logo

މެލޭޝިޔާގައި ޓީބީ ފެތުރޭ މިންވަރު އިތުރުވާތީ ރާއްޖޭގައި ރިސްކް އެސެސްމެންޓް ހަދަނީ

profile

މުޙައްމަދު ފަޟްލޫން - 28 ފެބްރުއަރީ 2026 - 12:57

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާގައި ހަލުއިކަމާ އެކު، ޓީބީ ފެތުރޭތީ، ރާއްޖޭގައި ރިސްކު އެސެސްމަންޓު ހަދަން ފަށައިފި އެވެ.

https://wamco.com.mv/

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މިކަމާ ގުޅޭ ރިސްކް އެސެސްމަންޓެއް ހެދުމަށްފަހު، އެކަމުގެ ތަފުސީލީ މައުލޫމާތު ހިއްސާކުރާނެއެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓްރީން މިދިޔަ ހަފުތާގައި ނެރުނު ރަސްމީ ބަޔާނެއްގައިވާ ގޮތުން، ހަތް ދުވަހުގެ ތެރޭގައި އެ ގައުމުން ޓީބީގެ 596 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

މިއާއެކު، އެ ގައުމުން މިހާތަނަށް ޓީބީއަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 3،000 އަށްވުރެ މައްޗަށް އަރާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޓީބީގެ ކޭސްތައް ފެނުނު ސަރަހައްދުތަކުގެ ތެރޭގައި ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާ ކުއާލަލަމްޕޫރު އަދި ޕުޓްރަޖާޔާ ހިމެނެއެވެ.

ޓީބީ ނުވަތަ ފުއްޕާމޭގެ ބައްޔަކީ 'މައިކޯބެކްޓީރިއަމް ޓިއުބަކިއުލޯސިސް' ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

މިއީ އާންމުކޮށް ފުއްޕާމެއަށް ޖެހޭ ބައްޔެއް ނަމަވެސް، ހަށިގަނޑުގެ އެހެން ގުނަވަންތަކަށްވެސް މި ބަލީގެ އަސަރު ފޯރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، ބަލި ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ބަލިޖެހި، ކުޅުން ޖަރާސީމު ފެންނަ މީހުންގެ ފަރާތުންނެވެ. ބަލިމީހާ ކެއްސައި، ކިނބިހިއަޅައި ނުވަތަ ކުޅުޖެހުމުގެ ތެރެއިން ވައިގެ ތެރެއަށް ބޭރުވާ ޖަރާސީމުތައް އެހެން މީހެއްގެ ނޭވާލާ ނިޒާމަށް ވާސިލުވުމުން ބަލި ފެތުރުމަށް މަގުފަހިވެއެވެ.

ޓީބީއަށް ފަރުވާ ދިނުމަށް މަދުވެގެން ހަ މަސްދުވަހުގެ މުއްދަތެއް ނަގައެވެ.

މިއީ ފަރުވާގެ މުއްދަތު ފުރިހަމަކޮށްފިނަމަ ފަސޭހަވާ ބައްޔެއް ނަމަވެސް، ފަރުވާ ފުރިހަމަނުކޮށްފިނަމަ ބަލީގެ ނުރައްކާ ބޮޑުވެ، ބޭހަށް ނުގުޑާ ވައްތަރުގެ ޓީބީއަށް ބަދަލުވުމުގެ ބިރު އޮވެއެވެ. ރާއްޖޭގައި 1994 ވަނަ އަހަރުން ފެށިގެން ޓީބީއަށް ފަރުވާ ދެމުން އަންނަނީ ޑައިރެކްޓްލީ އޮބްޒާވްޑް ޓްރީޓްމަންޓް' (ޑޮޓްސް) އުސޫލުގެ ދަށުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk