޙީދުގެ އަލިކަމުގެ ތެރެއަށް މީސްތަކުން ނެރުމަށްޓަކައެވެ. އެކަލޭގެފާނަކީ އެންމެ ފުރަތަމަ ފޮނުއްވުނު ރަސޫލެވެ. އެއަށްފަހު ފޮނުއްވި ކޮންމެ ނަބިއްޔަކާއި ރަސޫލަކުވެސް ގޮވާލެއްވީ ތައުހީދަށެވެ. އިސްލާމްދީނަށެވެ.

ދިވެހިރާއްޖޭއަކީ ސައްތައިންސައްތަ އިސްލާމީ ގައުމެކެވެ. ދިވެހި ރައްޔިތުންގެ ގަބޫލުކުރާ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް ބިނާވެފައިވާ މައިގަނޑު މަސްދަރަކީ އިސްލާމްދީނުގެ މަސްދަރުތަކެވެ. ދިވެހީންނަށް ލިބިފައިވާ އަދި މާތްﷲ ދެއްވި އެންމެ ބޮޑު ނިއުމަތަކީ އިސްލާމްދީނުގެ ނިއުމަތެވެ.

އެހެން ނަމަވެސް، ބައެއް ފަހަރު މި މަތިވެރި ނިއުމަތް ބޮލާލާޖަހައި، އިސްލާމީ ތަރަހައާއި ގިއުގަނޑުން ބޭރުން މިކުޑަކުޑަ މުޖުތަމައުންވެސް ޢަމަލުތައް ކުރާތީ ފެނެއެވެ. ހިތާމައަކީ ދީނުގައި މަނާކުރެއްވި އެތައް ކަމެއް މި އިސްލާމީ މުޖުތަމައުގެ ތެރޭގައި ފެތުރެމުންދާތަނެވެ. ދީނީ ވަހުދަތު ހިމާޔަތްކުރަން ކުރަމުންދާ މަސައްކަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް މި ދެންނެވި ބީދައިން ހިނގަމުންދާ ކަންކަމެވެ.

އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރެއްވި ނުބައި ފާފަތަކަށް ހުށަހެޅޭ މީހުން ގިނަވެ، ފާފަތަކުގެ މޫލައި އިޖުތިމާއީ ފޭރާން ވީދި ވިއްސިވިހާލިވަމުންދާ މަންޒަރު އަދު ދުނިޔޭގެ މި ޖަންނަތުން މިދަނީ ފެންނަމުންނެވެ. ހަދީޘްތަކަށް އިޝާރާތްކުރައްވައި ޢިލްމުވެރިން ވިދާޅުވަނީ ހުރިހާ ނުބައި ކަމެއްގެ މައި އެއްޗަކީ ރާ ކަމަށެވެ. ރާ ނުވަތަ ބަނގުރަލަކީ މަސްތުވާ ކޮންމެ އެއްޗެއް ކަމަށް ދިވެހި ރަދީފުގައި ބުނެއެވެ. މަސްތުވުމާއި ޕާޓީކުރުމާއި ފާޙިޝް އެތައް ޢަމަލެއް މިޖަޒީރާ ރާއްޖޭގައި އާންމުވަމުން މިދަނީ ކަންބޮޑުވާންޖެހޭ މިންވަރަށެވެ.

ދީނުގައި ހަރާމް ކުރެއްވި އެއްޗެއް ބޭނުންކޮށްގެން ލިބޭ ފާފައިގެ އިތުރުން ބަނގުރަލުގެ ސަބަބުން ސިއްހަތައް ލިބޭ ގެއްލުންތައްވެސް ވަރަށް ބޮޑެވެ. މިގޮތުން ފުރަތަމަ މީހާއަށް މިކަމުގައި ދިމާވާ އެންމެ ބޮޑުކަމަކީ މިއަށް ދެވި ހިފުމެވެ. މި ބަނގުރަލަކީ ޑިޕްރެސަންޓް އެފެކްޓް އެކުލެވޭ އެއްޗަކަށް ވުމުން މީހާގެ ހަށިގަަނޑު ހިނގުމުގެ ނިޒާމުތައް ސްލޯވެ މަޑުޖެހެއެވެ. ނަތީޖާއެއްގެ ގޮތުން ތަފާތު ގިނަގުނަ މައްސަލަތައް ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށް ލިބެއެވެ. މިބަޔާން ކޮށްލަނީ ބަނގުރަލުގެ ސަބަބުން ޖެހޭ ބަލިތަކާއި ބަލިޖެހޭ ގުނަވަންތަކެވެ.

