logo
ޗެލްސީ އާއި ވުލްވްސް ވާދަކުރި މެޗުގެ ތެރެއިން...

ޗެލްސީ އާއި ވުލްވްސް ވާދަކުރި މެޗުގެ ތެރެއިން...

ވާދަވެރި ކުޅުމަކަށްފަހު ޗެލްސީ އިން ވުލްވްސް ބަލިކޮށްފި

profile

ހަސަން ޝަމްއޫން - 07 ފެބްރުއަރީ 2026 - 18:08

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-1 ގެ ނަތީޖާއަކުން ޗެލްސީ އިން ކާމިޔާބުކޮށްފިއެވެ.

https://wamco.com.mv/

މިނަތީޖާއެކު ލީގުގައި ކުޅުނު 25 މެޗުން ޗެލްސީއަށް 43 ޕޮއިންޓް ލިބުފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި ވުލްވްސް އިން ލީގުގައި ކުޅުނު 25 މެޗުން ހޯދި އަށް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 20 ވަނައިގައެވެ.

ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި 3-2 ގެ ނަތީޖާއަކުން ވެސްޓްހަމް އަތުން މޮޅުވެފައިވާއިރު، ލީގުގައި ވުލްވްސް އެންމެ ފަހުން ކުޅުނު މެޗުގައި ބޯންމައުތު އަތުން އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އަދި މިތިން ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ކޯލް ޕާމާއެވެ.

އެގޮތުން ޗެލްސީގެ ފުރަތަމަ ދެލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓާއި 35 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ދެ ޕެނަލްޓީ ޕާމާ ކާމިޔާބުކުރި، އޭނާ ހެޓްރިކް ފުރިހަމަކުރީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު މާކް ކުކުރެލާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. މީގެ އިތުރުން މިއީ ޗެލްސީގެ ޖާޒީގައި ޕާމާ ކުޅުނު 100 މެޗުގައި އޭނާ ކާމިޔާބުކުރި 50 ވަނަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފުގައި ވުލްވްސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް އެމެނުއަލް އަރޮކޯޑޭ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ވުލްވްސް އިން ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-1 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay