logo

އަލުން ދިރުއްވުން: ބުއްދީގެ ދަލީލާއި، ޢަޤީދާގެ ޙަޤީޤަތް

profile

މުހައްމަދު މުޝްރިފް - 10 ނޮވެމްބަރު 2025 - 17:16

މާތް ވެގެންވާ އިސްލާމް ދީނުގައި، އީމާންކަމުގެ އެންމެ މުހިންމު އަސާސަކީ އާޚިރަތް ދުވަސް ނުވަތަ ޤިޔާމަތް ދުވަހަށް އީމާން ވުމެވެ. އެ ދުވަހުގެ އެންމެ މުހިންމު މަރުޙަލާއަކީ (البَعْثُ) އަލުންދިރުއްވުމެވެ. އެހެންކަމުން އާޚިރަތް ދުވަހަށް އީމާން ވުން ފުރިހަމަވާނީ، ހުރިހާ އިންސިންނާއި ޖިންނިން މަރުވުމަށްފަހު، ޢަމަލުތަކުގެ ޙިސާބު ބެއްލެވުމަށްޓަކައި މާތް ﷲ އަލުން ދިރުއްވާނެ ކަމަށް އީމާންވުމުންނެވެ.

https://wamco.com.mv/

މި ޢަޤީދާއަކީ ހަމައެކަނި ޝަރުޢީ ދަލީލުތަކުގެ މައްޗަށް މުސްލިމުން އީމާން ވާން ޖެހޭ ހަޤީޤަތެވެ. އެހެންނަމަވެސް ބުއްދީގެ ގޮތުންނާއި، ޒަމާނީ ސައިންސުގެ ނަޒަރުން ވެސް މި ޙަޤީޤަތަށް މިއަދު ބާރު ލިބެއެވެ.

ބުއްދީގެ ގޮވާލުން: އިންސާފުގެ ޟަރޫރަތް

އިންސާނާގެ ބުއްދި ޤަބޫލުކުރާ ގޮތުގައި، އަލުން ދިރުއްވުން އޮންނަން ޖެހެއެވެ. އަދި އެއީ އެންމެ އައުލާކަން ބޮޑު ގޮތެވެ. މިހެން ވާންޖެހޭ މުހިންމު ތިން ސަބަބެއް ވެއެވެ:

1. ފުރިހަމަ ޢަދުލު ޤާއިމުކުރުން: ދުނިޔޭގައި އަނިޔާވެރިވީ މީހުންނާއި، އަނިޔާ ލިބުނު މީހުން ވެސް ވެއެވެ. ﷲ އަކީ އެންމެ ފުރިހަމަ ޙިކްމަތްތެރި، ޢަދުލުވެރި ރަސްކަލާނގެއެވެ. ވީމާ، މި ދުނިޔެ ނިމި، އެއްވެސް ޙިސާބު ބެއްލެވުމަކާ ނުލައި މައްސަލަތައް ނިމިގެން ދިއުމަކީ އިންސާނީ ބުއްދީގެ ނަޒަރުން ހަމަޖެހޭ ކަމަކަށް ނުވެއެވެ. ޢަދުލު ފުރިހަމަކުރެއްވުމަށްޓަކައި އަލުން ދިރުއްވުމަކީ ކޮންމެހެންވެސް އޮންނަން ޖެހޭ ކަމެކެވެ.

2. ފުރަތަމަ އުފެއްދެވުމުގެ ކުޅަދުންވަންތަކަން: މާތް ﷲ ވަނީ އެންމެ ފުރަތަމަ ފަހަރަށް އިންސާނާ ހައްދަވާފައެވެ. ޤުރުއާނުގައި އެކަލާނގެ ވަޙީކުރައްވާފައިވާ ފަދައިން، ފުރަތަމަ ފަހަރު އެއިންސާނާ ހެއްދެވި ކަލާނގެއަށް، ފަނާވެފައިވާ ހަށިގަނޑެއް އަލުން ހެއްދެވުމަކީ މާ ފަސޭހަ ކަމެކެވެ.

3. ހެޔޮ ޖަޒާ ދެއްވުން: ހެޔޮ ޢަމަލުކޮށް، ދުނިޔޭގައި ދަތިތަކާ ކުރިމަތިލީ މީހުންނަށް ދެމިގެންދާ ބާއްޖަވެރި ޙަޔާތެއް ނުދެއްވާނަމަ، އެކަލާނގެ ޙިކްމަތްފުޅު ފުރިހަމައެއް ނުވާނެއެވެ.

އެހެން ކަމުން އިންސާނާގެ ބުއްދީގެ ނަޒަރިއްޔާތުން ވެސް އަލުން ދިރުއްވުމަކީ ކޮންމެހެންވެސް ހިނގަން ޖެހޭ ކަމެކެވެ.

ޝަރުޢީ ދަލީލު: "ޢަޖްބުއްޛަނަބް"

އަލުން ދިރުއްވާނެ ގޮތުގެ ވާހަކަ ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުގައި ވަނީ ބަޔާންކުރައްވާފައެވެ. މުޅި ހަށިގަނޑު ފަނާވެ ދިޔަޔަސް، އަލުން ދިރުއްވުމަށް ބޭނުންވާ އަސާސެއް ފަނާނުވެ ބާކީވާނެ ކަމަށެވެ. އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ.

"ބިމުގެ ފަސްގަނޑު އާދަމުގެ ދަރިންގެ ތެރެއިން ހުރިހާ އެންމެން ކައި ހުސްކުރާނެއެވެ. ޢަޖްބުއްޛަނަބް (عَجْبُ الذَّنَبْ) ފިޔަވައެވެ. އެއިންސާނާ ހެއްދެވީ އޭގެ ޒަރިއްޔާއިންނެވެ. އަދި ހަމަ އޭގެ ޒަރިއްޔާއިން (ޤިޔާމަތް ދުވަހުން ވެސް) އަލުން އެ ހަށިގަނޑު އުފައްދަވާނެއެވެ." (ޞަޙީޙުލް މުސްލިމު)

"ޢަޖްބުއްޛަނަބް" އަކީ އިންސާނާގެ ހަށިގަނޑުގައި ވާ ފަނާވެގެން ނުދާނެ ކުޑަ ކަށިކޮޅެކެވެ. އޮށްތަކުން ގަސްތަށް ފަޅާހެން އިންސާނާގެ ހަށިގަނޑު އަލުން އުފެދޭނީ މި ކަށިކޮޅުނެވެ.

މުޅި ހަށިގަނޑު އަލުން ބިނާވެ، އިންސާނާ ޤަބުރުން ނުކުންނާނީ، ވާރޭ ވެހުމަށްފަހު ބިމުން ގަސްތައް ފަޅައިގެން ނުކުންނަ ފަދައިން ކަމަށް ވެސް ހަދީޘްތަކުން އެނގެން އެބައޮތެވެ.

ﷲގެ ކުޅަދުންވަންތަކަމުން ފަނާވެފައިވާ ބިމަށް ވާރޭ ވެހުމުން އެ ބިން އަލުން ދިރުއްވައި ގަސްގަހާގެހި ފަޅުއްވާ ފަދައިން، މަރުވެފައިވާ މީހުން ވެސް އަލުން ދިރުއްވާނެ ކަމށް ކީރިތި ޤުރުއާނުގެ ފުއްޞިލަތު ސޫރަތުގެ 39 ވަނަ އާޔަތުގައި ވަހީކުރައްވާފައި ވެއެވެ.

އެހެންކަމުން އެކަށިކޮޅުން ﷲ ގެ ކުޅަދުންވަންތަކަމުން އިންސާނާ އަލުން އުފެއްދެވުމަކީ، އެކަލާނގެ ކުޅަދުންވަންތަކަމަށް ބަލާއިރު ވަރަށް ކުޑަކުޑަ ކަމެކެވެ.

ސައިންސުގެ ނަޒަރުގައި ފަނާވުމާއި ދިރުން

އިންސާނުންނާއި ހުރިހާ ދިރޭތަކެތީގެ ހަށިގަނޑު ބިނާވެފައިވާ އެންމެ ކުދިކުދި ޒައްރާތަކާއި އެޓަމްތަކާއި އަދި ޑީ.އެން.އޭ (DNA) އަށް ބަލާއިރު، ޙަދީޘްގައިވާ "ޢަޖްބުއްޛަނަބް"ގެ ހަޤީޤަތް ސައިންސުން ހޯދިފައި ވަނީ މާފަހުންނެވެ.

ކޮންމެ އިންސާނެއްގެ ވެސް ޖެނެޓިކް މައުލޫމާތު (Genetic Code) އަކީ ފަނާކޮށްލަން އުނދަގޫ ޑީ.އެން.އޭ ގެ އެތިކޮޅެކެވެ. މުޅި ހަށިގަނޑު ފަނާވިޔަސް، އަލުން ބިނާކުރުމަށް ބޭނުންވާ ފުރިހަމަ "ފަރުމާ" ނުވަތަ "ބްލޫޕްރިންޓް" އެއް ﷲ ސަލާމަތްކުރައްވާނެ ކަން ޙަދީޘުން ދޭހަވެއެވެ. މިކަމުގެ މައުލޫމާތު ވެސް ސައިންސްގެ އަލީގައި އިންސާނުނަށް ހޯދިފައިވަނީ ކީރިތި ރަސޫލާ ﷺ މިކަން ބަޔާންކޮށްދެއްވިތާ އެތައް ޒަމާނެއް ފަހުންނެވެ.

ޚާއްޞަ ނޯޓު: ޢަޤީދާއާއި ސައިންސް

ޢަޖްބުއްޛަނަބް އަކީ ސައިންސުގެ އަލީގައި ދެނެގަނެވިފައިވާ ގޮތުގައި ޅިނދުކަށިގަނޑު (Coccyx) ގެ ނިމޭ ހިސާބުގައި ވާ ކަށިކޮޅުގެ ބައެއް ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް، މުސްލިމެއްގެ ޢަޤީދާގައި މުހިންމީ، އެއީ ހަށިގަނޑުގެ ކޮން ބައެއްކަން ސައިންސުން ހޯދޭތޯ ނުވަތަ ނޫންތޯއެއް ބެލުމެއް ނޫނެވެ. ޢަޤީދާގައި މުހިންމު ވަނީ، އެއީ ﷲ ގެ ކުޅަދުންވަންތަކަމުން ފަނާނުވެ ބާކީވާނެ އެއްޗެއްކަމަށް ޤަބޫލުކުރުމެވެ.

އަލުން ދިރުއްވާނެކަން ތެދުކޮށް އީމާންވުމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ މަޤްޞަދު ކަނޑައަޅައިދޭ އެންމެ މުހިންމު އެއް އަސާސެވެ. ޤުރުއާނާއި ޙަދީޘުން އެކަން ސާބިތުކޮށްދެއެވެ. މި އީމާންކަމުގެ ސަބަބުން ދުނިޔޭގެ ދިރިއުޅުމަކީ އާޚިރަތަށް ތައްޔާރުވުމުގެ ވަގުތީ މަންޒިލެއްކަން ގަބޫލުކުރެވެއެވެ. އަދި އެކަމުގެ ސަބަބުން ހެޔޮ ޢަމަލުތައް ގިނަކޮށް، ނުބައިކަންތައްތަކުން ދުރުވެ، ﷲ ރުއްސަވާ މަގެއްގައި ދިރިއުޅުން ބައްޓަންކުރުމަށް ބާރުއަޅައެވެ.

﴿ وَمِنْ آيَاتِهِ أَنَّكَ تَرَى الْأَرْضَ خَاشِعَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ ۚ إِنَّ الَّذِي أَحْيَاهَا لَمُحْيِي الْمَوْتَىٰ ۚ إِنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ﴾

މާނައީ: "ގަހެއްނެތި ހިކިފައިވާ ބިން، ތިބާ ދެކޭނޫއެވެ. ފަހެ، އެ ބިމުގެ މައްޗަށް ތިމަންރަސްކަލާނގެ ވާރޭ ވެއްސަވައިފިހިނދު، އެބިމުގެ ގަސްތަކުގެ ޙަރަކާތް ފެށި، ގަސްތައް އިތުރުވެއެވެ. އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން، އެ ބިންގަނޑު ދިރުއްވި ރަސްކަލާނގެއީ، މަރުވެފައިވާ ތަކެތި ދިރުއްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (ފުއްޞިލަތު: 39)

https://wamco.com.mv/
https://eportal.mwsc.com.mv/e-pay