logo

ގައުމީ މަސްލަހަތު އިސްކުރުމަކީ ހިޖުރީ އައު އަހަރުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު: ރައީސް

profile

މުޙައްމަދު ފަޟްލޫން - 15 ޖޫން 2026 - 14:49

ބައިބައިވުންތައް އެއްކިބާކޮށް، ގައުމީ މަސްލަހަތު އިސްކުރުމަކީ ހިޖުރީ އައު އަހަރުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ހިޖުރީ އައު އަހަރު ފެށުމުގެ ރަސްމިއްޔާތާއި ގުޅިގެން ފޮނުއްވި ހިތާބުގައި ރައީސް ވަނީ ކީރިތި ރަސޫލާ މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަ ކުރެއްވި މަތިވެރި ހިޖުރައިގެ މަތިން ހަނދާން އާކުރައްވާފައެވެ.

ރައީސްގެ ހިތާބުގައި ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ މައްޗަށް ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންޞާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫޙު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ދިރުވަން ޖެހޭކަން ފާހަގަކުރެއްވިއެވެ.

ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ، މިއަދު މި ބަރަކާތްތެރި މުނާސަބަތުން އަޅުގަނޑުމެން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅުކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ދިޔުމަށް އަތުގުޅާލައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، އަދި އެންމެ މުހިންމު އެއް އަމާޒަކީ، އިސްލާމީ ސައްހަ އަގީދާގެ ބިންގަލުގެ މަތީގައި، އަދި ދިވެހިވަންތަ ރިވެތި އަޚްލާޤުގެ މަތީގައި ބޮޑުވާ، ދީނާއި ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހީންގެ މެދުގައި އޮތް ސައްތައިންސައްތަ އިސްލާމީ ވަޙްދަތަކީ، އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރު ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ، އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، ހުރިހާ ރައްޔިތުންނަށް ޢަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް ކަމަށާއި އެޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް އަރުވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk