
ހޫތީން ސައުދީގެ އުޅަނދަކަށް ދިން ހަމަލާ ރާއްޖެއިން ކުއްވެރިކޮށްފި!

ރިޟްވާން މޫސާ - 29 ޖުލައި 2026 - 12:44
ރަތްކަނޑުން ދަތުރުކުރަމުންދިޔަ ސައުދީ އަރަބިއްޔާގެ އުޅަނދަކަށް އަމާޒުކޮށް ހޫޘީން ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ރަތްކަނޑުން ދަތުރު ކުރަމުން ދަނިކޮށް ސައުދީގެ ބޯޓަކަށް ހޫޓިން ވަނީ ބެލިސްޓިކް މިސައިލް އާއި އެހެނިހެން ރޮކެޓް ހަމަލާތަކެއް ދީފަ އެވެ. މި ބޯޓަކީ ސައުދީގެ ތެޔޮ އުފުލާ މަނަވަރު ބޯޓެކެވެ.
މި ހަމަލާ ދީފައިވަނީ ރަތްކަނޑުން ދަތުރުކުރާ ސައުދީގެ އުޅަނދުފަހަރަށް އަމާޒުކޮށް، އެ ސަރަހައްދުން ދަތުރުފަތުރުކުރުން ހޫޘީން މަނާކޮށް ކަނޑުގެ ބްލޮކޭޑެއް އިއުލާނުކުރިތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
ރާއްޖޭގެ ޚާރިޖިއްޔާއިން އާއްމުކުރައްވާފައިވާ ބަޔާނެއްގައިވަނީ، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި، ސަލާމަތާއި ރައްކާތެރިކަމަށް މިފަދަ ހަމަލާތަކުގެ ސަބަބުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާކަމަށް ރާއްޖެއިން ޤަބޫލުކުރާކަމަށެވެ.
މީގެ އިތުރުން، މިފަދަ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި، ހަކަތައިގެ ރައްކާތެރިކަމުގެ އިތުރުން ސަރަހައްދީ ހަމަޖެހުމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ރާއްޖެއިން ފާހަގަކުރެއެވެ. ރާއްޖެއިން އެ ހަމަލާ ސިފަކުރަނީ، މިއީ ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ރަތްކަނޑާއި ބާބުލް މަންދަބު ސަރަހައްދުގެ ހަމަޖެހުން ނަގާލައި، މަސްލަހަތު ގޯސްކުރުމަށް ހިންގާ ނުރައްކާތެރި އަމަލެއްގެ ގޮތުގައެވެ.
ރާއްޖެއިން ވަނީ އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ނަންބަރު 2216 އަދި 2722 އާ އެއްގޮތަށް އަމަލުކުރުމަށާއި، އދ. ގެ ކަނޑުތަކާ ބެހޭ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.
ސައުދީ އަރަބިއްޔާގެ އިސްތިގުލާލާއި، ސަލާމަތާއި، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެ ގައުމުން އަޅަމުންދާ ހުރިހާ ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަންވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.





.gif&w=3840&q=75)