logo

ހުޅުމާލޭ އަލިފާނުގެ ހާދިސާ: ދުން ފެތުރި، ދުރު ފެންނަ މިންވަރު ދަށަށް!

profile

ޒިދާން މުޙައްމަދު - 10 ޖުލައި 2025 - 15:43

ހުޅުމާލެ، ފޭސް 1، އިންޑަސްޓްރިލް ޒޯންގައި ހިނގާފައިވާ އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ، ދުރު ފެންނަ މިންވަރު ދަށްވެއްޖެއެވެ.

https://wamco.com.mv/

ދިވެހި ގައުމީ ދިފާއީ ބާެރު - އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 6:48 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

އަލިފާން ރޯވެފައިވަނީ އެންސިސްގެ ގުދަން ހުންނަ ތިންވަނަ ފަންގިފިލާގައެވެ.

އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އަންނަނީ ގުދަނުގައި ހުރި ހުޅު ހިފާފާނެ ޒާތުގެ އިތުރު އެއްޗެހި ތަނުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނީ، މިހާދިސާގެ ސަބަބުން، ހާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރާ ކަމަށެވެ.

އެހެންކަމުން، ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދަށްދާ އަދި މަގު ބޭނުންކުރާއިރު، ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ޚިދުމަތުން އެދިފައިވެއެވެ.

އަދި އެ ސަރަހައްދުގެ ކައިރި ހިސާބުތަކުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕާ ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފައިވެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެސަރަހައްދުގައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އަދި އެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ފުލުހުންގެ ޚިދުމަތުން ނަސޭހަތްތެރިވެފައި ވެއެވެ.

https://etukuri.mv/
https://www.aslu.com.mv