logo

އީސީގެ މެމްބަރަކަށް ހައްޖުގެ ކޯޕަރޭޝަންގެ އެމްޑީ ޝަކީލް އައްޔަންކުރަނީ

profile

މުޙައްމަދު ފަޟްލޫން - 15 ޖޫން 2026 - 14:12

އިލެކްޝަންސް ކޮމިޝަންސް، އީސީ ގެ މެމްބަރުކަމުގެ ހުސްވެފައިވާ މަގާމަށް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

https://wamco.com.mv/

އީސީގެ މެންބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު ފުއާދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

ޝަކީލްގެ ނަންފުޅު މަޖިލީހަށް ފޮނުއްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމާ މެދު މަޖިލީހުން ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ޝަކީލްގެ އިތުރުން، އެ މަގާމަށް ކުރިމަތިލެއްވި އެހެން ފަރާތްތަކުގެ ނަންތައް ވެސް ދިރާސާކުރުމަށްޓަކައި މަޖިލީހަށް ވަނީ ފޮނުވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މުޙައްމަދު ޝަކީލަކީ މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

2014 އިން 2018 އަށް ކޮމިޝަންގެ މެންބަރުކަން ކުރެއްވިއިރު، އޭގެ ކުރިން އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ޖުމްލަ 5 މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންނަކީ ކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ސަލާހު ރަޝީދާއި، މެންބަރު ހަސަން ޒަކަރިއްޔާ އާއި، ޢަބްދުލްޙަސީބް އިސްމާޢީލްގެ އިތުރުން ރިފްޢަތު ޢަބްދުﷲ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk