logo

ދުންފަތުގެ ވިޔަފާރި ކުރެވޭނީ ހެލްތު މިނިސްޓްރީން ލައިސަންސް ނަގައިގެން

profile

ޒިދާން މުޙައްމަދު - 21 ނޮވެމްބަރު 2024 - 23:01

ހެލްތު މިނިސްޓްރީގެ އިމާރާތް ރޯޝަނީ ބިލްޑިންގ---

ހެލްތު މިނިސްޓްރީގެ އިމާރާތް ރޯޝަނީ ބިލްޑިންގ---

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހާއެކު ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން އެޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ހެލްތުން ދޫކުރާ ވަކި ސައްޙަ ލައިސެންސެއް ނަގަންޖެހޭނެކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

މި ލައިސެންސް ދޫކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިޤާނޫނުގެ ދަށުން އެކުލަވާލާ ޤަވާއިދުތައް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އެކުލަވާލާ ނިމުމުންނެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް އިސްލާޙު ގެނެސް ޢަމަލުކުރަން ފަށާފައިވަނީ 15 ނޮވެމްބަރު 2024 ވީ ދުވަހުގައެވެ. މިޤާނޫނާއެކު ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ބޭނުންވާ މުހިއްމު ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިނިސްޓްރީ އޮފް ހެލްތުން ނެރުނު ޢިއުލާނެއްގައި ބުނީ، އެގޮތަށް ޤާނޫނުގައި ބަޔާންކޮށްފައިވީނަމަވެސް އެ ހުއްދަތައް އަދި ލައިސެންސް ހޯދުން ލާޒިމްވާނީ ޤާނޫނުގައި ބަޔާންކުރާ ހުއްދަތަކާއި ބެހޭ ގަވާއިދު އެކުލަވާލެވުމުންކަމަށެވެ. އެގޮތުން ރާއްޖެއަށް ދުންފަތް އެތެރެކުރާ ފަރާތްތަކާއި، ދުންފަތުގެ ބާވަތްތައް ރާއްޖެއިން ބޭރުކުރާ ފަރާތްތަކާއި، އަދި ގަނޑުކޮށްގެންނާއި ވަކިވަކިން ވިއްކާ ކޮންމެ ފަރާތަކުންވެސް މި ލައިސެންސް ނަގަންވާނެއެވެ.

މިޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް 15 ޖެނުއަރީ 2025ގެ ނިޔަލަށް އެކުލަވާލަންޖެހެއެވެ. އެހެންކަމުން އެމުއްދަތުން ފެށިގެން ރައްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން ސިއްޙަތާ ބެހޭ ވުޒާރާއިން ދޫކުރާ ލައިސެންސް ނަގަން ލާޒިމުވާނެއެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކޮށް ދުންފަތުގެ ސަބަބުން ލިބެމުންދާ ސިއްޙީ ގެއްލުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުފުޅާއެކުވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށް، އަންނަ މަހުން ފެށިގެން އެތަކެތި ބޭނުންކުރުން މަނާކުރާގޮތަށް ޤާނޫނުވަނީ އިސްލާޙުކޮށްފައެވެ.

ހަމައެއާއެކު ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރެވޭ އެންމެ ހަގު ޢުމުރަކީ 21 އަހަރުކަމަށް މިހާރުވަނީ ކަނޑައަޅާފައެވެ. އަދި ދުންފަތުގެ ބާވަތްތަކާއި ވޭޕްއިން ނަގާ ޑިއުޓީވެސްވަނީ ބޮޑުކޮށްފައެވެ.

https://wamco.com.mv/
tel:+9607331319