logo

ސަރުކާރުތަކުގެ އިހުމާލާއެކު ބިދޭސީންގެ މައްސަލަ އޮތީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބުގައި: މެމްބަރު ހުސްނީ

profile

ޒިދާން މުޙައްމަދު - 01 އޯގަސްޓު 2024 - 13:12

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް --- ފޮޓޯ: އަސްލު ޓީވީ

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް --- ފޮޓޯ: އަސްލު ޓީވީ

ސަރުކާރުތަކުގެ އިހުމާލާއެކު ބިދޭސީންގެ މައްސަލަ އޮތީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ. މެމްބަރު ހުސްނީ މިފަދައިން ވިދާޅުވީ، އަސްލު ޓީވީން ބުދަ ދުވަހުގެ ރޭ ގެނެސްދިން ހާއްސަ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގައުމު ބިނާކުރުމުގައި ގެންގުޅުއްވާ އެކިއެކި ސިޔާސަތުތަކަށް ތަފުސީލީ ގޮތެއްގައި އަލިއަޅުވާލައި، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އަސްލު ޓީވީން އަންނަނީ ސިލްސިލާ ގޮތެއްގައި ހާއްސަ ޕްރޮގުރާމްތަކެއް ގެނެސްދެމުންނެވެ. ބުދަދުވަހުގެ ރޭ މިޓީވީން ގެނެސްދިން ޕްރޮގުރާމް ހާއްސަކޮށްފައިވަނީ ގައުމު ބިނާކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ މުޖުތަމަޢު ހެޔޮ ގޮތުގައި ބިނާކުރުމުގެ ސިޔާސަތަށެވެ.

އަސްލު ޓީވީގެ ޕްރޮގުރާމްގައި ހާއްސަ މެހެމާނެއްގެ ގޮތުގައި، ބައިވެރިވެވަޑައިގެން، ވާހަކަދައްކަވަމުން، މެމްބަރު ހުސްނީ ވިދާޅުވީ، ބިދޭސީންގެ މައްސަލައަކީ ހައްލު ނުވެ އޮތް ބޮޑު މައްސަލައެއް ކަމަށާއި އެ މައްސަލަ މިހާރު އޮތީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބުގައި ކަމަށެވެ. ފާއިތުވި އެއްވެސް ސަރުކާރަކުން މިމައްސަލައަށް ހައްލު ހޯދުމަށް އެންމެ އެދެވޭ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ވެސް މެމްބަރު ހުސްނީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވަޒީފާއަށް ބެހޭ ޤާނޫނަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިސްލާހު ގެނެސް، ގައުމަކުން ގެނެވޭނެ މީހުންގެ އަދަކަކީ ކޮބައިކަން ބަޔާންކޮށް ވަކި އަދަދެއް ޤާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެ އަދަދަކީ އެއްލައްކަ ކަމުގައި އޮތް އޮތުމަކީ ގޯހެއްކަން ފާހަގަކުރައްވައި، މެމްބަރު ވިދާޅުވީ، މިސަރުކާރުގެ ވިސްނުމަކީ އެއަށް ބަދަލު ގެނައުިން ކަމަށް މެމްބަރު ހުސްނީ ވިދާޅުވިއެވެ.

އޭނާ ވަނީ ޤާނޫނުގައި ވަކިި އަދަދެއް ކަނޑައަޅައިގެން ނަތީޖާ ހާސިލުކުރެވުނުތޯ ސުވާލު އުފައްދަވާފައެވެ. އަދި މެމްބަރު ހުސްނީ ވިދާޅުވީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އެކަމުން އެންމެ އެދެވޭ ނަތީޖާއެއް ހާސިލުކުރެވިފައެއް ނެތް ކަމަށެވެ.

ސަރުކާރުން މަސައްކަތްކުރަނީ، ޤާނޫނަށް ހެޔޮ ބަދަލުތަކެއް ގެނެސްދެން، ޤާނޫނުތައް ތަންފީޛުކޮށް، ކަންކަން އިސްލާހުކުރަން ކަމަށާއި މިސަރުކާރުގެ ފާއިތުމިވީ މުއްދަތުގެ ތެރޭގައި ފެނިގެންގޮސްފައިވާނީ އެ މަންޒަރު ކަމަށް މެމްބަރު ހުސްނީ ވިދާޅުވިއެވެ. ބިދޭސީންގެ މައްސަލައަށް އެކަނި ބެލިޔަސް، މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނާތީ، ސަރުކާރުގެ ނިޔަތް އިހުލާސްތެރި ކަމަށް ރައްޔިތުންވެސަް ގަބޫލުކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ މަސައްކަތްތެރިންގެ ގޮތުގައި ބޭރު ޤައުމުތަކުން ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަަދަދު ކަނޑައެޅުމުގެ ބާރު އެކަމާ ގުޅޭ ވުޒާރާއަކަށް ލިބޭ ގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ގެނެއުމަށެވެ.

ވަޒީފާއާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ.

ސަރުކާރުގެ ފަރާތުން ވަޒީފާއާބެހޭ ޤާނޫނަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅާނީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކުންކަމަށެވެ. އަދި އެ ޤަވާއިދުގައި އަހަރެއްގެ ތެރޭގައި ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅުމުގައި އެކިއެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށް އަދި ހުނަރުގެ މިންވަރަށް ބިނާކޮށް ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތައްވެސް ކަނޑައެޅޭނެކަމަށް އިސްލާހުގައިވެއެވެ. މިގޮތަށް ކަމެއް ކަނޑައަޅަންވާނީ ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށް އެސެސްމަންޓެއް ހަދައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންކަމަށްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ވަޒީފާދޭ ފަރާތްތަކުން ބިދޭސީން މަސައްކަތް ކުރާނެ ވަރކް ސައިޓް ރަޖިސްޓްރީކޮށް. ހޯދަންޖެހޭ ހުއްދަތައް ހޯދައި. ކޯޓާ ހޯދަންޖެހޭނެއެވެ. އަދި ބިދޭސީ މީހާގެ ވަޒީފާދޭ ފަރާތް ނުވަތަ ވަޒީފާ އަދާކުރާ ސައިޓް ބަދަލުކުރެވޭނީ ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކުންކަމަށްވެސް އިސްލާހުގައިވެއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ބަލައި ފާސްކުރާ އިންސްޕެކްޓަރުންނަށް ލިބިގެންވާ ބާރުތައްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ނޯޓިސް ދިނުމަކާ ނުލައި ވަރކްސައިޓަށް ވަދެ ބަލައި ފާސްކުރުމުގެ ބާރު އެ އިންސްޕެކްޓަރުންނަށް ލިބެއެވެ. ނަމަވެސް އެއީ މީހުން ދިރުއުޅޭތަނެއްނަމަ އެތަނުގެ ވެރިފަރާތުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް ޤާނޫނަށް ގެންނަ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުގެ ދަށުން ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމާއި ވަރކް ސައިޓް ބަންދުކުރުމާއި އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުން އަދި އެ ބިދޭސީ މީހާއަށް ވަޒީފާދޭ ފަރާތުގެ ހުއްދަ ބާތިލުކުރުމުގެ ބާރު އެއިރެއްގައި ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާއަކަށް ލިބެއެވެ.

ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށްފަހު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، އިހުމާލުވާ ފަރާތްތަކުގެ މައުލޫމާތު އާއްމުކުރުމަށްފަހު، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ. އަދި ތަކުރާރުކޮށް އިހުމާލުވާނަމަ ޖޫރިމަނާ ކުރުމުގެ އިތުރުން ގަވާއިދުގެ ދަށުން ކަނޑައަޅާ މުއްދަތަކަށް އެ ފަރާތަކަށް ދޭ ޚިދުމަތްތައް ހުއްޓާލުމަށްވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.


tel:+9607331319