logo

އެމްއެންޑީއެފްގެ ޤައުމީ ލަވަ އަލްބަމް "ދިވެހީން" ނެރެފި

profile

އައިޝަތު އިނާޝާ - 04 ސެޕްޓެމްބަރު 2024 - 22:56

ފޮޓޯ: އެމްއެންޑީއެފް

ފޮޓޯ: އެމްއެންޑީއެފް

ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކު ނެރެމުންދާ "ޤައުމީ ލަވަ އަލްބަމް" މިއަދު ނެރެފިއެވެ.

ޖުމުލަ 6 ލަވަ ހިމެނޭ މި އަހަރުގެ ޤައުމީ ލަވަ އަލްބަމް ޚާއްޞަ ކޮށްފައިވަނީ "ދިވެހީން" މި ތީމަށެވެ. މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ފުންނާބު އުސް ޒުވާން ލަވަކިޔުންތެރިންނެވެ.

މި ފަހަރުގެ ލަވަ އަލްބަމަށް ޅެން ހައްދަވައިދެއްވި ބޭފުޅުންނަކީ އޮނަރަބަލް އާދަމް ނަޞީރު އިބްރާހީމް، އޮނަރަބަލް ޢަބްދުއްރަހީމް ޢަބްދުﷲ، ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރު، އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން، އަލްފާޟިލާ އިއްޒަތު އަޙުމަދު ނިޒާރު، އަދި ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސައީދުއެވެ.

ްއެމްއެންޑީއެފް އިން ބުނިގޮތުގައ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިފަހަރުގެ އަލްބަމްގައި ވެސް ޤައުމީ ރޫޙާއި ޤައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކާއި ރާގުތައް ހިމެނޭނެ ކަމަށާއި މި އަލްބަމްގެ ލަވަތަކުގައި ރާއްޖޭގެ ރީތިކަމާއި، ޖަޒީރާވަންތަކަމާއި، ޤައުމިއްޔަތު ސިފަކޮށްދޭ ލަވަތައް ހިމަނާފައިވާނެ ކަމަށެވެ.

މި އަލްބަމްގެ ރާގު ހައްދަވާފައިވާ ފަރާތްތަކުގެ ތެރޭގައި ކާނަލް ޢަލީ މަނިކު، ވޮރަންޓް އޮފިސަރ 2 ޔޫސުފް ޝިމާޒް، ވޮރަންޓް އޮފިސަރ 2 ޢަބްދުﷲ އިލްހާމް އިބްރާހީމް، ވޮރަންޓް އޮފިސަރ 1 ފަޠުހުﷲ ޝަކީލް ޙުސައިން، ސްޓާފް ސާޖަންޓް އިބްރާހީމް އާސިފް އަދި ލާންސް ކޯޕްރަލް މޫސާ ކަލީމް ހިމެނެއެވެ.

އެމްއެންޑީއެފުން ބުނީ މި އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތާ ގުޅުވައިގެން ނެރުނު އަލްބަމްގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުންނާއި އެމްއެންޑީއެފް އޮފިޝަލް ޔޫޓިއުބް ޗެނަލްއަށް ވަނީ އަޕްލޯޑު ކުރެވިފައި ކަމަށާއި އަދި އަލްބަމްގެ އޯޑިއޯ އަދި ވީޑިއޯ ލަވަތައް އެމްެއެންޑީއެފް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.

މި އަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިންނެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްއިންނެވެ.

އެމްއެންޑީއެފުން ދަނީ 2002 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަހުގެ މުނާޞަބަތުގައި ކޮންމެ އަހަރަކު ވެސް ޤައުމީ ލަވަ އަލްބަމެއް ނެރެމުންނެވެ.

tel:+9607331319