
އެއަރޕޯޓް މުވައްޒަފުންނަށް އިންޒާރުދިންކަމަށް ބުނާ ވާހަކަތައް އެމްއޭސީއެލް އިން ދޮގުކޮށްފި

މުޙައްމަދު ފަޟްލޫން - 05 ޖުލައި 2026 - 12:34
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭ ގެ މުވައްޒަފުންނަށް އިންޒާރު ދީފައިވާ ކަމަށް ބުނެ ފެތުރެމުންދާ ހަބަރުތައް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް އިން ދޮގުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން އެމްއޭސީއެލް އިން ބުނީ ، އެ ކުންފުނީގެ މުވައްޒަފުންނަށް ބިރުދައްކާ އިންޒާރު ދީފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު ވާހަކަތަކެކެވެ.
މި މައްސަލައާ ގުޅިގެން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބެގޭޖް ކްލިއަރެންސް ސަރަހައްދުގައި ފަސިންޖަރުންނާ މުއާމަލާތްކޮށް، ކަސްޓަމްސްގެ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބަޔާންކޮށް އެމް.އޭ.ސީ.އެލް އިން ވަނީ ސާކިއުލާއެއް ނެރެފައެވެ.
މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން އެމްއޭސީއެލް އިން ބުނީ، އެއަރޕޯޓަކީ ސަލާމަތީ ގޮތުން ނާޒުކު އަދި މަތީ ދަރަޖައެއްގެ ސެކިއުރިޓީ ބަލަހައްޓާ ތަނަކަށް ވުމުން، ސެކިއުރިޓީ ފާސް ބޭނުންކުރުމުގެ އުސޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަކީ އެ ކުންފުނިން ދާއިމީ ގޮތެއްގައި ކުރަމުން އަންނަ ކަމެއް ކަމަށެވެ.
މީގެ އިތުރުން، ބައެއް މީޑިއާތަކުން މިކަމަކީ ވަކި ހާއްސަ ހާދިސާއަކާ ގުޅުވައިގެން ހިނގާފައިވާ ކަމެއްގެ ގޮތުގައި ސިފަކުރަން އުޅުނު ނަމަވެސް، އެފަދަ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމުގެ ފުރިހަމަ ޔަގީންކަން އެމްއޭސީއެލް އިން ވަނީ ދީފައެވެ.
އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުވައްޒަފުންނެވެ. އެހެންކަމުން، ކުންފުނީގެ އެތެރޭގެ އުސޫލުތަކާ އެއްގޮތަށް ސެކިއުރިޓީ ކަންކަމަށް ސަމާލުވުމަށް އިރުޝާދުދީ ސަރކިއުލަރ ނެރުމަކީ އާންމުކޮށް ކުރަމުން އަންނަ ކަމެއްކަން އެމްއޭސީއެލް އިން ވަނީ ފާހަގަކޮށްފައެވެ.
ވީއައޭ އަކީ ކޮންމެ ދުވަހަކު އެތައް ހާސް ފަސިންޖަރުންނެއް ހިދުމަތް ހޯދާ މުހިންމު ތަނެކެވެ.
ބޯޑަރ ސެކިއުރިޓީ ހަރުދަނާކުރުމަށާއި، ކުށްކުރުމުގެ ފުރުސަތުތައް ނައްތާލުމަށްޓަކައި ގާއިމުކޮށްފައިވާ ސަލާމަތީ ފިޔަވަޅުތަކަށް މުވައްޒަފުން ފުރިހަމައަށް ބޯލަނބައި ސަމާލުވުމަކީ، ގައުމީ ސަލާމަތް ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސްރީލަންކާގެ ޖަލެއްގައި ހިނގި މާރާމާރީއެއްގައި ދެމީހަކު މަރާލައިފި
3 ގަޑިއިރު ކުރިން

ބިންހެލުމާ ގުޅޭގޮތުން ފަތުރަނީ ދޮގު މެސެޖެއް: މެޓް އޮފީސް
3 ގަޑިއިރު ކުރިން

ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް އެންސްޕާގެ ހާއްސަ ނަމްބަރެއް ތައާރަފްކޮށްފި
4 ގަޑިއިރު ކުރިން

ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެލިސްޓަށް ރާއްޖެ އަރައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)