
ފެހި ޤާނޫނުއަސާސީގެ ރޫޙާ ޚިލާފަށް ބާރުތައް މަސްހުނިވަމުންދާތީ ކުރީގެ ނައިބު ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި

އާމިނަތު ޝަޒްލާ - 07 އޯގަސްޓު 2026 - 13:44
ދިވެހިރާއްޖޭގެ ފެހި ޤާނޫނުއަސާސީގައި ދައުލަތުގެ ބާރުތައް ވަކިކޮށްފައިވާ ގޮތާ ޚިލާފަށް، އެއް ބާރުގެ ނުފޫޒު އަނެއް ބާރުގެ މައްޗަށް އިންތިހާއަށް އޮތުމުގެ ސަބަބުން ޤައުމުގެ މިސްރާބު އޮޅެމުންދާ ކަމުގެ ކަންބޮޑުވުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ފާޅުކުރައްވައިފިއެވެ.
މިއަދު ފެހި ޤާނޫނުއަސާސީއަށް 18 އަހަރު ފުރިގެންދާއިރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި ވެރިކަމުގެ ހަތަރު ދައުރެއް ފެނި، ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ރައްޔިތުންގެ މެދުގައި މިއަދު އޮތީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ޚާއްޞަކޮށް 2004 އިން 2008 އަށް ޤާނޫނުއަސާސީ އެކުލަވައިލިއިރު ކުރި ފޮނި އުންމީދުތައް ހާސިލުވި މިންވަރާ މެދު ސުވާލު އުފެދޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ އިތުބާރު އޮންނަ ހެޔޮވެރިކަމެއް ޤާއިމުކުރުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު 11 އިސްލާހެއް ފައިސަލް ވަނީ ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 60 އަށް މަދުކޮށް، މުޅި އަތޮޅުން ވޯޓުދީގެން މެންބަރުން ހޮވާ ގޮތަށް ބަދަލުކުރުން ހިމެނެއެވެ.
މީގެ އިތުރުން، ޖޭއެސްސީ އެކުލެވިގެންވާ ގޮތާއި އުއްތަމަ ފަނޑިޔާރު އައްޔަންކުރާ ގޮތް ބަދަލުކޮށް ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކުރުމަށާއި، މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް ނޯންނަ ގޮތަށް ހެދުމަށްވެސް ފައިސަލް ގޮވާލެއްވިއެވެ. އަދި ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސަށް ލިބިދޭ ބާރުތައް ހަނިކުރުމާއި، ސިޔާސީ މުވައްޒަފުން އައްޔަންކުރެވޭނެ އަދަދާއި މިންގަނޑެއް ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.
އިޤްތިޞާދީ ގޮތުން ގެންނަންޖެހޭ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ފައިސަލް ވިދާޅުވީ، ފުރިހަމަ ލާމަރުކަޒީ ނިޒާމަކުން އަތޮޅުތައް ހިންގައި، ތަރައްޤީގެ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ސަރުކާރު ބަދަލުވި ނަމަވެސް މަޝްރޫޢުތައް ކުރިއަށްގެންދަން ލާޒިމުކުރަންޖެހޭ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގެ މަތީ މަގާމުތަކާއި ރިސޯޓުތަކުގެ ތާޑް ޕާޓީ ވިޔަފާރިތައް ދިވެހިންނަށް ޚާއްޞަކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
ކާބޯތަކެތީގެ ޔަޤީންކަން ދެމެހެއްޓުމަށް ދަނޑުވެރިކަމާއި މަސްވެރިކަން ފުޅާކުރުމަށާއި، ބައިނަލްއަޤްވާމީ ފެންވަރަށް މީހުން ބިނާކުރުމުގެ މަޝްރޫޢެއް ހިންގުމަށް ފައިސަލް ބާރުއެޅުއްވިއެވެ. އެންމެ ފަހު ކަމެއްގެ ގޮތުން، ކޮންމެ ރައްޔިތަކަށް އެކަށީގެންވާ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ކަނޑައަޅައި، އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޮންމެ އާއިލާއެއްގެ ހާލަތަށް ބަލައި އެހީދޭނެ ނިޒާމެއް ބޭނުންވާ ކަމަށްވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

"ދަތިވެއްޖެ!" އެމްޑީޕީގެ ޕިކަޕް ޖަލްސާއަށް ހުރިހާ ބޭފުޅުންނަށް ދަޢުވަތު އަރުވައިފި
15 ގަޑިއިރު ކުރިން
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބޮޑު ބަދަލެއް ގެންނަން ޖެހިއްޖެ: ފައްޔާޒް
16 ގަޑިއިރު ކުރިން

"ބޮޑު ބަދަލު" އިސްލާހީ އެޖެންޑާއަށް އާންމުންގެ ހިޔާލު ހޯދުމަށް ޚާއްސަ ވެބްސައިޓެއް!
16 ގަޑިއިރު ކުރިން

އެނގުމަކީ ބާރެއް ބަންޑާރަނައިބުގެ އޮފީހުން އިފްތިތާޙުކޮށްފި
16 ގަޑިއިރު ކުރިން


