.webp&w=3840&q=75)
މީޑިއާތަކަކީ މާލީގޮތުން މިނިވަން އަދި ބާރުގަދަ ތަންތަނަށް ހެދުމަކީ އަމާޒެއް: އެމްބީސީ

މުޙައްމަދު ފަޟްލޫން - 03 މޭ 2026 - 11:26
މީޑިއާތަކަކީ މާލީގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ އަމާޒެއްކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަން، އެމްބީސީ އިން ބުނެފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެ ކޮމިޝަނުގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ މީޑިއާތަކަކީ މާލީގޮތުން މިނިވަން އަދި ބާރުވެރި މުއައްސަސާތަކަކަށް ހެދުމެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ އޮތީ 106 ވަނަ ދަރަޖައިގައެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު އައިސްފައިވާ ބަދަލެއްކަން ފާހަގަކޮށް، ރާއްޖޭގެ ދަރަޖަ މިއަށްވުރެ މަތީ ހަރުފަތަކަށް ގެންދިއުމަށާއި، ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރަކީ "ސުލްހަވެރި މުސްތަގުބަލެއް ބައްޓަންކުރުން: އިންސާނީ ހައްޤުތަކާއި، ތަރައްޤީއާއި ސަލާމަތަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުން" މިއެވެ.
މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމަކީ ހަމައެކަނި ލިޔެވޭ ލިޔުންތަކެއް ނޫންކަމަށާއި، އެއީ މުޖުތަމައުގެ ސުލްހަ މަސަލަސްކަމާއި، އިންސާނީ ހައްޤުތަކުގެ ދިފާއުގައި ކުރެވޭ މުހިންމު މަސައްކަތެއްކަން ކޮމިޝަނުން ފާހަގަކުރިއެވެ. އަދި ނޫސްވެރިންނަކީ ދައުލަތް ޖަވާބުދާރީކުރުވުމާއި ރައްޔިތުން ބާރުވެރިކުރުވުމުގައި މުހިންމު ދައުރެއް އަދާކުރާ، ދައުލަތުގެ ހަތަރުވަނަ ބާރުކަންވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ މީޑިއާގެ ދާއިރާ އައު އުސްމިންތަކަކަށް ވާސިލުކޮށްދިނުމަށްޓަކައި، ފާއިތުވި މުއްދަތުގެ ތެރޭގައި އެ ކޮމިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ނޫސްވެރިކަމުގެ އައު ސުލޫކީ މިންގަނޑެއް އެކުލަވައިލުމުގެ އިތުރުން، މީޑިއާއާ ގުޅުންހުރި ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް، މީޑިއާތަކަކީ މާލީ ގޮތުން މިނިވަން އަދި ބާރުވެރި މުއައްސަސާތަކަކަށް ހެދުމަކީ ކޮމިޝަނުގެ މައިގަނޑު އެއް މަގުސަދު ކަމުގައި ބަޔާންކުރައްވާފައިވެއެވެ. މީގެ އިތުރުން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އެ ފަރާތްތަކަށް ބޭނުންވާ ޒަމާނީ ތަމްރީނާއި ހުނަރުތައް ފޯރުކޮށްދިނުމަކީ ކޮމިޝަނުން ހާއްސަ އިސްކަމެއް ދޭނެ ކަންކަން ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަކީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމު ހައްގަކަށްވާއިރު، އެއީ ހަމަ އެ މިންވަރަށް ބޮޑެތި ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއްވެސް އެކުލެވިގެންވާ ކަމެއްކަން އެ ކޮމިޝަނުން ހަނދާންކޮށްދެއެވެ. މީޑިއާތަކާއި ނޫސްވެރިންގެ މަސައްކަތަކީ މުޅި މުޖުތަމައުގެ ހައްގަކަށްވާތީ، މައުލޫމާތު ފެތުރުމުގައި ކޮމިޝަނުން ކަނޑައަޅާފައިވާ އަހުލާގީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލެނބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ނޫސްވެރިންނާއި މީޑިއާ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގައްޔާއި، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެ ކޮމިޝަނުން ވަނީ އަރުވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފި
2 ގަޑިއިރު ކުރިން

އެސްޓީއޯ ހެލްތުކެއަރ އިން ބޭޔަރ ފާމަސޫޓިކަލްސް ބާޒާރަށް ނެރެފި
2 ގަޑިއިރު ކުރިން

އެމްޓީސީސީގެ ޑީއެމްޑީކަމަށް މުބީން އައްޔަނުކޮށްފި
2 ގަޑިއިރު ކުރިން
ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ކާރިސާތަކުން ސަލާމަތްތެރިކަން ހޯދަން މަޝްވަރާ ކުރަނީ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)