logo

އިންޑޮނޭޝިއާއަށް އިތުރު ބާރުގަދަ ބިންހެލުމެއް: މަރުވި މީހުންގެ އަދަދު 38 އަށް އަރައިފި

profile

އާމިނަތު ޝަޒްލާ - 15 އޯގަސްޓު 2026 - 13:28

އިންޑޮނޭޝިއާއަށް މިއަދު އައި ބާރުގަދަ ދެވަނަ ބިންހެލުމާއެކު އެކި ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މަރުވި މީހުންގެ އަދަދު 38 އަށް އަރައިފިއެވެ.

https://wamco.com.mv/

ޖާމަން ރިސާޗް ސެންޓަރު ފޯ ޖިއޯސައިންސަސް (ޖީއެފްޒެޑް) އިން ހާމަކޮށްފައިވާ ގޮތުގައި، މިއަދު އައި މި ބިންހެލުމަކީ ރިކްޓަރ މިންގަނޑުން 6.9 ގެ ބާރުމިނުގެ ބިންހެލުމެކެވެ. މި ބިންހެލުން އައިސްފައިވަނީ ބިމުގެ 158 ކިލޯމީޓަރު (98.18 މޭލު) އަޑިންނެވެ. ބިންހެލުމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ސުމާތުރާގެ ވެރިރަށް މެޑާންގެ ދެކުނުއިރުމަތިން ގާތްގަނޑަކަށް 126 ކިލޯމީޓަރު ދުރުގައިވާ ޕެމަތަންގްސިއަންތާރް އަށެވެ.

މި ބިންހެލުން އައި ވަގުތު ކަމާބެހޭ އިދާރާތަކުން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ފަހުން ވަނީ އެ އިންޒާރު ކެންސަލްކޮށްފައެވެ. މިއީ މިއަދުގެ ތެރޭގައި އިންޑޮނޭޝިއާއަށް އައި ބާރުގަދަ ދެވަނަ ބިންހެލުމެވެ. މިއަދު ފަތިހުގެ ވަގުތެއްގައި ވެސް ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވެއެވެ. އެ ބިންހެލުމާ ގުޅިގެން ވެސް އެ ގައުމުގެ ޖިއޯފިޒިކްސް އޭޖެންސީ (ބީއެމްކޭޖީ) އިން ސުނާމީގެ އިންޒާރެއް ނެރުނެވެ.

ރިޕޯޓުތައް ބުނާގޮތުގައި، މިއަދު އައި މި ބިންހެލުންތަކުގެ ސަބަބުން މިހާތަނަށް 38 މީހުން ވަނީ މަރުވެފައެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އިމާރާތްތަކުގެ ބައިތައް ވަނީ ބިމާ ހަމަވެފައެވެ. ބިންހެލުމުގެ ލޮޅުންތައް އައި ވަގުތު، ސަލާމަތީ ރައްކާތެރިކަން ހޯދުމަށް އާންމުން މަގުތަކަށް ނުކުމެ، ރައްކާތެރި ސަރަޙައްދުތަކަށް ދިއުމަށް ދުވާ މަންޒަރުތައް ވެސް އެ ވީޑިއޯތަކުން ފެނެއެވެ.

އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ގެއްލުން ލިބުނު ސަރަޙައްދުތަކުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319