
ދެވަނަ ފިޔަވަހީގެ ސްކޫލަށް އަދިވެސް ޖާގަ އެބަ އޮތް- އެޑިއުކޭޝަން މިނިސްޓަރ

ރިޟްވާން މޫސާ - 12 ޖެނުއަރީ 2026 - 12:46
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އަދިވެސް އެ ފުރުސަތު އެބައޮތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މުޅިން އަލަށް އިމާރާތްކޮށްފައިވާ ޝަހީދު އަލީ ސްކޫލަކީ 5 ފަންގިފިލާއަށް ތަރައްޤީ ކޮށްފައިވާ، 50 ކްލާސްރޫމުގެ ސްކޫލެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާތަނަށް 1800 އަށްވުރެ ދަރިވަރުންނަށް ޖާގަ ދީފައިވާ ކަމަށެވެ.
ޝަހީދު އަލީ ސްކޫލްގެ މަސައްކަތް ހިނަގމުން ދާ ގޮތް ބައްލަވައިލެއްވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވަނީ އެސްކޫލަށް ވަޑައިގެންފަ އެވެ.
މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ކަނޑައެޅި ގޮތަށް ދިރާސީ އައު އަހަރާއެކު ޝަހީދު ޢަލީ ސްކޫލުގައި ކިޔެވުން ފަށާނެ ކަމަށެވެ. އަދި ސްކޫލަށް ކުދިން ހޯދުމާ ގުޅޭ މަސައްކަތްތައް މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން ފަށާފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވީ، އެންމެ ފުރަތަމަ ބަލާފައިވަނީ ދެވަނަ ފިޔަވަހިން މާލެއަށް ކިޔަވަން އަންނަ ދަރިވަރުންގެ އަދަދާއި، ފޭސް ދެއަކަށް ކުދިން ބަދަލުކުރަން ބޭނުންވާ މިންވަރަށްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޝްހީދުއަލީ ސްކޫލަށް ވައްދަން ބޭނުންވާ ދަރިވަރުންނަށް އަދިވެސް އެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމާއި، މުދަރިސުންނާއި، ސްޓާފުން ހަމަޖެއްސުމުގެ މަސައްކަތްތައްވެސް ވަރަށް ފުރިހަމައަށް ކުރިއަށްދާ ކަމަށެވެ. އަދި ސްކޫލު ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކުދިންގެ ޔުނީފޯމުގެ ކަންކަންވެސް ރަނގަޅަށްދާ ކަމަށެވެ. ނަމަވެސް މިއީ މުޅިން އަލަށް ހުޅުވާ ސްކޫލެއްކަމުން، ކޮންމެވެސް ވަރެއްގެ ދަތިކަމެއް ހުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ކިޔެވުމުގެ ކަންކަމަށް ބުރޫ އަރާ ފަދަ ދަތިތަކެއް ނާންނާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓު މަރުކަޒުތަކަށް އޮފިޝަލުން ތަމްރީނުކުރުން- ހުވަދުއަތޮޅު ދެކުނުބުރީގެ ޕްރޮގްރާމުތައް
4 ގަޑިއިރު ކުރިން

ބަނގުރާފުޅިތަކާއެކު ހަތަރު މީހަކު ހައްޔަރު
4 ގަޑިއިރު ކުރިން

ސަރުކާރުގެ ޕޮލިޓިކަލް ޑައިރެކްޓަރު ވަކިކޮށްފި
5 ގަޑިއިރު ކުރިން

ގަވައިދާ ޙިލާފު ސިގިރެޓު ވިޔަފާރި- ބިދޭސީ މީހާގެ ބަންދު އިތުރުކޮށްފި
10 ގަޑިއިރު ކުރިން


