
ވޯޓު މަރުކަޒުތަކަށް އޮފިޝަލުން ތަމްރީނުކުރުން- ހުވަދުއަތޮޅު ދެކުނުބުރީގެ ޕްރޮގްރާމުތައް

ރިޟްވާން މޫސާ - 12 ޖެނުއަރީ 2026 - 18:42
ކުރިއަށް އޮތް ލޯކަލް ކަުއްނސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އިލެކްޝަންކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ހުވަދު އަތޮޅު ދެކުނު ބުރީގައި ވޯޓުލާ މަރުކަޒު ތަކުގެ އޮފިޝަލުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުތައް ކުރިއަށްދާ ކަމަށެވެ.
މި މަސައްކަތް ބައްލަވާލެއްވުމަށް އިލެކްޝަން ކޮމިޝަނުގެ މެންބަރު ޑރ.މުހައްމަދު ޒާހިރު ހުވަދު އަތޮޅު ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގައި މިއަދު ވަނީ އެއަތޮޅު ފަރެސްމާތޮޑާ ކައުންސިލާވެސް ބައްދަލުކުރައްވާފަ އެވެ.
ހުވަދު އަތޮޅުގައި މި ތަމްރީން ޕްރޮގްރާމުތައް ކުރިއަށްދަނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 15އިގެ ނިޔަލަށެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އޮންނަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގައެވެ.
އެންޓި ކޮރޮޕްޝަން ކޮމިޝަނުން ވަނީ މިފަހަރުގެ އިންތިހާބަކީ ނަޒާހަތްތެރި އަމާން އޮމާން އިންތިހާބަކަށް ހެދުމަށް ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް އެދިވަޑައިގެންފައވެެ.
އެގޮތުން އިންތިޚާބު އިޢުލާނުކުރާ ދުވަހުން ފެށިގެން ނަތީޖާ އިޢުލާނުކުރާތާ 30 ދުވަހުގެ ނިޔަލަށް، ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ އިންތިޚާބީ ޙައްޤަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެއްވެސް އެއްޗެއް ހަދިޔާގެ ގޮތުގައި ނުވަތަ އެނޫންވެސް ބޭނުމަކު ދިނުމާއި، ދޭން ހުށަހެޅުމާއި ނުވަތަ ވަޢުދުވުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކެންޑިޑޭޓެއްގެ ސިޔާސަތުތައް ހާމަކުރުން ފިޔަވައި، ވަކި ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ފައިސާ ނުވަތަ މަންފާއެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމާއި، އެފަދަ ކަމަކަށް އުޅުމަކީވެސް ރިޝްވަތުގެ ޢަމަލެއްގެ ގޮތުގައި ޤާނޫނީ ގޮތުން މަނާކޮށްފައިވާ ކަންތައްތައް ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.






