logo

ދުޅަހެޔޮ އާބާދީއަކަށް ވުރެ ބޮޑު އެސެޓެއް ޤައުމެއްގައި ނޯންނާނެ: މިނިސްޓަރ ނާޒިމް

profile

އައިޝަތު އިނާޝާ - 07 ނޮވެމްބަރު 2024 - 23:39

"ހެލްތު އެކްސްޕޯ 2024" ފެށުމުގެ ރަސްމިއްޔާތު - ހެލްތް މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް

"ހެލްތު އެކްސްޕޯ 2024" ފެށުމުގެ ރަސްމިއްޔާތު - ހެލްތް މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް

ސިއްހީ ދާއިރާއަށް ލިބޭ ކޮންމެ ކުރިއެރުމަކީ ގައުމުގެ މުސްތަގްބަލަށްޓަކައި އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށާއި ދުޅަހެޔޮ އާބާދީއަކަށް ވުރެ ބޮޑު އެސެޓެއް ޤައުމެއްގައި ނޯންނާނެކަމަށް ހެލްތް މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ފުރިހަމަ ޞިއްޙަތަކަށް މުޅި ގައުމު އެކުގައި މި ތީމާއި އެކު "ހެލްތު އެކްސްޕޯ 2024" ފެށުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަަ ދައްކަވަމުންނެވެ.

ރަސްްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މިއަހަރު މި ފެށި އެކްސްޕޯ ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކު ބާއްވާނެކަމަށެވެ. މިއަހަރު އެކްސްޕޯ މާލޭގައި ބޭއްވި ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ރަށްރަށަށް ވެސް ފުޅާ ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ގެ ވާހަކަފުޅުގައި ވަނީ ރައީސުލް ޖުމްހޫރިއްޔާ ޞިއްޙީ ދާއިރާ ކުރއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާފައެވެ. އެގޮތުން މި ފަސްއަހަރުގެ ދައުރު ނިމޭއިރު ޞިއްހީ ދާއިރާ އެހެން ހަރުފަތަކަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވި އެވެ.

ދުޅަހެޔޮ އާބާދީއަކަށް ވުރެ ބޮޑު އެސެޓެއް ޤައުމެއްގައި ނޯންނާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި އެކްސްޕޯގެ މަޤްސަދަކީވެސް ޞިއްޙީ މައުލޫމާތު ފޯރުކޮށްދީ ބަލިވީމަ ބޭސްކުރާ ނިޒާމެއްގެ ބަދަލުގައި ބަލިވުމުގެ ކުރިން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި އާދަ އަށަގަތުމަށް އާއްމުން ހޭލުންތެރިކުރުން ކަމަށެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި ޞިއްޙީ ދާއިރާއިން މި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކަށްވެސް އަލި އަޅުވާލެއްވި އެވެ. އެގޮތުން އެއަރ އެމްބިއުލާންސްގެ ޚިދުމަތާއި ، ކޮލިޓީ ބޭސް ، އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް އަމަލުކުރަން ފެށުން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

"ހެލްތު އެކްސްޕޯ 2024" ފައްޓަވައިދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފުއެވެ.

ސެންޓްރަލްޕާކުގައި ކުރިއަށް ދާ މި އެކްސްޕޯގައި ވަނީ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ތައްޔާރުކޮށްފައިވާ " ހަފްތާ52" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ޚާއްޞަ ފޮތެއް ވެސް ނެރެފައެވެ.

މި ފޮތް ނެރެދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފު އެވެ.

މި ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި، ހެލްތު މިނިސްޓްރީގެ އިސްވެރިންގެ އިތުރުން މެއިން ސްޕޮންސަރ ދިރާގުގެ އިސްވެރިންވެސް ބައިވެރިވަޑައިގެންނެވިއެވެ.

"ހެލްތު އެކްސްޕޯ 2024 " ގައި 50 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ.

އެކްސްޕޯ ކުރިއަށްދާނީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 08:00 އިން 11:00 އަށެވެ. އަދި ހުކުރުދުވަހު ހަވީރު 4:00 އިން 11:00 އާއި ހަމައަށް މި އެކްސްޕޯ ކުރިއަށްދާނެއެވެ.

މިނިސްޓްރީގެ އިތުރުން ހޮސްޕިޓަލްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން މި އެކްސްޕޯގައި ބައިވެރިވެފައިވެއެވެ.

ކުޑަކުދިންނަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށްދާ މިއެކްސްޕޯގައި ކުޑަކުދިންގެ ހެލްތު ޗެކަޕް، މިންހެޔޮ ކާނާއާއި ގުޅޭ މައުލޫމާތު، ހެދިބޮޑުވުމާއި ގުޅޭ މައުލޫމާތު، ވެކްސިންގ އަދި އެހެނިހެން ޞިއްޙީ މައުލޫމާތު ފޯރުކޮށްދިނުން ކުރިއަށްދާނެއެވެ.

https://wamco.com.mv/
tel:+9607331319