logo

ތިނަދޫ ފަޅުކޮށްލި ހާދިސާއަށް 62 އަހަރު؛ ހިތްތަކުން އަނިޔާގެ ދިލަ ނުފިލާ!

profile

ޒިދާން މުޙައްމަދު - 22 އޯގަސްޓު 2024 - 20:50

ތިނަދޫ ފަޅުކޮށްލި  ހާދިސާއަށް މިވީ 62 އަހަރު - ގްރެފިކްސް: އިސާމް / އަސްލު

ތިނަދޫ ފަޅުކޮށްލި ހާދިސާއަށް މިވީ 62 އަހަރު - ގްރެފިކްސް: އިސާމް / އަސްލު

ގދ. ތިނަދޫ ފަޅުކުރުމުގެ ކުރިން: އޭރު އެ ރަށަކީ ރާއްޖޭގެ އިގްތިސާދީ ގޮތުން އެންމެ ވަރުގަދަ އެއް ރަށްގދ. ތިނަދޫ ނުވަތަ މިހާރުގެ ނަމުން ނަމަ ތިނަދޫ ސިޓީން މީހުން ބާލައި ރަށް ފަޅުކޮށްލި ބިރުވެރި ހާދިސާ ހިނގި ދުވަސް އެ ތަޖުރިބާކުރި އެކެއްގެ ހިތުންވެސް ފިލައިގެން ނުދާނޭކަން ގައިމެވެ. މީގެ 62 އަހަރުކުރިން 4 ފެބްރުއަރީ 1962 ގައި އުފަން ފަސްގަނޑުން ފައްސާލި ހަނދާން އިއްޔެވީ ކަމެއް ފަދައިން އެ ތަޖުރިބާކުރި މީހުންގެ ހިތްތަކުގައި ބިންވަޅުނެގިފައިވަނީ ފިސާރި ރަނގަޅެވެ. އެ ހިތި ހަނދާން، އެ ކަޅު ދުވަސް، އެ ކަރުނައިގެ ދަނޑިވަޅު، އެ ހިތްދަތި މާޒީ ތިނަދޫގެ ތާރީޚުގައި ލިޔެވިފައިވަނީ އަނިޔާގެ އިންތިހާގެ ގޮތުގައެވެ.

އުފަލާ ހިތްހަމަޖެހުމާއި ފުދުންތެރި ދިރިއުޅުމެއް އުޅެމުން ދަނިކޮށް ކަނޑުފޭރޭ ބަޔަކު ފަދައިން އައިސް އުފަން ވަޒަނުން ބޭރުކޮށްލީ ދުރު ގައުމަކުން އައި ބަޔަކު ނޫނެވެ. އަމިއްލަ ގައުމުގެ ވަލިއްޔުލްއަމުރާއި އޭމަނިއްޕުޅަށް ތަބައުވީ ބައިގަނޑެކެވެ. ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދޭންޖެހޭ ފަރާތުން ދިވެހި ދައުލަތުގެ ރަށެއްގެ ރައްޔިތުންގެ ދިރިއުޅުން ސުންނާފަތި ކޮށްލުމަށް މެދުވެރިވީ ކޮން ސަބަބެއް ކަމެއް އަދިއަދަށް ވެސް ނޭނގެއެވެ. އެ އަނިޔާ ތަހައްމަލުކުރަން ޖެހުނީ ކޮން ކުށެއް އޮވެގެންތޯ މިއީ މިއަދުވެސް ހިތްތަކުގެ ޝަކުވާއެވެ. ޖަވާބު ނެތް ސުވާލެވެ.

އޭރު ތިނަދޫއަކީ ގދ. އަތޮޅުން އެންމެ ފާހަކޮށްލެވޭ ރަށެވެ. "ހަވަރު ތެނަދޫ" ނަމުން މަޝްހޫރު އެރަށަކީ މަސްވެރި ރަށެކެވެ. އެ ރަށާއި ގދ. އަތޮޅުގެ މަސްވެރިކަން މަޝްހޫރުވެގެން ގޮސް ވޯރާ ވިޔަފާރިވެރިންގެ މަޤްބޫލުކަން ހުވަދޫގެ ކަނޑުމަހަށް ލިބިގެންދިޔަ ކަމަށް ބުނެވެއެވެ. ދަގަނޑު ތެޅުމާއި ލޯ ކަންވާރު ހެދުމުގައި އެފަދަ ދެވަނައެއް ނެތް ބަޔެއްގެ ގޮތުގައި ފާހަގަކޮށްލެވުނު ތިނަދޫ ރައްޔިތުންގެ ފަންޑިތަވެރިކަމާއި ބޭސްވެރިކަންވެގެން ގޮސްފައިވަނީ މުޅި ސުވަދީބާއި ތިނަދޫގެ ވެސް ދިފާއީ އައްޑަނައިގެ ގޮތުގައެވެ. މީގެ އިތުރުން ވަޑާމާއި ދަނޑުވެރިކަން ކޮންމެވެސް ވަރަކަށް ކޮށް އުޅުނު އެރަށުގެ ރައްޔިތުންނަކީ އޭރު ތަޢުލީމީ ގޮތުން ވެސް ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއްބަޔަކު ތިބި ރަށެވެ. ގިނަ އަދަދެއްގެ ޝައިޚުން އެރަށުގައި ތިބި ކަމަށް ވެއެވެ. އުފާވެރިކަމާއެކު ފުދިގެން އުޅުނު ތިނަދޫގެ ރައްޔިތުން ބުރަ މަސައްކަތުން އާރާސްތުކުރި ދިރިއުޅުން ފުނޑުފުނޑުވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭއްގާނީ ހާދިސާއެއްގެ ސަބަބުންނެވެ.

ސިފައިންނާއެކު ކުރީގެ ރައީސް އިބްރާހީމް ނާސިރު ތިނަދޫއަށް އަރާވަޑައިގަންނަވަނީ

ތިނަދޫ ފަޅުކޮށްލި ހާދިސާގެ ޚުލާސާއަކަށް ޖެހިލާނަމެވެ. ދިވެހިރާއްޖޭގެ ވެރިޔަކަށް އޭރު ހުންނެވި، ވެލާނާގޭ، އަލްމަރްޙޫމް އިބްރާހީމް ނާސިރާއި ދިވެހި ސިފައިންގެ ތެރެއިން ބަޔަކު ތިނަދޫއަށް އެރީ ކަނޑިބަޑީގެ ބާރުންނެވެ. ބޮޑުވަޒީރު ނާސިރާއި ސިފައިން އެ ރަށަށް އެރީވެސް އެތައް ބައެއްގެ ފުރާނަ ދުއްވާލުމަށްފަހު ކަމަށް ތާރީޚީ ލިޔުންތަކުން ފެންނާން އެބަހުއްޓެވެ. މިއަނިޔާވެރި އަމަލު ހިންގުމަށް ނާސިރާއި ސިފައިން ދަތުރުކުރީ "ސިލްވަރ ކްރެސްޓް" ނަމަކަށް ކިޔުނު ބޯޓެއްގައެވެ. އަނިޔާވެރިކަމާއެކު އެރަށަށް އަރައި އެތައް ދުވަހަކުން ރަށުގެ ރައްޔިތުން ބިނާކުރި ވަސީލަތްތައް ނައްތާލުމަށް ފަހު ނާސިރާއި ނިރުބަވެރި ސިފައިން މަސައްކަތް ކޮށްފައިވަނީ މީހުންގެ މިލްކިއްޔާތު ދުއްވާލުމަށެވެ.

