
ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެލިސްޓަށް ރާއްޖެ އަރައިފި

މުޙައްމަދު ފަޟްލޫން - 05 ޖުލައި 2026 - 11:55
މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ހިމަބިހި އެންމެ ހަލުވިކަމާއެކު ފެތުރޭ ގައުމުތަކުގެ ލިސްޓުގައި މިއަހަރު ރާއްޖެ ހިމެނިފައިވާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައެޅިފައިވީ ނަމަވެސް، 2020 އަދި 2023 ވަނަ އަހަރު މި ބަލީގެ ކޭސްތަކެއް ވަނީ ފެނިފައެވެ. މިއަހަރުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ނިސްބަތުން ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޑރ. ފައިސަލް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، މި ސަރަހައްދުން ބަލި ފެތުރޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެއާއެކު ދެން ހިމެނެނީ އިންޑިއާ، ބަންގްލަދޭޝް، މިޔަންމާ، ނޭޕާލް، ލަންކާ އަދި ތައިލެންޑެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 72 ކޭސް ފެނިފައިވާއިރު، މީގެ ތެރެއިން ގިނައީ 14 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނެވެ.
މި އަދަދުގެ ތެރެއިން 14 އަހަރުން ދަށުގެ ހިމެނެނީ އެންމެ ހަތަރު ކުދިންނެވެ.
ހިމަބިހީގެ ކޭސްއެއް ފެނުމާއެކު، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ބަލި ފެތުރުނު ގޮތް ދެނެގަތުމުގެ ތަހުގީގުތައް ހިންގައި، ބަލިމީހާާ އާ ގާތުން ބައްދަލުވި ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ސިއްހީ އިދާރާތަކުން ދަނީ ކުރަމުންނެވެ.
މި ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑީ ބައްޔަށް ދިފާއީ ބާރު ނެތް މީހުންނާއި، ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ކެއްސުން، އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސްރީލަންކާގެ ޖަލެއްގައި ހިނގި މާރާމާރީއެއްގައި ދެމީހަކު މަރާލައިފި
3 ގަޑިއިރު ކުރިން

އެއަރޕޯޓް މުވައްޒަފުންނަށް އިންޒާރުދިންކަމަށް ބުނާ ވާހަކަތައް އެމްއޭސީއެލް އިން ދޮގުކޮށްފި
4 ގަޑިއިރު ކުރިން

ބިންހެލުމާ ގުޅޭގޮތުން ފަތުރަނީ ދޮގު މެސެޖެއް: މެޓް އޮފީސް
4 ގަޑިއިރު ކުރިން

ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް އެންސްޕާގެ ހާއްސަ ނަމްބަރެއް ތައާރަފްކޮށްފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)