
ކަނޑައެޅި އަމާޒާ ގާތަށް ފިޔަވަޅެއް! ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.9 މިލިއަނަށް

ޝާމާ ޝުޢައިބު - 22 ޑިސެމްބަރު 2024 - 14:20
އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.9 މިލިއަނަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެމްބަރު 21 ވަނަ ދުވަހުގެނިޔަލަށް 1.969،071 (އެއް މިލިއަން ނުވަ ލައްކަ ފަސްދޮޅަސް ނުވަހާސް ހަތްދިހަ އެއް) ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. ފާއިތުވި އަހަރުގެ އެހާތަނަށް އައީ 1.8 މިލިއަން ފަތުވެރިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި ޑިސެމްބަރު މަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގައެވެ. އެދުވަހު 8,934 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މުޅި ޖުމްލަ މި މަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދަކީ 131,436 އެކެވެ. މިއީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގެ މި މުއްދަތާ އަޅާބަލާއިރު 7.2 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެގައުމުން 260,940 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ރަޝިޔާއިން އައީ 216,092 ފަތުރުވެރިންނެވެ. އަހަރުގެ މިހާތަނަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 13.3 އިންސައްތަ ޗައިނާއިން ހިއްސާކުރާއިރު އެގައުމަކީ ފާއިތުވި 2023 ވަނަ އަހަރު ތިން ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެވެ.
ރަޝިޔާއަށް ބަލާއިރު އެގައުމަކީ ފާއިތުވި އަހަރު ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ގައުމެވެ. މި އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ 11 އިންސައްތަ ހިއްސާ ކުރަނީ ރަޝިޔާ ފަތުރުވެރިންނެވެ.
އޭގެ އިތުރުން، ކޮންމެ ދުވަހަކު އެވްރެޖްކޮށް 5,531 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރަމުން ދާކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 1.9 މިލިއަނަށް އެރުމާއެކު 2024 ވަނަ އަހަރަށް ކަނޑައެޅި 2 މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑިއަށް ވާސިލުވެވޭނެކަން މިވަނީ ދެން ގާތްގަނޑަކަށް ޔަގީންވެފައެވެ.
މި އަހަރަށް ކަނޑައެޅި ދެ މިލިއަން ޓޫރިސްޓުންގެ ޓާގެޓް ޑިސެމްބަރު މަހުގެ މެދުތެރޭގައި ހަމަވާނެ ކަމަށް ތަފާސްހިސާބުން ދައްކާއިރު އެކަން ފާހަގަކުރުމަށްޓަކައި ރާއްޖެއިން އަންނަނީ ތައްޔާރުވަމުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން