logo
ރެއާލް މެޑްރިޑާއި އެލްޗޭ ވާދަކުރި މެޗުގެ ތެރެއިން .

ރެއާލް މެޑްރިޑާއި އެލްޗޭ ވާދަކުރި މެޗުގެ ތެރެއިން .

އެލްޗޭ އާއި އެއްވަރުވެ ރެއާލް މެޑްރިޑަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެ

profile

ހަސަން ޝަމްއޫން - 24 ނޮވެމްބަރު 2025 - 00:51

ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި އެލްޗޭ އާއި ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ތާވަލުގެ ކުރީގައި ތިން ޕޮއިންޓްގެ ލީޑެއް ހޯދުމަށް ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފިއެވެ.

https://wamco.com.mv/

ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ރަޔޯ ވަޔޮކާނޯ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، އެލްޗޭ އިން އެންމެ ފަހުން ކުޅުނު މެޗުގައި ރެއާލް ސޮސިއެޑާޑް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ވަރަށް ރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ އެލްޗޭ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން އަށްވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެލެކްސް ފެބަސް އެވެ.

ރެއާލް މެޑްރިޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑީން ހުއިސަން އެވެ. އަދި އެލްޗޭ އިން މިމެޗުގައި ދެވަނަ ފަހަރަށް ލީޑުހޯދި ލަނޑު ފަހުހާފުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން ފޯވާޑް އަލްވާރޯ ރޮޑްރިގޭޒް އެވެ.

ނަމަވެސް އޭގެ ތިން މިނެޓު ފަހުން ރެއާލްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެލްޗޭގެ ޑިފެންޑަރު ވިކްޓަރ ޗަސްޓް ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 13 މެޗުން ރެއާލް މެޑްރިޑަށް 32 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި ބާސެލޯނާ އޮތީ 13 މެޗުން ހޯދި 31 ޕޮއިންޓާއެކުގައެވެ. އަދި މިމެޗުން ހޯދި އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 13 މެޗުން އެލްޗޭއަށް 16 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ 11 ވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay