logo

މި އަހަރުގެ އާޝޫރާ ދުވަހަކީ އަންނަ ހޮނިހިރު ދުވަސް

profile

ޒިދާން މުޙައްމަދު - 02 ޖުލައި 2025 - 11:53

މި އަހަރުގެ އާޝޫރާ ދުވަހަކީ މިމަހުގެ 5 ވާ ހޮނިހިރު ދުވަހެވެ.

އާޝޫރާ ދުވަހަކީ، ކޮންމެ އަހަރެއްގެ ވެސް މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. މިދުވަހަކީ ރޯދަހިފުން ސުންނަތްކަން ގަދަ ދުވަހެކެވެ.

މޫސާ އަލައިހިއްސަލާމްގެ ޒަމާނުގައި އެކަލޭގެފާނު ކޮންމެ މުޙައްރަމް މަހެއްގެ 10 ވަނަ ދުވަހު ރޯދަ ހިއްޕެވިއެވެ. އެއީ އެދުވަހަކީ ފިރްޢައުނުގެ ނުބައިކަމުން، މާތް ﷲ އެކަލޭގެފާނާއި އެކަލޭފާނުގެ ޤައުމުގެ މީހުން ސަލާމަތް ކުރެއްވި ދުވަސްކަމުގައި ވާތީ، އެކަމަށް ޝުކުރުވެރިވެ އެދުވަސް ހަނދުމަ ކުރުމުގެ ގޮތުންނެވެ. އެކަލޭގެފާނަށްފަހު ބައެއް ޔަހޫދީން ވަނީ އެކަން ދަމަހައްޓާ، މުޙައްރަމު މަހުގެ 10 ވަނަ ދުވަހު ރޯދަ ހިފާފައެވެ.

އެކަން މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް އެނގުމުން އެކަލޭގެފާނު ޙަދީޘްކުރެއްވީ

https://wamco.com.mv/

"މޫސާ އަލައިހިއްސަލާމް ސަލާމަތް ކުރެއްވި ދުވަސް ފާހަގަ ކުރެއްވުން އެންމެ އައުލާކަން ބޮޑީ ތިމަންމެން (މުސްލިމުން)" ކަމަށާއި "އެހެންކަމުން ދެން ޖެހިގެން އަންނަ އަހަރަކުން ފެށިގެން، މާތް ﷲ ގެ އިރާދަފުޅާއިއެކު، ތިމަންކަލޭގެފާނު ދުނިޔޭގައި ހުރެއްޖެނަމަ މުޙައްރަމް މަހުގެ ނުވަ ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިއްޕަވާނަން" ކަމަށެވެ.

މުޙައްރަމް މަހުގެ ނުވަ ވަނަ ދުވަހުވެސް ރޯދަ ހިއްޕަވަން އެކަލޭގެފާނު ނިންމެވީ އެއީ ޔަޙޫދީންނާއި އެއްފަދަ ނުކުރުމަށެވެ. އެބައިމީހުން ރޯދަ ހިފަނީ ހަމައެކަނި މުޙައްރަމް މަހުގެ 10 ވަނަ ދުވަހުއެވެ.

ދީނީ ބައެއް ޢިލްމުވެރިން މިހާރު ވިދާޅުވާ ގޮތުގައި، މުޙައްރަމް މަހުގެ 9، 10 އަދި 11 ވަނަ ދުވަހުގައި ވެސް ރޯދަ ހިފުން، މޮޅު އިތުރުކަން ބޮޑުވެގެން ވެއެވެ.

މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެކެވެ.

"ކީރިތި ރަޞޫލާގެ ހަދީޘް ބަސްފުޅުގެ މާނައިގައި މި އޮންނަނީ ތިމަންކަލޭގެފަނު އުންމީދު ކުރައްވަމޭ އެކަމުގެ ސަބބަުން އިސްވެ ގޮސްފައިވާ އަހަރުތަކާއި ކުރިއަށް އޮތް އަހަރުގައި އިންސާނަކަށް ކުރެވިފައި ހުރި ކުދި ފާފަތަކުން ﷲ ސުބްޙާނަހު ވަތަޢާލާ އޭނާ ސަލާމަތްކޮށްދެއްވަނެކަމަށް" ޑރ. މޫސާ އަންވަރު ވިދާޅުވިއެވެ.

ޢާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވައި، އެ ދުވަހާއި އެރޭ "ޢާޝޫރާ ދުޢާ" ގެ ނަމުގައި ވަކި ދުޢާއެއް ކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފައެއް ނެތެވެ. މުޙައްރަމް މަހަކީ، މާތްﷲ ޙުރްމަތްތެރި ކުރައްވާފައިވާ މަހެކެވެ. ރަމަޟާން މަހަށްފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަހެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay