logo

ދިވެހިންނަށް ތައިލޭންޑް އޮން އެރައިވަލް ވިސާ 15 ދުވަހަށް ކުރުކުރަން ނިންމައިފި

profile

މުޙައްމަދު ފަޟްލޫން - 21 މޭ 2026 - 08:50

ދިވެހިންނަށް ތައިލޭންޑް އޮން އެރައިވަލް ވިސާ 15 ދުވަހަށް ކުރުކުރަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

https://wamco.com.mv/

ތައިލެންޑުގެ ވިސާ އެގްޒެމްޕްޝަން އަދި އޮން-އެރައިވަލް ވިސާ ދޫކުރާ އުސޫލުތަކަށް ބަދަލު ގެނައުމަށާއި، 93 ގައުމަކަށް ދެމުންދާ ވިސާގެ ލުއިތައް މުރާޖައާކުރުމަށް އެ ގައުމުގެ ކެބިނެޓުން ނިންމާފައިވާ ކަމަށް 'ބެންކޮކް ޕޯސްޓް' ނޫހުން ރިޕޯޓްކޮށްފިއެވެ.

އެ ނޫހުގައިވާ ގޮތުން، ވިސާގެ އާ އުސޫލުގެ ދަށުން ދިވެހިރާއްޖެ، ސީޝެލްސް އަދި މޮރިޝަސްގެ ރައްޔިތުންނަށް ދެން ދޫކުރާނީ 15 ދުވަހުގެ ވިސާއެވެ. އަދި މީގެ ކުރިން 60 ދުވަހުގެ ވިސާ ލިބެމުންދިޔަ ގައުމުތަކަށް ދެން ލިބޭނީ 30 ދުވަހުގެ ވިސާ ކަމަށްވެސް އެ ނޫހުން މައުލޫމާތުދެއެވެ.

މި ނިންމުމަށް އަމަލުކުރަން ފަށާނީ، ތައިލެންޑުގެ ސަރުކާރުގެ ރަސްމީ ގެޒެޓް (ރޯޔަލް ގެޒެޓް) ގައި މި ބަދަލުތައް ޝާއިއުކުރާ ތާރީޚުން ފެށިގެން 15 ދުވަސް ހަމަވުމުންނެވެ.

ތައިލެންޑުގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ސުރަސަކް ޕަންޗަރޮއެންވޮރަކުލް ފާހަގަކުރެއްވި ގޮތުގައި، 2024 ވަނަ އަހަރު ތައާރަފުކުރި 60 ދުވަހުގެ ލުއި ވިސާގެ ނާޖާއިޒު ފައިދާ ނަގައި، އިންސާނީ ވަގުފާރިއާއި، ހުއްދަނެތި ވަޒީފާ އަދާކުރުމުގެ އިތުރުން ކޯލް ސެންޓަރުތައް މެދުވެރިކޮށް ހިންގާ ބޮޑެތި އޮޅުވާލުންތަކުގެ ކުށްތައް ވަނީ އިތުރުވެފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ބަދަލުތައް ގެނައުމުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ސަލާމަތީ ނިޒާމު ހަރުދަނާކުރުމާއި، ހަމައެކަނި ފަތުރުވެރިންގެ އަދަދަށް ބެލުމުގެ ބަދަލުގައި ފެންވަރު ރަނގަޅު ކޮލިޓީ ފަތުރުވެރިކަމެއް ގާއިމުކުރުން ކަމަށެވެ.

މީގެ އިތުރުން، ވިސާގެ މުއްދަތު އިތުރުކުރުމުގެ ބޭނުމުގައި ބޯޑަރު ހުރަސްކޮށްފައި ވަގުތުން އެނބުރި ގައުމަށް ވަނުމުގެ އުސޫލަށް ވެސް ވަނީ ހަރުކަށި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، އާ ގަވާއިދުގެ ދަށުން އެއްގަމު ބޯޑަރުތަކުން އަހަރަކު ތައިލެންޑަށް ވަދެވޭނެ އެންމެ ގިނަ އަދަދަކީ ދެ ފަހަރު ކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk