logo

ކުށްމަދު އަމާން މުޖުތަމައުއެއް ގާއިމްކުރުމަކީ އެންމެންގެވެސް ޒިންމާއެއް

profile

މުޙައްމަދު ފަޟްލޫން - 11 ޖެނުއަރީ 2026 - 12:25

ކޮންމެ މުޖުތަމައެއްގައިވެސް ނޭދެވޭ ކަންތައްތަކެއް އެކުލެވެއެވެ.

https://wamco.com.mv/

ގިނަ ފަހަރު ނޭދެވޭ ކަންކަން އިސްލާހުކުރުމަކީ ބުރަ ކަމެކެވެ.

ނޭދެވޭ ކަންތައްތައް އިސްލާހުކުރަން މަސައްކަތް ކުރާ ފަރާތްތަކާއި ދަތި އުނދަގޫތައްވެސް ކުރިމަތިވެއެވެ.

ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ކުށްކުރުމުގެ ވައްޓަފާޅިއަށް ބަދަލު އައިސް، ކުށްކުރުން އިތުރުވުމަކީ މިއަދު މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

ދިވެހިރާއްޖޭގައިވެސް ކުށްކުރުން މަދުކޮށް، އަމާން މުޖުތަމައެއް ބިނާކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މަގުމަތީގެ އަމާންކަމާއި ގޭތެރޭގެ އަމާންކަމާއި ގައުމުގެ ހަމަޖެހުމާއި އަމާންކަމަކީ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންނަށް ނުހަނު ބޭނުންތެރިކަމެކެވެ. ގައުމު އަމާންކަން މަތީ ބޭއްވޭނީ ކުށްކުރުން މަދުކޮށްގެންނެވެ. ކުށުގެ ތެރޭގައި ބޮޑެތި ކުށާއި ކުދި ކުށްތައް ހުރެއެވެ. ކުށްކުރުން މަދުކޮށްގެން އުފާވެރި މުޖުތަމައު އެއް ބިނާކުރެވިދާނެއެވެ.

ކުށްކުރުން މަދުކުރުމަށްޓަކައި އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅަކީ އިސްލާމީ ތަރުބިއްޔަތު ވަރުގަދަކުރުމެވެ. ދީނީ ގޮތުން ހަރާމް ކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމަށާއި، މީސްތަކުންގެ މުދަލާއި ފުރާނައަށް އިހުތިރާމްކުރުމުގެ ސިފަ އަށަގެންނެވުމަކީ ކުށުގެ ވެށިން މީހާ ދުރުކޮށްދޭނެ ކަމެކެވެ.

ކުޑަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމާއި، މާތްﷲ ބައްލަވައިވޮޑިގެންވާކަމުގެ އިހުސާސް އަށަގެންނެވުމަކީ މުޖުތަމައު އިސްލާހު ކުރުމުގެ ބިންގަލެވެ.

ކުށްކުރުން މަދުކުރުމުގައި އާއިލާގެ ދައުރު ވަރަށް މުހިއްމެވެ.

ގިނަ ފަހަރަށް ކުށްކުރުމަށް މަގުފަހިވަނީ އާއިލާގެ އަޅާލުން ކުޑަވުމާއި، ގޭތެރޭގެ މާހައުލު ހަލަބޮލިވުމުގެ ސަބަބުންނެވެ. ބެލެނިވެރިން ދަރިންނަށް ދޭ ވަގުތު އިތުރުކޮށް، އެކުދިން އުޅޭނޫޅޭގޮތް ބަލައި، ހެޔޮމަގު ދައްކައިދޭން ޖެހެއެވެ.

އާއިލީ ބަދަހިކަން އޮންނަ މާހައުލެއްގައި ބޮޑުވާ ކުދިން ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ކުޑައެވެ.

ކުށްކުރުން މަދުކުރުމަށް މުޅި މުޖުތަމައު ހޭލުންތެރިކަން އިތުރު ކުރުމަކީ މުހިއްމު ކަމެކެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަކީ ކުށްކުރުން މަދުކުރުމަށް އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅެވެ. ސަބަބަކީ ގިނަ ކުށްތަކަކީ މަސްތުވާތަކެއްޗާ ގުޅިފައިވާ ކަންކަމަށް ވާތީއެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދިނުމަކީވެސް ބޭކާރު ގޮތުގައި މަގުމަތީގައި އުޅޭ ވަގުތު މަދުވެ، ކުށްކުރުމުން ދުރުހެލިވާނެ ކަމެކެވެ.

ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހަރުދަނާ ނިޒާމެއްގެ ދަށުން މަސައްކަތްކުރުމާއި، ކުށް ކުރާ މީހުންނަށް ދޭންޖެހޭ އަދަބު ލަސްނުކޮށް ދިނުމަކީވެސް ކުށްކުރުން މަދުވާނެ ސަބަބެކެވެ. ހަމައެއާއެކު، ކުށްކުރާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ވަރުގަދަކޮށް، އެމީހުންނަކީ މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރަންޖެހެއެވެ.

ސަރުކާރުތަކުން އަބަދުވެސް ކުށްކުރާ މީހުން ރަނގަޅު ހެޔޮ މީހުންގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ގެނައުމަށް މަސައްކަތްތަކެއް ކުރެއެވެ.

ކުށްކުރުން މަދުކުރުމަކީ ހަމައެކަނި ފުލުހުންގެ ނުވަތަ ސަރުކާރުގެ ޒިންމާއެއް ނޫނެވެ.އެއީ ފަރުދީ، އާއިލީ އަދި މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ އެއްބާރުލުން ބޭނުންވާ ކަމެކެވެ.

އެންމެން ގުޅިގެން، އެކަކު އަނެކަކަށް އަޅާލައި، އިސްލާމީ ރީތި އުސޫލުތަކުގައި ހިފަހައްޓައިފިނަމަ، އަމާން އަދި ރައްކާތެރި މުޖުތަމައެއް ބިނާކުރެވޭނެއެވެ.

އެންމެން ގުޅިގެން ކުށްމަދު ވެއްޓެއް ގާއިމްކުރުމަށް މަސައްކަތްކޮށްފިނަމަ އުފާވެރި މުޖުތަމައުއެއް ހާސިލް ކުރުމަކީ ހަމަ ޔަގީނުންވެސް އުނދަގޫ ކަމެއް ނޫނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay