logo

އޭއައި މެދުވެރިކޮށް ރޭޑިއޭޝަން ގަވާއިދު ހަރުދަނާކުރަން ރާއްޖެއިން ގޮވާލައިފި

profile

މުޙައްމަދު ފަޟްލޫން - 17 ސެޕްޓެމްބަރު 2026 - 06:53

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ) މެދުވެރިކޮށް، ރޭޑިއޭޝަންގެ ރައްކާތެރިކަމާ ގުޅޭ ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން ބޭނުންވާކަން އދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހާމަކުރައްވައިފިއެވެ.

https://wamco.com.mv/

މިކަން ހާމަކުރައްވާފައިވަނީ މި މަހުގެ 14 އިން 18 އަށް އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ އައި.އޭ.އީ.އޭ ގެ 70 ވަނަ ޢާންމު ޖަލްސާގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ދިވެހި ވަފުދުގެ އިސްވެރިއެއްގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ސަލްމާ ރަޝީދު ވިދާޅުވީ، ރާއްޖެއިން އައި.އޭ.އީ.އޭ ގެ މެންބަރު ގައުމަކަށް ވީއްސުރެ، އެ އެޖެންސީއާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

މި މަސައްކަތްތައް ކުރިއަށް ގެންދަނީ ރާއްޖެއިން އެންމެ އިސްކަންދޭ ދާއިރާތަކަށާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ހާއްސަ ގޮންޖެހުންތަކަށް ރިޢާޔަތްކޮށްގެން ކަމުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އައި.އޭ.އީ.އޭ ގެ ރޭސް އޮފް ހޯޕް އިސްނެގުމުގެ ދަށުން، ކެންސަރު ބައްޔަށް ފަރުވާ ދިނުމުގެ ދާއިރާ ތަރައްގީ ކުރުމަށް ރާއްޖެއިން ހާއްސަ އިސްކަމެއް ދޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އަލަށް ގާއިމުކުރުމަށް ހަމަޖެހިފައިވާ ނޭޝަނަލް ކެންސަރ ހޮސްޕިޓަލަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމަށާއި، ރޭޑިއޭޝަން ރައްކާތެރިކަމުގެ އޮނިގަނޑު ހަރުދަނާކުރުމަށް އެ އެޖެންސީގެ އެހީތެރިކަން ހޯދުމަށް ރާއްޖެއިން ޝައުޤުވެރިވާކަންވެސް އެކަމަނާ ވަނީ ހާމަކުރައްވާފައެވެ.

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ) ގެ ޖެނެރަލް ކޮންފަރެންސަކީ އެ އެޖެންސީގެ މައިގަނޑު ސިޔާސަތުތައް އެކަށައަޅާ އެންމެ އިސް ފޯރަމެވެ.

އަހަރަކު އެއްފަހަރު ބާއްވާ މި ކޮންފަރެންސްގައި ހުރިހާ މެންބަރު ގައުމުތައް ބައިވެރިވެ، އެޖެންސީގެ މަސައްކަތްތައް މުރާޖައާކުރުމުގެ އިތުރުން ކުރިއަށް އޮތް އަހަރުގެ ބަޖެޓާއި ޕްރޮގްރާމްތައް ފާސްކުރެއެވެ.

މީގެއިތުރުން، ސުލްޙަވެރި ބޭނުންތަކަށް ނިއުކްލިއަރ ސައިންސާއި ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭގޮތުންނާއި، ނިއުކްލިއަރ ރައްކާތެރިކަމާއި އަމާންކަން ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ މުހިންމު ނިންމުންތައް މި ފޯރަމުގައި ނިންމައެވެ.

ދިވެހިރާއްޖެ އައި.އޭ.އީ.އޭ ގެ ފުރިހަމަ މެންބަރަކަށް 4 ޑިސެންބަރު 2025 ގައި ވީފަހުން، މިއީ އެ އެޖެންސީގެ ޖެނެރަލް ކޮންފަރެންސް ސެޝަނެއްގައި ރާއްޖެއިން މެންބަރު ގައުމެއްގެ ހައިސިއްޔަތުން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

https://wamco.com.mv/
tel:+9607331319