.webp&w=3840&q=75)
އިސްރާއީލުން ޣައްޒާއިން 78 މީހަކު ޝަހީދުކޮށްލައިފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 01 ސެޕްޓެމްބަރު 2025 - 05:41
ހައްދުފަހަނައަޅާފައިވާ ހަރުކަށި ޔަހޫދީ އިސްރާއީލުގެ ފައުޖުތަކުން ދިން ހަމަލާތަކުގައި ޣައްޒާއިން 78 މީހަކު ޝަހީދުކޮށްލައިފިއެވެ.
އިސްރާއީލުން ޣައްޒާ ސިޓީ ސުންނާފަތިކުރުމަށް ހިންގާ ޖަރީމާތައް އިތުރަށް ވަރުގަދަ ކުރަމުން ދާކަން ފާުހަގަކޮށްލެވެއެވެ. މިޖަރީމާތަކަކީ ޣައްޒާގެ އެންމެ ބޮޑު އާބަން އޭރިއާ ހިސޯރުކޮށް، ފަލަސްތީނުގެ ގާތްގަނޑަކަށް އެއް މިލިއަން މީހުން ދެކުނުގެ ސަރަހައްދުތަކަށް ގަދަކަމުން ފައްސާލުމުގެ މަގްސަދުގައި ހިނ ހިންގާ ޖަރީމާތަކެކެވެ.
ފަތިހުން ފެށިގެން ޣައްޒާގައި ދިން އެއްގައުމު އަދި ވައިގެ ހަމަލާތަކުގައި މިހާތަނަށް 78 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ކާބޯތަކެތި ހޯދުމުގެ މަސައްކަތުގައި އުޅުނު 32 މީހުން ވެސް ހިމެނެއެވެ.
މިދިޔަ އާދީއްތަ ދުވަހު ޣައްޒާ ސިޓީގައި ފަލަސްތީނުގެ ސިވިލް ޑިފެންސުން ވަނީ އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އަލްޤުދުސް ހޮސްޕިޓަލް ކައިރީގައި ހުރި ޓެންޓުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.
ރެމާލް އަވަށުގެ ކައިރީގައި މީހުން ދިރިއުޅޭ ތަންތަނަށް ދިން ހަމަލާތަކުގައި ފަސް މީހުން ޝަހީދުވެ ތިން މީހަކު ޒަހަމްވެފައިވެއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރު އިސްމާއިލް އަލް ތަވަބްތާ ވިދާޅުވީ އިސްރާއީލުގެ އަސްކަރިއްޔާއިން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި "އެކްސްޕްލޯސިވް ރޮބޮޓް" ބޭނުންކޮށް، ޣައްޒާ ސިޓީގައި ފަލަސްތީނު މީހުން މަޖުބޫރުކޮށް ގެދޮރު ގެއްލުވާލަމުންދާ ކަމަށެވެ.
ޣައްޒާ ސިޓީގެ އިރުމަތީ އަދި ދެކުނުގެ އަވަށްތަކުގައި އަސްކަރީ ބޮމުގެ ހަމަލާތައް އިތުރުވަމުންދާ ކަމަށް ވެސް އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީީހުންނާއި ގްރައުންޑްގައި ހަރަކާތްތެރިވާ ނޫސްވެރިންނާ ހަވާލާދީ ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ބޮމުގެ ހަމަލާތަކުގައި ޝަހީދުވި އަދި ޒަޚަމްވި މީހުންގެ އަދަދު ކަށަވަރުނުވާއިރު އިސްރާއީލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ކާނޭބޯނޭ ގޮތެއް ނެތި، ބަނޑުހައިހޫނުކަމުގައި ޣައްޒާގެ އެތައް ބަޔަކު އަންނަނީ މަރާ ހަނގުރާމަކުރަމުންނެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމާއި މާލްނިއުޓްރިޝަންގެ ސަބަބުން 4 މީހަކު ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ. މިއާއެކު ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވި މީހުންގެ ޖުމުލަ އަދަދު 317 އަށް އަރާފައިވާއިރު އޭގެ ތެރޭގައި 121 ކުޑަކުދިން ހިމެނެއެވެ.
ޣައްޒާ ސިޓީގެ ކޮންޓްރޯލް ނެގުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތުގައި ވަރުގަދަ ހަތިޔާރާއި އިންސާނީ ގިނަ ފައުޖުތަކުގެ ބޭނުންކުރަމުން އަންނައިރު، ޓޭންކުތަކާއި މަތިންދާބޯޓުތަކުން މުޅި ސިޓީ ސުންނާފަތިކޮށް ހަލާކުކޮށްލާފައިވާ ކަމަށް އެ ސަރަހައްދުގައި ތިބޭ ނޫސްވެރިން ރިޕޯޓްކުރެއެވެ.
އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކުގައި ފަތިހުން ފެށިގެން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 25 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި އިރު، އޭގެ ތެރޭގައި އެހީއަށް އެދެމުންދިޔަ ހަތަރު މީހަކު ވެސް ހިމެނޭ ކަމަށް އަލްޖަޒީރާއަށް މެޑިކަލް މަސްދަރުތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ފަލަސްތީނުގެ ރާމަالله އަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ހިންގީ ނުރައްކާތެރި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ފަލަސްތީނު ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
އިސްރާއީލުން ޣައްޒާއާ ދެމެދު ހިނގަމުންދާ އުދުވާންތަކުގައި މިހާތަނަށް 62،966 މީހުން ޝަހީދުކޮށް، 159،266 މީހުން ޒަޚަމްކޮށްލައިފައިވެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލުގައި ދިން ހަމަލާތަކުގައި 1،139 މީހުން މަރުވެފައިވާއިރު 200 އަށް ވުރެ ގިނަ މީހުން ވަނީ ބަންދުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން