
އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމަށް ލ. އިސްދޫ ކައުންސިލާ ދެމެދު އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
އެގްރޯފޮރެސްޓްރީ މަޝްރޫޢު: އިސްދޫ ކައުންސިލާއެކު އެއްބަސްވުމެއް!

އާމިނަތު ޝަޒްލާ - 18 އޮކްޓޯބަރު 2026 - 11:10
ރާއްޖޭގެ 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަދި ލ. އިސްދޫ ކައުންސިލާ ދެމެދު އިޤްރާރުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގެ ދަށުން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމުގެ މަޤްޞަދުގައި އެކުލަވައިލާފައިވާ ޚާއްޞަ މަޝްރޫޢެކެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލެވުނު 10 ރަށެއްގައި ގަސްގަހާގެހި އިންދައި، ދަނޑުވެރިކަމުގެ އައު މޮޑެލްތަކެއް ތަޢާރަފުކުރުމެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ އެގްރޯފޮރެސްޓްރީ ދަނޑުތަކުގައި މައިގަނޑު ގޮތެއްގައި ހެއްދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މާޙައުލާއި ތިމާވެށްޓާ ގުޅޭ ދިގު މުއްދަތުގެ ބޮޑެތި ގަސްގަހާގެއްސާއި، ދަނޑުވެރިންނަށް ކުރު މުއްދަތެއްގެ ތެރޭގައި އިޤްތިޞާދީ ގޮތުން ފައިދާ ލިބޭނޭ ފަދަ ކާބޯތަކެއްޗެވެ. މިގޮތުން، މޭވާއާއި ތަރުކާރީގެ އިތުރުން ހިޔާ ލިބޭ އަދި ފަސްގަނޑު މުއްސަނދިކޮށްދޭ ގަސްތައް އެކުއެކީގައި ހެއްދިގެންދާނެއެވެ.
އެގްރޯފޮރެސްޓްރީ ނިޒާމަކީ ދަނޑުވެރިކަމާއި ޖަންގަލި ހެއްދުން އެކުލެވޭ ގޮތަށް ތިމާވެއްޓާ ރައްޓެހިކޮށް ދަނޑުވެރިކަން ކުރުމުގެ ޒަމާނީ ވައްޓަފާޅިއެކެވެ. މީގެ ސަބަބުން ބިމުގެ ދިރުން ރަނގަޅުވެ، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރެވި، ވިލުންވެރިކަން އިތުރުވެގެންދެއެވެ.
ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ދަނޑުވެރިކަން ކުރިއެރުވުމަށް ބިން އޮތް ނަމަވެސް، ޒަމާނުއްސުރެ ކުރަމުން އަންނަ ދަނޑުވެރިކަމުގެ ސަބަބުން ބިމުގެ ފަސްގަނޑު ދުޅަހެޔޮކަން ކެނޑި، ތިމާވެށްޓަށް ބުރަބޮޑުވާ މައްސަލައަށް މި މަޝްރޫޢުގެ ސަބަބުން ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ދެކެއެވެ. ޚާއްޞަކޮށް، ލ. އިސްދޫ ފަދަ ދަނޑުވެރިކަމަށް މަޝްހޫރު ބޮޑު ރަށެއްގައި މިފަދަ ދަނޑެއް ޤާއިމުކުރެވިގެން ދިއުމަކީ އެ ރަށުގެ އިޤްތިޞާދަށާއި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ މިފަދަ ޕްރޮގްރާމްތަކުގެ ޒަރީޢާއިން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު މަދުކޮށް، އަމިއްލަ ފުދުންތެރިކަން އިތުރުކުރުމާއެކު، ފެހި ރާއްޖެއެއް ބިނާކުރުމިގެ މަޝްރުއޫގެ ދަށުން ދެން ހިމެނޭ އެހެން ރަށްތަކުގެ ކައުންސިލްތަކާއެކުވެސް ކުރިއަށް އޮތް ތަނުގައި އިޤްރާރުތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވ. ތިނަދޫ އަދި ސ. ހުޅުދޫ ބައި-އިލެކްޝަނަށް އެމްޑީޕީން ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށްފި
10 ގަޑިއިރު ކުރިން

ޑިޖިޓަލައިޒޭޝަނާއެކު ސައިބަރ ކުށްތައް އިތުރުވަނީ: ސީޕީ
11 ގަޑިއިރު ކުރިން

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ސަރަހައްދީ ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެ
11 ގަޑިއިރު ކުރިން

ރަސްމާލޭގެ ކަންކަން ބެލެހެއްޓުން އަލައްބާރުގެ ސެކިއުރިޓީއަށް، ފުލުހުންނަށް ވަދެވެނީ ހުއްދައާއެކު: ޒަމްޒަމް ފާރިޝް
11 ގަޑިއިރު ކުރިން


