logo

ހަމަލާތަކުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ނައްތާލެވުނު ކަމަށް އެމެރިކާއާއި އިސްރާއީލަށްވެސް މިހާރު ގަބޫލެއް ނުކުރެވޭ

profile

ސައިފް އަޒުހަރު - 25 ޖޫން 2025 - 07:36

އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް "ނައްތާލެވުނު ކަމަށް" އިސްރާއީލަށްވެސް މިހާރު ގަބޫލެއް ނުކުރެވެއެވެ.

https://wamco.com.mv/

ހަނގުރާމައިގައި އީރާނުގެ މައްޗަށް ކުރި ހޯދިއްޖެ ކަމަށްބުނެ މުޖުރިމު ނަތަންޔާހޫ އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ފަރާތުން އިސްރާއީލަށް ކުރިމަތިވެފައި އޮތް ނިއުކްލިއަރ ހަތިޔާރުގެ ނުރައްކަލާއި، ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ ނުރައްކާ އެއްކޮށް ނައްތާލެވުނު ކަމަށެވެ.

އީރާނުން އުފައްދާފައިވާ ބެލިސްޓިކް މިސައިލްތަކަކީ "އިސްރާއީލު ނައްތާލަން" އުފައްދާފައިވާ މިސައިލްތަކެއް ކަމަށްވެސް ނަތަންޔާހޫ ބުނެފައި ވެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބޮންއަޅައި އަދި މިސައިލުން ހަމަލާދިން ނަމަވެސް، އަދި އީރާނުގެ ނިއުކްލިއަރ ގާބިލްކަން ނައްތާލެވުނު ކަމަށް ޓްރަމްޕާއި ނަތަންޔާހޫ ބުނި ނަމަވެސް، އިސްރާއީލުގެ މީޑިއާއިން މިހާރު ފަތުރަމުންދަނީ އެހެން ވާހަކައެކެވެ.

ނަތަންޔާހޫގެ ސަރުކާރުގެ ނަން ހާމަނުކުރާ އިސް އޮފިޝަލުންނާ ހަވާލާދީ އިސްރާއީލު މީޑިއާއިން ބުނެފައިވަނީ، ހަމަލާތަކުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް "ނައްތާލެވުނު ކަމަށް" ގަބޫލު ނުކުރެވޭ ކަމަށެވެ. ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ދެވުނު ކަމަށް ބެލެވޭ ކަމަށެވެ.

އެމެރިކާ ސިފައިންވެސް އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބޮންއެޅުމަށްފަހު އަދިވެސް ގެންދަނީ، އެ ސައިޓްތަކަށް ދެވުނު ގެއްލުންތައް "ބަލަމުން" ނެވެ. ސިފައިންގެ ހަމަލާތަކުގައި އީރާނުގެ ނިއުކްލިއަރ ގާބިލްކަން ތާއަބަދަށް ނައްތާލެވުނު ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ތަކުރާރުކޮށް ބުނި ނަމަވެސް، އެމެރިކާ ސިފައިންގެ ވެރިޔާއާއި، ދިފާއީ ވުޒާރާއަށް އެކަން ކަށަވަރު ކޮށެއް ނުދެވެއެވެ.

އެކިއެކި މަސްދަރުތަކާ ހަވާލާދީ އެމެރިކާގެ މީޑިއާއިންވެސް މިހާރު ބުނަމުންދަނީ، ހަމަލާތަކުގައި އީރާނުގެ ނިއުކްލިއަރ ސައިޓްތައް އެއްކޮށް ހަލާކުކޮށް ނުލެވޭ ކަމަށެވެ. މިހާރު ލީކުވެގެން އުޅޭ، އެމެރިކާގެ ޖާސޫސީ ރިޕޯޓެއްވެސް ބުނަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހަލާކުކޮށްނުލެވޭ ކަމަށެވެ.

އީރާނަށް ދެވުނު ހަމަލާއާއި، އަދި އެ ހަމަލާގެ ނަތީޖާއާ ގުޅޭގޮތުން އެމެރިކާ ސަރުކާރުން ކޮންގްރެސްގެ މައުލޫމާތު ދިނުމަށް މާދަމާއަށް ތާވަލްކުރި ބައްދަވުން ފަސްކުރުމުން، އަރާރުންތައް އިތުރަށް ބޮޑުވެގެން ގޮސްފައި ވެއެވެ. ވެރިކަންކުރާ ރިޕަބްލިކަން ބައެއް މެމްބަރުންނާއި، އަދި އިދިކޮޅު ޑިމޮކްރޭޓުންވެސް ގެންދަނީ އެމެރިކާއިން ދިން ހަމަލާގެ މައުލޫމާތު ވީހާވެސް އަވަހަކަށް ހިއްސާކުރުމަށް ސަރުކާރަށް ޕްރެޝަރ ކުރަމުންނެވެ. އިދިކޮޅު ލީޑަރ ޗަކް ޝުމަރ ވަނީ، ސަރުކާރުން ބިރުންއުޅެނީ ކޮން ކަމަކާތޯ ސުވާލުވެސް ކޮށްފައެވެ.

އދގެ އެޓޮމިކް ހަކަތައާބެހޭ އިދާރާ، އައިއޭއީއޭއިން ބުނެފައިވަނީ، އީރާނުގެ ނިއުކްލިއަރ 3 ސައިޓަށް، ޚާއްސަކޮށް ނަތާންޒް އަދި އިސްފަހާންއަށް އެމެރިކާއިން ދިން ހަމަލާތަކުގައި "މުހިންމު ގެއްލުންތައް" ލިބުނު ކަމަށެވެ.

އެކަމަކު، އައިއޭއީގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ ވިދާޅުވީ، އީރާނުން ފައްކާކޮށްފައިވާ 400 ކިލޯގްރާމްގެ ޔޫރޭނިއަމް ވީތަނެއް ނޭނގޭ ކަމަށެވެ.

އަނެއްކޮޅުން، މަދަނީ ބޭނުމަށް އީރާނުން ތަރައްގީކުރާ ނިއުކްލިއަރ ޕްރޮގްރާމަށް އެއްވެސް ރައްކާތެރިކަމެއް ހޯދައި ނުދެވުނު ކަމަށްބުނެ، އދގެ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީން އީރާނު ވަކިވުމަށް، އީރާނުގެ އެތެރެއިން އެތައްބަޔަކު ގޮވާލަމުން ދިއުމާއި، އެކަމާމެދު ވިސްނަމުންދާ ކަމަށް އީރާނު ސަރުކާރުން ހާމަކޮށްފައިވާތީ، އައިއޭއީއޭއިން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

https://etukuri.mv/
https://www.aslu.com.mv