
ގދ.މަގުއްދުއާ ނުއަގުގައި ވިއްކާލަން އުޅެނީ، އެއީ ހިނގާ ކަމެއް: އާދިލް

ރިޟްވާން މޫސާ - 30 ޖުލައި 2026 - 19:22
ގދ. މަގުއްދުވާގެ ހެޑްލީސް އެމްޓީޑީސީން ނުއަގުގައި ވިއްކާލަމުންދާ ކަމަށް ބުނެ ފެތުރިފައިވާ ވާހަކަ ތަކާއި ގުޅިގެން އެރަށް ބަޔަކަށް ނުއަގުގައި ވިއްކާލަނީ ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކަމަށާއި، އެކަން ސަރުކާރުގެ އިސް ފަރާތްތަކަށް އެނގިލައްވާނެ ކަމަށް ހެލްތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް ވިދާޅުވެއްޖެ އެވެ.
2006 ވަނަ އަހަރުން ފެށިގެން ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ހިންގުމަށް ސަރުކާރުން އެމްޓީޑީސީއަށް ދޫކޮށްފައިވާ ގދ. މަގުއްދުވާ، ތުރުކީއަށް ނިސްބަތްވާ ކުންފުންޏެއް ކަމަށްވާ "އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކަށް ސަބްލީސްކޮށްގެން އަޔާޑާ މޯލްޑިވްސްގެ ނަމުގައި އަންނަނީ ހިންގަމުންނެވެ.
އަސްލުޓީވީން ގެނެސްދޭ "ބާބު" ޕްރޮޕގްރާމުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އާދިލް ވިދާޅުވީ ސަރުކާރުގެ އިސް ފަރާތްތަކެއް ގުޅިގެން ސީދާ ރައީސުލް ޖުމްހޫރިއްޔާ އަށް ވެސް އެނގިގެން މަގުއްދުވާ ނުވަތަ އަޔާޑާ ތުރުކީގެ "އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ވިއްކާލަން އުޅޭ ކަމަށެވެ.

އާދިލް ވިދާޅުވީ އެ ރަށުން މަހު ކުލީގެ ގޮތުގައި ކޮންމެ މަހަކުވެސް ގާތްގަނޑަކަށް 1.2 މިލިއަނާއި ގާތް ކުރާ އަދަދަކަށް ފައިސާ ލިބެމުން އަންނަ އިރު ސަރުކާރުގެ ވެރިން އެރަށް ވިއްކާލަން އުޅެނީ ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ނުވަތަ 1.7 މިލިއަން ރުފިޔާ އަށް ކަމަށެވެ. އަދި ވިދާޅުވީ މިކަމުގައި ކަޓުގެ ގޮތުގައި ސަރުކާރުގެ ވެރިންނަށް 15 މިލިއަން ޑޮލަރު ދޭ ގޮތަށްވެސް ތުރުކީގެ ކުންފުނިން އެއްބަސްވާ ކަމަށެވެ.
"ދެން މިބޭފުޅުން މިހާރު ސަރުކާރަށް 1.5 މިލިއަން ނޫނީ 1.7 މިލިއަން ޑޮލަރު ދެއްވާފަ ވަކިން މި ސަރުކާރުގެ ވެރިން. ވެރިންނޭ މި ދަންނަވަނީ މީގަ ހަމަ ރައީސުލް ޖުމްހޫރިއްޔާ އަށް އެނގިވަޑައިނުގެން މިކަމެއް ނުހިނގާނެ. އެހެންވީމާ ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން މިކަން ދާ ކަމަށް އަޅުގަނޑު މި ބައްލަވަނީ.. އެ ބޭފުޅުންގެ އަގަކީ 15 މިލިއަން ޑޮލަރު ކަޓުގެ ގޮތުގައި ނަގާ ގޮތަށް." އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ އަޔާޑާ އަކީ ފެންވަރު ރަނގަޅު ރިސޯޓެއް ކަމަށާއި، ސިންގަޕޫރުގެ ޖޭޖޭއެލް ނަމަކަށް ކިޔާ ކުންފުންޏަކުން ހެއްދެވި ވެލިއުއޭޝަން އެއްގައި އެ ރިސޯޓަކީ 119 މިލިއަން ޑޮލަރުގެ އަގުހުރި ރިސޯޓެއް ކަމަށެވެ. އަދި ވިދާޅުވީ އެމްޓީޑީސީން ނު އަގުގައި މި ރިސޯޓް ވިއްކާލުމުގެ މައްސަލަ އެމްޓީޑީސީގެ 24000 ވަރަކަށް ރައްޔިތުންގެ ހައްގުތަކާއި ގުޅިފައިވާ ކަމަށެވެ.
" އެމްޓީޑީސީ އަކީ 24000 ވަރަކަށް ރައްޔިތުން ހިއްސާވާ ތަނެއް. އެކަން އެގޮތަށް ކޮށްފިއްޔާ ބޯޑުގެ ތިބި މީހުންނާއި މެދުވެސް ދައުވާ ކުރެވޭނެ ދުވަހެއް އަންނާނެ. އެކަން އެބަނހިގާ. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި. އަޔާޑާ އަކީ ވަރަށް ފެންވަރު ރަގަޅު ރިސޯޓެއް. 122 ކޮޓަރި ހުންނާނެ. އެއީ ނުވަ ކެޓަގަރީގެ ރިސޯޓެއް. އެމްޑީޕީ ސަރުކާރުގަވެސް އެބޭފުޅުން އެތަން ގަންނަން އުޅުނު. އޭރު 10 މިލިއަން ޑޮލަރު ކީމަވަސް އަޅުގަނޑުމެން އެތަން އެފަރާތަކަށް ނުވިއްކަން. ދެން މިދޭތެރެއިން ސިންޕޯގެ ޖޭއެލްއެލް އެކުންފުނީގެ ފަރާތުން އެބޭފުޅުން ވެލިއުއޭޝަނެއް ހެއްދެވިއިރު އެ ރިސޯޓަކީ 119 މިލިއަން ޑޮލަރުގެ އަގުހުރި ރިސޯޓެއް." އާދިލް ޕްރޮގްރާމުގައި ވިދާޅުވި އެވެ.
އެމްޓީޑީސީން ނު އަގުގައި އަޔާޑާ ނުވަތަ މަގުއްދުވާ ވިއްކާލަން އުޅޭ ކަމަށް އަޑު ފެތުރުމާއެކު އެމްޑީސީގެ ބޯޑަށް ވެސް ވަނީ ކުއްލި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ނިޔާޒު ވަކިކުރުމަށްފަހު، އެ މަގާމަށް ހާރިޘް މުހައްމަދު ޕީސީބީން ވަނީ އައްޔަން ކޮށްފަ އެވެ.





.gif&w=3840&q=75)