ލިޔެކިޔުންތަކުންނާއި ތަޖުރިބާކުރި މީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި، ނާސިރުގެ އަމުރަށް ސިފައިން ތިނަދޫގެ ގޭގެއަށް ވަދެ ގެތަކުގައި ހުރި ސަމާނުތައް ގެންގޮސް، ވަރަށް ގިނަ ގެތަކުގައި ހުޅުޖަހާ އަންދާލިއެވެ. ސިފައިން ހިންގީ ތިނަދޫގެ ނަސްލު ވެސް އޮޅޭވަރުގެ އަމަލުތަކެއް ކަމަށް ތަޖުރިބާކުރި މީހުން ސިފަކުރެއެވެ. މަސްވެރިކަމަށް ބޭނުންކުރި ބޮޑެތި ދޯނިފަހަރުގައި ރޯކޮށް، ރަށުގެ ފިހާރަތަކާއި ގޯތިގެދޮރު އަންދާލުމަށް ފަހު އެންމެ ފަހުން ރަށުގެ ކުދިބޮޑު އެންމެނަށް މަޖުބޫރުކުރީ މޫދަށް ފޭބުމަށެވެ. އެދުވަހުގެ އިރުއޮއްސުމުގެ ކުރިން ހުރިހާ އެންމެން ފެއްސޭނެ ތަނަކަށް ފެއްސިގެން ދިއުމަށް އަމުރުމައުރޫފު ނެރުނެވެ. އަދި އޭގެ ފަހުން ރަށުގައި ހުރެއްޖެ ކޮންމެ މީހަކީ މަރާލެވޭނެ މީހެއް ކަމުގެ އިންޒާރު ދިނެވެ. ތިނަދޫގެ ބައެއް މީހުން ސިފަކުރަނީ މިއީ ފަލަސްތީނުގައި ހިންގި "ނަކްބާ" ފަދަ ކަމެއްގެ ގޮތުގައެވެ.

ތިނަދޫގައި ދިރިއުޅެމުން ދިޔަ 4000 އެއްހާ ރައްޔިތުންގެ ތެރެއިން އެއް ބަޔަކު މަރާލިއިރު، ރަށުން ފައިބާން މަޖުބޫރުކުރުމުން ބޮއްކުރާ ފަދަ ތަކެތީގައި ބައެއް މީހުން ކައިރި ރަށްރަށަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރިއެވެ. އަނެއް ބަޔަކު މޫދަށް ކަރުތާ ފެނަށް އެރި އެހާލުގައި ތިބެ ދުނިޔެ އަޅައިދިޔައީއެވެ. އޭގެ ހަތަރު އަހަރުފަހުން ތިނަދޫ އަލުން އާބާދުވިއިރު އެނބުރި އެ ރަށަށް އާދެވިފައިވަނީ ގާތްގަނޑަކަށް 1500- 1600 އާ ދެމެދުގެ އަދަދެއްގެ މީހުންނަށެވެ. ނާސިރުގެ އަމުރުފުޅަށް ތިނަދޫ ފަޅުކުރިތާ ހަތަރު އަހަރު ފަހުން 1966 ވަނަ އަހަރު އެރަށު ރައްޔިތުން އެނބުރި ރަށަށްދާން ހުއްދަ ދިނީމާ ދިޔަ ދުވަހު އެރަށުގެ ހާލަތު އޮތް ގޮތް ސިފަކުރަނީ "ގާފުންޏެއް" ގެ ގޮތުގައެވެ.


22 އޮގަސްޓް 1966 ގައި ތިނަދޫ އަލުން އާބާދުވިތާ މިއަދަށް 58 އަހަރު ވީއިރު، ފާއިތު މިވީ 58 އަހަރުގެ ތެރޭގައި ތިނަދޫގެ ރައްޔިތުން މިވަނީ އަލުން އެ ރަށް އާރާސްތުކޮށް އާބާދުކޮށްފައެވެ. އަނިޔާވެރިކަމަށް އިންސާފު ނުލިބި ތިބި ހާލުގައެވެ.

މިއަދުގެ ތިނަދޫ ސިޓީގެ އަސްލަކީ ރައްޔިތުންގެ ހިތްވަރެވެ. އަނިޔާއާ ދެކޮޅަށް ތިނަދޫގެ ހަވަރުން ދެއްކި އެއްބައިވަންތަކަމާއި، އެއްބައެއް ވަންތަކަމުގެ ނަމޫނާއަކީ ތާރީޚަށްޓަކައި އަންނާން އޮތް ޖީލަށް ދޫކޮށްލަންޖެހޭ އިބުރާތްތެރި ފިލާވަޅެކެވެ. މި ޒިކުރާ ތިނަދޫގެ ރައްޔިތުންގެ ހިތްތަކުގައި އަބަދުމެ ދިރާނެއެވެ.

tel:+9607331319