1- ފުރަމޭ ( ހަކުރުބަލި)

2- ފުއްޕާމޭ ( ބްރޮންކައިޓިސް)

3- ހިތް ( ހާޓްޑިސީސް،)

4- ލޯ (އަދިރިވުން)

5- ކިޑްނީ (ކިޑްނީ ފެއިލްވުން)

6- ސިކުޑި (ސްޓުރޯކް)

7- އަނގަ (ކެންސަރު)

މަސްތުވުމުގެ ސަބަބުން މާތް ﷲ ނަހީކުރެއްވި އެތައް ކަމެއް އިންސާނާއަށް ކުރެވެއެވެ. މީގެ ތެރޭގައި ބޮޑެތި ފާފަތައް ވެސް ހިމެނެއެވެ.

ފާފަތައް ޢިލްމުވެރިން ދެ ބަޔަކަށް ބައްސަވައެވެ. އެއީ ކުދިފާފައާއި ބޮޑެތި ފާފައެވެ.

އިބްނުލް ޤައްޔިމް – رحمه الله – ވިދާޅުވެފައިވެއެވެ. "ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސުންނަތާއި ޢިލްމުވެރިންގެ އިޖުމާޢު އަދި ބުއްދީގެ ހަމަތަކުން، ފާފަތައް ބެހިގެންދަނީ ކުދި އަދި ބޮޑެތި ފާފަތަކަށެވެ." އަދި ހަމަ މިބީދައިން އަލްއިމާމު އިބްނު ޙަޖަރު އަދި އަލްއިމާމު އައްނަވަވީވެސް ފާފަތައް މި ދެބަޔަށް ބެހިގެންދާކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން ފާފަތަކުގެ ތެރެއިންވެސް ނުބައިކަން ބޮޑުވެގެންވާ ފާފަތަކެއް ވެއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޙަދީޡް ބަސްފުޅުތަކުން އަހަރުމެންނަށް އެކަންކަމުގެ ޚަބަރު އެނގިގެންދެއެވެ. އެކަލޭގެފާނުގެ ފަރާތްޕުޅުން ވާރިދުވެފައިވާ ޙަދީޘްއެއްގައި ހަލާކު ކުރުވަނިވި ބޮޑު ހަތް ފާފައެއްގެ ވާހަކަ ބަޔާންވެގެން އައިސްފައިވެއެވެ.

عن أبي هريرة رضي الله عنه: “اجتنبوا السبع المُوبِقَات، قالوا: يا رسول الله، وما هُنَّ؟ قال: الشركُ بالله، والسحرُ، وقَتْلُ النفسِ التي حَرَّمَ الله إلا بالحق، وأكلُ الرِّبا، وأكلُ مالِ اليتيم، والتَّوَلّي يومَ الزَّحْفِ، وقذفُ المحصناتِ الغَافِلات المؤمنات”.

އަބޫ ހުރައިރާގެ އަރިހުން ރިވާކުރައްވާފައިވާ ހަދީޘެއްގައިވެއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ހަލާކު ކުރުވަނިވި ހަތް ފާފައަކުން ތިޔަބައިމީހުން ދުރުވެގަންނާށެވެ. އަޞްޙާބުބޭކަލުން ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކޮން ކަންތައް ތަކެއްތޯއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. އެއީ ﷲއަށް ޝިރުކުރުމާއި، ސިހުރުހެދުމާއި، ﷲ ޙުރުމަތްތެރިކޮށްފައިވާ ނަފްސެއް ޙައްގަކައި ލައިގެން މެނުވީ މެރުމާއި، ރިބާ ކެއުމާއި، ޔަތީމުންގެ މުދާ (ނުޙައްޤުން) ކެއުމާއި، ހަނގުރާމައިގެ މައިދާނުން ފިނޑިވެ ފިލަންދުވުމާއި، ޢިއްފަތްތެރި މުއުމިނު އަންހެނުންގެ މައްޗަށް ޒިނޭގެ ތުހުމަތު ކުރުމެވެ.

އިސްވެ ދެންނެވުނު ބޮޑެތި ހަތް ފާފައަކީ ވެސް އަހަރެމެންގެ މުޖުތަމައުގައި އާންމުވަމުން އަންނަ ފާފަތަކޭ ދަންނަވައިގެން ދޮގަކަށް ނުވާނެއެވެ. މިއީ އަހަރެމެން ވިސްނަންވެއްޖެ ކަމެކެވެ. ކުޑަކުޑަ ކަމެއް ނޫނެވެ. އަންނަން އޮތް ޖީލަށް އަހަރެމެން ދޫކޮށްލަންވީ ދިވެހިރާއްޖެއަކީ ފާޙިޝް އަމަލުތަކާއި މަސްތުގެ ވަބާއިން މިންޖުވެފައިވާ ދިވެހިރާއްޖެއަކަށް ހަދަން ވަރަށް މަސައްކަތް ކުރަން އެބަ ޖެހެއެވެ. އެހެނީ ޚުދު އަހަރެމެންވެސް ބޭނުމީ ފާޙިޝް އަމަލުތަކާއި މަސްތުގެ ވަބާއިން މިންޖުވެފައިވާ މުޖުތަމައެކެވެ.

https://etukuri.mv/
https://www.aslu.com.mv