logo

ބީއެމްއެލް އިން އޭޝިއަން ބޭންކަރސް ކޮންފަރެންސް ސެޕްޓެންބަރު 1ގައި ބާއްވަނީ

profile

މުޙައްމަދު ފަޟްލޫން - 30 ޖުލައި 2026 - 17:10

އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް، މިއަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖައްސައި، ބީއެމްއެލް އިން އެކަން އިއުލާނުކޮށްފިއެވެ.

https://wamco.com.mv/

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 1 އިން 3 އަށް ނިވަ ކުރުނބާ މޯލްޑިވްސްގައެވެ.

މިއީ އޭބީއޭގެ ކޮންފަރެންސެއް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރުވެސް ބީއެމްއެލް އިން ވަނީ މި ކޮންފަރެންސް ރާއްޖޭގައި ކާމިޔާބުކަމާއެކު ބާއްވާފައެވެ. ދެވަނަ ފަހަރަށް މި ފުރުސަތު ބީއެމްއެލްއަށް ލިބުމަކީ އޭޝިއާގެ ބޭންކިންގ ދާއިރާގައި އެ ބޭންކުގެ އިތުބާރާއި ލީޑަރޝިޕް ވަރުގަދަވަމުންދާކަމުގެ ހެއްކެއް ކަމަށް ބީއެމްއެލްއިން ދެކެއެވެ.

މި ކޮންފަރެންސްގައި އޭބީއޭގެ މެންބަރު ޤައުމުތަކުގެ ބޭންކުތަކުގެ ސީއީއޯއިންނާއި، ސީނިއަރ އެގްޒެކްޓިވުންގެ އިތުރުން މާލީ ދާއިރާގެ ބައިނަލްއަޤްވާމީ މާހިރުން ބައިވެރިވާނެއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާގެ އިސްވެރިން އެއްތަނަކަށް އެއްވެ، ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އައު ފުރުސަތުތަކުގެ އިތުރުން މާލީ ދާއިރާގެ މުސްތަޤްބަލާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.

ރާއްޖޭގައި މި ކޮންފަރެންސް ބީއެމްއެލް އިން ބާއްވާނެކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރު ބޫޓާނުގައި ބޭއްވި އޭބީއޭގެ 41 ވަނަ ކޮންފަރެންސްގައެވެ.

މި ބައްދަލުވުމުގެ ތެރެއިން ބީއެމްއެލްއަށް ލިބުނު އަނެއް ބޮޑު ކާމިޔާބީއަކީ، އެ އެސޯސިއޭޝަންގެ ވައިސް ޗެއަރމަންގެ މަގާމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އައްޔަންކުރެއްވުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk