
ލިވަޕޫލް އާއި ފްރެންކްފާޓް ވާދަކުރި މެޗުގެ ތެރެއިން..
ފަހަތުން އަރައި ލިވަޕޫލް އިން ފްރެންކްފާޓް ބަލިކޮށްފި

ހަސަން ޝަމްއޫން - 22 އޮކްޓޯބަރު 2025 - 22:37
ޔުއެފާ ޗެންޕިއަންސް ލީގުގައި މިރޭ ޕްރެމިއާ ލީގުގެ ލިވަޕޫލާއި ޖަރުމަނުގެ ފްރެންކްފާޓް ވާދަކުރި މެޗު ފަހަތުން އަރައި 5-1 ގެ ނަތީޖާއަކުން ލިވަޕޫލް އިން ކާމިޔާބުކޮށްފިއެވެ.
ޗެންޕިއަންސް ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ތުރުކީގެ ގަލަތަސަރާއީ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ފްރެންކްފާޓް އެންމެ ފަހުން ކުޅުނު މެޗުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އަތުން 5-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ 1972 ވަނަ އަހަރު އެވެ. އެމެޗު ނިމިފައިވަނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ފްރެންކްފާޓްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓްކުރީ ލިވަޕޫލް އިންނެވެ. ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފްރެންކްފާޓް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރަސްމުސް ކްރިސްޓިއަންސަން އެވެ.
ލިވަޕޫލުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިސީޒަނުގައި ފްރެންކްފާޓް ދޫކޮށް އެޓީމާއި ގުޅުނު ހޫގޯ އެކަޓިކޭ އެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ޑިފެންޑަރު ވާޖިލް ވެން ޑައިކް ވަނީ އެޓީމަށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ.
ލިވަޕޫލުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ލަވަޕޫލުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ފޯވާޑް ކޯޑީ ގައްޕޯ ކާމިޔާބުކުރިއިރު، އޭގެ ހަތަރު މިނެޓް ފަހުން އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޑޮމެނިކް ސްބޮޒްލާއި އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ލިވަޕޫލުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 5-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ. އަދި މިއީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ލިވަޕޫލް މޮޅުވި ފުރަތަމަ މެޗެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ތިން މެޗުން ލިވަޕޫލަށް ހަ ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ފްރެންކްފާޓް އިން ލީގުބުރުގައި ކުޅުނު ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 22 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރޮބާޓޯ ފިރްމީނޯ ލިވަޕޫލްގައި އަބަދަށް މަޑުކުރަން ޖެހޭ : ފެބީނިއޯ
3 އަހަރު ކުރިން

ސަލާހު ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، ބޯންމައުތު އަތުން ލިވަޕޫލް ބަލިވެއްޖެ
3 އަހަރު ކުރިން

ފަހަތުން އަރާ ސިޓީ އިން ލިވަޕޫލް ބަލިކޮށްފި
3 އަހަރު ކުރިން

ޗެލްސީ ކޯޗުވަކިކޮށް، ކުޅުނު ފުރަތަމަ މެޗުން ލިވަޕޫލް އަތުން އެއްވަރު
3 އަހަރު ކުރިން


